Roadha Mihaaru
އިންޑިއާ އައުޓް: މާރިޔާގެ ހަމަލާތައް ޔާމީނަށް!

އިންޑިއާ އައުޓް: މާރިޔާގެ ހަމަލާތައް ކުރީގެ ރައީސް ޔާމީނަށް

18 ފެބުރުއަރީ 2022

އިދިކޮޅު ފަރާތްތަކުން ހިންގާ އިންޑިއާ އައުޓް ކެމްޕެއިނަކީ ޓެރަރިޒަމަށް ހިތްވަރު ލިބޭ އަދި ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޑިފެންސް މިނިސްޓަރު މާރިޔާގެ ބަހުގެ ހޫނު ހަމަލާތަކެއް މިރޭ އަމާޒު ކުރައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އިދިކޮޅު ފަރާތްތަކުން ހިންގާ އިންޑިއާ އައުޓް ކެމްޕެއިނަކީ ޓެރަރިޒަމަށް ހިތްވަރު ލިބޭ އަދި ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޑިފެންސް މިނިސްޓަރު މާރިޔާގެ ބަހުގެ ހޫނު ހަމަލާތަކެއް މިރޭ އަމާޒު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމެޓީގައި މާރިޔާ ވިދާޅުވީ އިންޑިއާ އައުޓް ކެމްޕެއިންގައި ޖިހާދަށް ގޮވާލައި، ޓެރަރިޒަމަށް ހިތްވަރު ދެމުންދާ ކަމަށެވެ. އަދި ރަޝިއާ އާއި ޔުކްރެއިންގެ މައްސަލައަށް އިޝާރާތް ކުރައްވައި، އޭނާ ވިދާޅުވީ ސަރަހައްދީ ގައުމުތަކާ ގުޅުން ކަނޑާލުމުން އެކަމުގެ އަސަރުކުރާނެ ކަމަށާއި އެހެންވެ އެ ކެމްޕެއިނަކީ ނުރައްކަލެއް ކަމަށެވެ. މާރިޔާ ވިދާޅުވީ އޭނާގެ އިތުރުން ސިފައިންގެ އިސް އޮފިސަރުންނާއި ސިފައިންގެ ލަފާ ދޭ މަޖިލީހުން ވެސް އެކަން ގަބޫލުކުރާ ކަމަށެވެ.

"ހުރިހާ ބޭފުޅުން ވެސް އިއްތިފާގުވޭ ރައީސް ޔާމީންގެ އިންޑިއާ އައުޓް ކެމްޕެއިނަކީ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ހުރި ބޮޑު ނުރައްކަލެއް ކަމަށް،" ސިފައިންގެ އިސް އޮފިސަރުންތަކެއް ވެސް ބައިވެރިވެވަޑައިގެންނެވި ކޮމެޓީގައި މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވި ގޮތުގައި އިންޑިއާ އަކީ އެންމެ ގިނައިން ދިވެހިން ބޭސްފަރުވާއަށް ދާ ގައުމު ކަމަށް ވާއިރު އަދި ގިނަ ކާބޯތަކެތި އެ ގައުމުން ރާއްޖެ އެތެރެކުރާއިރު އެ ގައުމާ ދެކޮޅަށް ޔާމީން ދައްކަވާ ވާހަކަތަކުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބޭނީ އާންމު ރައްޔިތުންނަށް ކަމަށެވެ. އަދި އިންޑިއާ އައުޓް ކެމްޕެއިންގެ ސަބަބުން، ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ މީހުންނަށް އެކި ކަހަލަ ނުރައްކާތައް ކުރިމަތިވެ، އެ މީހުން ވެސް ތިބީ ބިރުވެރިކަމެއްގައި ކަމަށް ވިދާޅުވި އެވެ.

"ރައީސް ޔާމީނަށް ކަމެއް ވީމަ ދުރު ތަންތަނުން ޚާއްސަ ޖެޓާއި އެއްޗެހި ފޮނުވާނެ. އެއީ އެ ބޭފުޅުންގެ މަގާމާއި އެ ބޭފުޅުންގެ ހައިސިއްޔަތަށް ބޭރު ގައުމުތަކުން އެ ދޭ ރެސްޕެކްޓާއި ހުރިހާ ކަމެއްގެ ތެރެއިން. އެކަމަކު އާންމު މީހާ ދާން އޮތީ ޖެހިގެން އޮތް އިންޑިއާއަށް. ކެންސަރު ބަލީގައި، ކިޑްނީ ބަލީގައި ފަރުވާކުރަން ދާން އޮތީ އެތަނަށް،" މާރިޔާ ވިދާޅުވި އެވެ.

