Roadha Mihaaru
ކުރީ ސަރުކާރާއި އިންޑިއާގެ މަޝްވަރާތަކުގެ ތަފުސީލު ދެނީ

އުތުރު ތިލަފަޅާ ބެހޭ ގޮތުން ކުރީގެ ސަރުކާރުން އިންޑިއާއާ ކުރި މަޝްވަރާގެ ތަފްސީލު އެބަހުރި: ނަޝީދު

22 ފެބުރުއަރީ 2021

އުތުރު ތިލަފަޅުގައި ސިފައިންނަށް ހާއްސަ ބަނދަރެއް ތަރައްގީކުރުމާ ބެހޭ ގޮތުން ކުރީގެ ސަރުކާރުން އިންޑިއާއާ އެކު ކޮށްފައިވާ މަޝްވަރާތަކުގެ ތަފްސީލް ލިޔެކިއުންތައް އެބަހުރި ކަމަށާއި އެ ތަފްސީލުތައް މެމްބަރުންނަށް ދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އުތުރު ތިލަފަޅުގައި ސިފައިންނަށް ހާއްސަ ބަނދަރެއް ތަރައްގީކުރުމާ ބެހޭ ގޮތުން ކުރީގެ ސަރުކާރުން އިންޑިއާއާ އެކު ކޮށްފައިވާ މަޝްވަރާތަކުގެ ތަފްސީލް ލިޔެކިއުންތައް އެބަހުރި ކަމަށާއި އެ ތަފްސީލުތައް މެމްބަރުންނަށް ދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އުތުރު ތިލަފަޅުގައި ބަނދަރެއް ހަދަން ރާއްޖެ އާއި އިންޑިއާއިން ސޮއިކުރި އެއްބަސްވުމުގެ ތަފްސީލު ހާމަކުރަން ގޮވާލައި ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަަރު އަހުމަަދު ޝިޔާމް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ބިލެއްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެއް) ވިދާޅުވީ އެ އެއްބަސްވުން ވުޖޫދުކުރަން ކުރީގެ ސަރުކާރުން މަސައްކަތްކޮށްފައިވާ ކަމަށެވެ. އެ މަސައްކަތް ކުރެއްވީ އޭރުގެ ޑިފެންސް މިނިސްޓަރު އަދި މިހާރު މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކަމަށް ވިދާޅުވެ، އޭނާއަށް ހަލީމް ޝުކުރު އަދާކުރެއްވި އެވެ.

ހަލީމް އެހެން ވިދާޅުވުމުން ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ނިޒާމާ ބެހޭ ނުކުތާއެއް ކަމަށް ވިދާޅުވެ، ފުރުސަތެއް ހޯއްދަވައިގެން ވިދާޅުވީ އެއީ އިތުރުފުޅެއް ކަމަށެވެ. އެކަމަކު އޭނާއަށް ވިސްނިވަޑައިގެންފައި އޮތީ ހަލީމް ވިދާޅުވީ އިންޑިއާއާ އެކު ވީ އެއްބަސްވުމެއްގައި އާދަމް ޝަރީފް ސޮއިކުރެއްވި ވާހަކަ ކަމަށެވެ. އޭނާ ދޮގުކުރެއްވީ އެހެންވެ އެ ވާހަކަ އެވެ.

އެ ހިސާބުން އެ ވާހަކައިގެ ތެރެއަށް ވެދެވަޑައިގެން ނަޝީދު ވިދާޅުވީ އެއްބަސްވުމެއްގައި ސިއްރުކުރެއްވި ވާހަކަ ހަލީމް ވިދާޅުނުވާ ކަމަށާއި ނަމަވެސް މަޝްވަރާތަކުގެ ޔައުމިއްޔާތަކާއި އެމްއޯޔޫތައް އެބަހުރި ކަމަށެވެ.

"އެހެން ނަމަވެސް މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންސް އާއި ފްރޭމްވޯމް އެއްބަސްވުންތަކާއި އަދި ކިތަންމެ ޖަލްސާއެއްގެ މީޓިންގްތަކުގެ، ބައްދަލުވުންތަކުގެ ޔައުމިއްޔާ، މި މަޖިލީހުގައި ސާފުކޮށް، ހުރިހާ ބޭފުޅުން ސޮއިކުރައްވާފައި އެބަހުރި،" ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ އެ ލިޔެކިއުންތައް ބިލެއްދޫ ދާއިރާގެ މެމްބަރަށް ދެއްކެވި ކަމަށާއި ޝިޔާމަށް ވެސް އެ ލިޔެކިއުންތައް ދެއްވާނެ ކަމަށެވެ.

"އަޅުގަނޑު ހަގީގަތުގައި ޕޯޓަލްއަށް އެ ހުރިހާ ޑޮކިއުމަަންޓެއް ލައިދޭނަން،" ނަޝީދު ވިދާޅުވި އެވެ.

އުތުރު ތިލަފަޅުގައި ބަނދަރެއް ތަރައްގީކުރުމަަށް ރާއްޖޭން އިންޑިއާއާ އެކު ސޮއިކުރި އެއްބަސްވުމާއި އެ ގައުމާ އެކުގައި ވެފައިވާ ލޯނު އެއްބަސްވުންތަކުގެ ތަފްސީލު މަޖިލީހަށް ދޭން ގޮވައިލައްވައި ކުއްލި މައްސަލައެއް މިއަދު ހުށަހެޅި އިރު، އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމާ މެދު އިދިކޮޅުން އަބަދުވެސް ގެންދަނީ ސުވާލު އުފައްދަމުންނެވެ. އެކަމުގައި ރާއްޖޭގެ ގައުމީ މަސްލަހަތަށް ގެއްލުންވާ ގޮތަށް ސަރުކާރުން އަމަލުކުރާ ކަމަށް އިދިކޮޅުން ކުރިއްސުރެ ދަނީ ތުހުމަތުތައް ކުރަމުންނެވެ.