ރާއްޖޭގައި އުފެދޭ ކުނީގެ އެއް ޕަސެންޓަކީ ޕްލާސްޓިކް ފުޅި ކަމަށް މޯލްޑިވްސް އޯޝަންސް ޕްލާސްޓިކް އެލަޔަންސް (މޯޕާ) އާއި އެންއައިޖީ ކެޕިޓަލް ކޮންސަލްޓަންސީ ފާމް ގުޅިގެން ތައްޔާރުކުރި ރިޕޯޓެއްގައި ބުނެފި އެވެ.
23 ފެބުރުއަރީ 2021
ރާއްޖޭގައި އުފެދޭ ކުނީގެ އެއް ޕަސެންޓަކީ ޕްލާސްޓިކް ފުޅި ކަމަށް މޯލްޑިވްސް އޯޝަންސް ޕްލާސްޓިކް އެލަޔަންސް (މޯޕާ) އާއި އެންއައިޖީ ކެޕިޓަލް ކޮންސަލްޓަންސީ ފާމް ގުޅިގެން ތައްޔާރުކުރި ރިޕޯޓެއްގައި ބުނެފި އެވެ.
ވާޗުއަލްކޮށް އިއްޔެ ބޭއްވި އިވެންޓްގައި ލޯންޗްކުރި "ޕްލާސްޓިކް ފުޅި ބޭނުންކުރުމުން ރާއްޖެއަށް ކުރާ އިޖްތިމާއީ އަދި އިގްތިސާދީ އަސަރު ދެނެގަތުން" ރިޕޯޓުގައި ވަނީ ޕްލާސްޓިކް ފުޅީގެ ނުރައްކާ ބޮޑުވެފައި ވާތީ އެ ރިސައިކަލް ކުރެވޭނެ ނިޒާމެއް ހަމަޖައްސަންޖެހޭ ކަމަށް ވެސް ބުނެފަ އެވެ.
އެންއައިޖީ ކެޕިޓަލްގެ ސީއީއޯ އަހުމަދު ނަސީރު އާއި މޯޕާގެ ރައީސް އަދި ކުރީގެ އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އިއްޔެ ހުލާސާކޮށް ހުށަހަޅައިދެއްވި ރިޕޯޓް މިހާރު ވަނީ އެތަނުގެ ވެބްސައިޓްގައި ޝާއިއުކޮށްފަ އެވެ.
މި ރިޕޯޓުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ޕްލާސްޓިކް ބޭނުންކުރާ މިންވަރާއި އެ ނައްތާލަނީ ކިހިނެއްކަން ދެނެގަތުމެވެ. ގޭބިސީތަކުން ޕްލާސްޓިކް ބޭނުންކުރާ މިންވަރު ބަލަން އެންއައިޖީ ކެޕިޓަލް އިން ކުރިއަށް ގެންދިޔަ ގައުމީ ފެންވަރުގެ ދިރާސާއަކުން އެނގުނީ، ރާއްޖެ އިން އުފައްދާ 12 ޕަސެންޓުގެ ކުންޏަކީ ޕްލާސްޓިކް ކަމެވެ. އަދި ޖުމްލަ ކުނީގެ އެއް ޕަސެންޓަކީ ޕްލާސްޓިކް ފުޅި އޭގައިވެ އެވެ.
ރާއްޖޭގެ ގޭބިސީތަކުން 45 ޕަސެންޓަކީ އިސްކުރު ފެން ބޭނުންކުރުމުގެ ބަދަލުގައި ޕްލާސްޓިކް ފުޅީގައި ހުންނަ ބޯފެން ބޭނުންކުރާ ގެތަކެވެ. މާލޭގައި އުޅޭ 78 ޕަސެންޓު މީހުން ބޭނުންކުރަނީ ޕްލާސްޓިކް ފުޅީގައި ހުންނަ ފެނެވެ. އެއީ ގުދްރަތީ ސާފު ބޯފެން ލިބެން ދަތިވުމާއި ސަޕްލައި ފެނުގެ ރަހަ ކަމުނުދާތީ އާއި އެ ފެނުގެ ރައްކާތެރިކަމަށް އިތުބާރުނުކުރާތީ ކަމަށް ވެސް މި ރިޕޯޓުގައިވެ އެވެ.