ގައުމީ ސަލާމަތާބެހޭ ކޮމިޓީގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ގައުމީ ސަލާމަތާބެހޭ ކޮމިޓީގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އެ ކޮމެޓީީގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ ސަރަހައްދުގެ ހަމަޖެހުމަށްޓަކައި ސަލާމަތީ ކަންކަން އަބަދުވެސް ބަލަހައްޓަނީ ހުރިހާ ގައުމަކާ ގުޅިގެން ކަމަށެވެ. އަދި އިންޑިއާއިން އަމިއްލައަށް ރާއްޖޭގައި ހިންގާ މައިގަނޑު އޮޕަރޭޝަންތަކަކީ ބަލި މީހުން އުފުލުމާއި ސާޗް އެންޑް ރެސްކިއުގެ އޮޕަރޭޝަންތައް ކަމަށް ވިދާޅުވި އެވެ. އަދި ރާއްޖޭގެ މިނިވަންކަން ދިފާއުކުރާނީ ދިވެހި ސިފައިން ކަމަށް ވިދާޅުވެ، އެކަމުގެ ޔަގީންކަން ޝަމާލް ދެއްވި އެވެ.

"ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލާއި ސިޔާދަތު ނަގަހައްޓާނީ ދިވެހި ސިފައިން. އަޅުގަނޑު ވަރަށް ސަރީހަކޮށް ބޭނުންވޭ އެކަން ފާހަގަކޮށްލަން. ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލް ނެގެހެއްޓުމަށްޓަކައި، ދިފާއު ކުރުމަށްޓަކައި ދިވެހި ސިފައިން ތިބީ ގާބިލްކަން މަތީގައި ތައްޔާރަށް. އެކަން ދިވެހި ސިފައިން ކެރިގެން ކުރާނެ،" ސިފައިންގެ ގިނަ އޮފިސަރުންތަކެއް ބައިވެރިވެވަޑައިގެންނެވި ކޮމެޓީގައި ޝަމާލް ވިދާޅުވި އެވެ.

މާރިޔާގެ ބަހުގެ ހޫނު ހަމަލާތައް ޔާމީނަށް

ޔާމީން ވެރިކަމުގައި އެ މަނިކުފާނު އަމަލުކުރެއްވި ގޮތްތައް ފާހަގަކުރައްވައި، އެ މަނިކުފާނަކީ ހުދުމުހުތާރު ބޭފުޅެއް ކަމަށް މާރިޔާ ވިދާޅުވި އެވެ. އިދިކޮޅު ލީޑަރުން ޖަލަށްލުމާއި ދެ ނައިބު ރައީސުން މަގާމުން ދުރުކޮށް، އެތައް މެމްބަރުންތަކެއްގެ ގޮނޑި ގެއްލުވާލައި، ޖަލަށްލި ކަމަށް މާރިޔާ ވިދާޅުވި އެވެ. އަދި "އަނބިމީހާ ވަރިކޮށްލާ ފަދަ ގޮތަކަށް" ކޮމަންވެލްތާއި ގަތަރާއި ގުޅުން ކަނޑާލުމުމަށް ފަހު މިހާރު ވެސް އެ މަނިކުފާނު އަމަލު ކުރައްވަނީ އެގޮތަށް ކަމަށް މާރިޔާ ވިދާޅުވި އެވެ.

"ރައީސް ޔާމީނަކީ ގައުމާއި ރައްޔިތުންނަށް ދެން ވާނެ ގޮތަކަށް ބެލުމެއް ނެތި ކަންކަން ކުރައްވާ ޚުދުމުޚުތާރު ކަމުގެ ލާމަސީލު މިސާލެއް. މިނިވަންކަމުގެ ސުޕަ ސްޓާރު ކަމުގައި މިއަދު ހެދިގެން ހުންނަވައި، މިއަދު އެ ހިންގަވާ އިންޑިއާ އައުޓް ސްލޯގަނުން ރައްޔިތުންގެ ނިކަމެތިވެ، އަޅުވެތިވާނެ ހުރިހާ ގޮތަކަށް އެބަ މަސައްކަތް ކުރައްވާ،" މާރިޔާ ވިދާޅުވި އެވެ.