ދެން އެންމެ ގިނައިން ޕްލާސްޓިކް ފުޅި ބޭނުންކުރަނީ ރެސްޓޯރަންޓްތަކާއި ކެފޭތަކުންނެވެ.
ޕްލާސްޓިކް ފުޅި އަކީ ފަސޭހައިން ރިސައިކަލްކުރެވޭ ގޮތަށް އުފައްދާ އެއްޗެއް ކަމަށް 87 ޕަސެންޓު މީހުންނަށް އެނގޭ ކަމަށް މި ރިޕޯޓުގައި ވެ އެވެ. ނަމަވެސް ކުނި ވަކިކުރުމުގައި ފަސޭހަ ގޮތެއް ނެތުމުން ރިސައިކަލްކުރަން ރާއްޖޭގައި އުނދަގޫ ކަމަށް 59 ޕަސެންޓް މީހުން ބުނެފައިވެ އެވެ.
ޕްލާސްޓިކް ރިސައިކަލް ކުރަން މި ރިޕޯޓުގައި ހުށަހަޅާފައި ވަނީ، އެ ޒިންމާ ކޮންސިއުމަރުންގެ ކިބައިން ނެގުމަށް ފަހު އެ އުފައްދާ ކުންފުނިތަކާ ހަވާލުކުރެވޭނެ އުސޫލެއް ތައާރަފްކުރުމަށް ފަހު އެވެ. އަދި ޕްލާސްޓިކް އެއްކޮށް، ބޭރަށް ރިސައިކަލް ކުރަން ފޮނުވޭނެ އިންތިޒާމް ހަމަޖައްސަން ވެސް ބުނެފައިވެ އެވެ. އަދި ރާއްޖޭގައި ރިސައިކަލްކުރެވޭ ގޮތް މުސްތަގްބަލުގައި ހެދުން މުހިއްމު ކަމަށާއި ސަޕްލައި ފެނަށް އާންމުންކުރާ އިތުބާރު އިތުރުކުރަން މަސައްކަތްކުރަން ވެސް ބުނެފައިވެ އެވެ.
ރިޕޯޓުގައިވާ ހުށަހެޅުންތައް ހިއްސާކުރެއްވުމަށް ފަހު ތޯރިގް ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލާ އިރު އާއި ކުނި މެނޭޖްކުރުމުގެ ކަންކަން ނިންމާއިރު މި ދިރާސާ އިން ފާހަހަގަކުރެވިފައިވާ ކަންކަމަށް ސަމާލުކަން ދޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
100 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ހަދަނީ
މުއްސަނދި ގައުމުތަކުގެ ވެރިން އިލެކްޓްރޯނިކް ކުނިބުނިން
ޕްލާސްޓިކް ފުޅި ނަގައި ރިސައިކަލްކުރަން ފޮނުވަނީ
ޖޫސްބޯ ޕްލާސްޓިކް ހޮޅި އާއި ކަފަބުރު ޔޫކޭގައި މަނާކޮށްފި
"ޕްރިންގްލްސް" ޗިޕްސް ދަޅު ތިމާވެއްޓާ ރައްޓެހިކުރަނީ
2040 އަށް 1.3 ބިލިއަން ޓަނުގެ ޕްލާސްޓިކް ކުނި
ކުޑަކުއްޖަކު ޕްލާސްޓިކް ކުލަ ފަންސުރާ ދެކޮޅަށް
ޕްލާސްޓިކް މަދުވާނީ އީ-ވޭސްޓް މަދުކޮށްގެން
ޕްލާސްޓިކާ މެދު ރަނގަޅު ސިޔާސަތެއް، ނޫނީ ނާކާމިޔާބު!
ހިލްޓަނުން ސައިބޯނި ރިސައިކަލްކުރަން ފަށަނީ