މީގެ އިތުރުން އެ މަނިކުފާނު އިންޑިއާ އައުޓް ކެމްޕެއިން ހިންގަވަނީ އެ މަނިކުފާނުގެ ވެރިކަމުގައި ހިނގި ބޮޑު ޚިޔާނާތާއި މަރުތަކުގެ އިތުރުން މީޑިއާތަކަށް އެޅި ފިޔަވަޅުތަކުގެ ވާހަކަތައް ފޮރުވުމުގެ ގޮތުން ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.

އުތުރު ތިލަފަޅަށް ހިނގަނީ ރާއްޖޭގެ ބާރު

އުތުރު ތިލަފަޅު އިންޑިއާއިން ތަރައްގީކުރަނީ އެ ގައުމުގެ ބާރު ހިނގާ އަސްކަރީ މަރުކަޒެއްގެ ގޮތުގައި ކަމަށް ޔާމީން ވިދާޅުވެފައިވާތީ އެކަން ދޮގު ކުރައްވައި، މާރިޔާ ވިދާޅުވީ އެފަދަ އެއްވެސް ކަމެއް އެއްބަސްވުމުގައި ނޯންނާނެ ކަމަށާއި އެތަނަކީ ދިވެހި ސަރުކާރުގެ ފުރިހަމަ ބާރު އޮންނަ ތަނެއް ކަމަށެވެ. އަދި ދައުލަތުގެ ސިއްރު ލިޔުންތައް އެގޮތަށް ހާމަކުރަމުން ދިއުމަކީ ވެސް ގައުމުތަކުން ރާއްޖެއާ އެފަދަ މުއާމަލާތްތައް ކުރަން ޖެހިލުންވާނެ ސަބަބެއް ކަމަށް މާރިޔާ ވިދާޅުވި އެވެ.

"ދުނިޔޭގެ އެހެން ގައުމުތަކުގައި މިއީ ޖިނާއީ ކުށެއްގެ ގޮތުގައި ހިމެނިފައިވާ ކަމެއް،" ދިފާއީ ސިއްރު ލިޔުންތައް ސޯޝަލް މީޑިއާގައި އާންމު ކުރަމުންދާތީ އެކަމަށް އިޝާރާތް ކުރައްވައި މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވި ގޮތުގައި އިންޑިއާއިން ހަދިޔާކުރި ހެލިކޮޕްޓަރު އަނބުރާ ގެންދަން ޔާމީންގެ ވެރިކަމުގައި އެދިވަޑައިގަތަސް، އެ ހެލިކޮޕްޓަރުގެ ސަބަބުން އެތައް ފައިދާތަކެއް ލިބުނުކަން އިންޑިއާ ސަރުކާރަށް އޭރު ރާއްޖެއިން ފޮނުވި ސިޓީގައި ބުނެފައި އޮތެވެ. އަދި ހެލިކޮޕްޓަރު ގެންދަން އެދުނީ ވެސް އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭތީ ކަންބޮޑުވެގެން ނޫން ކަމަށާއި އެ މަނިކުފާނުގެ ވެރިކަމުގައި ދިވެހި ސިފައިންނަށް ވެސް އެފަދަ އަމުރެއް ކުރައްވާފައި ނުވާ ކަމަށް މާރިޔާ ވިދާޅުވި އެވެ.

"ހެލިކޮޕްޓަރު އަނބުރާ ގެންދަން ބުނެފައި އޮތް ޖުމްލައިގައި ހަމަ އެބައޮތް ޑޯނިއާއެއް ގެންނަން ބޭނުންވާ ވާހަކަ،" މާރިޔާ ވިދާޅުވި އެވެ.

މީގެ އިތުރުން އިންޑިއާއާ އެކު ދިފާއީ ދާއިރާގެ އެއްބަސްވުންތަކުގައި ރާއްޖެއިން ސޮއިކުރީ ޔާމީންގެ ވެރިކަމުގައި އެ މަނިކުފާނު 2016 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ކަމަށް މާރިޔާ ވިދާޅުވި އެވެ.