Roadha Mihaaru
"ޕްރިންގްލްސް" ޗިޕްސް ދަޅު ތިމާވެއްޓާ ރައްޓެހިކުރަނީ

"ޕްރިންގްލްސް" ޗިޕްސް ދަޅު ތިމާވެއްޓާ ރައްޓެހިކުރަނީ

15 ސެޕްޓެމްބަރ 2020

އެމެރިކާގެ މަޝްހޫރު ކެލޯގްސް ކުންފުނިން އުފައްދާ "ޕްރިންގްލްސް" ބްރޭންޑްގެ ޗިޕްސް ދަޅުތައް ރިސައިކަލްކުރަން ބޮޑު ބުރައަކަށްވެފައި ވާތީ އެ ދަޅުގެ މެޓީރިއަލްތަކަށް ބަދަލު ގެންނަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ މަޝްހޫރު ކެލޯގްސް ކުންފުނިން އުފައްދާ "ޕްރިންގްލްސް" ބްރޭންޑްގެ ޗިޕްސް ދަޅުތައް ރިސައިކަލްކުރަން ބޮޑު ބުރައަކަށްވެފައި ވާތީ އެ ދަޅުގެ މެޓީރިއަލްތަކަށް ބަދަލު ގެންނަން ނިންމައިފި އެވެ.

ދަ ރިސައިކަލް އެސޯސިއޭޝަނުން ވެސް މިހާރުގެ "ޕްރިންގްލް" ޗިޕްސް ދަޅު ސިފަކުރަނީ ރިސައިކަލްކުރަން ދަތި ތިމާވެށީގެ ހަތުރެއްގެ ގޮތުގަ އެވެ.

"ޕްރިންގްލްސް" ދަޅު މިހާރު ހަދަނީ އެކި މެޓީރިއަލްތައް ބޭނުންކޮށްގެންނެވެ. އެގޮތުން ދަޅުގެ އޮނިގަނޑު، ފޮއިލް އެކުލެވޭ ބޯކަރުދާހުން ތައްޔާރުކޮށްފައި ހުންނަ އިރު، ދަޅުގެ ފުލުގައި އިންނަނީ ދަގަނޑެވެ. މަތިގަނޑު ޕްލާސްޓިކުންނެވެ.

ކެލޯގްސް އިން ބުނީ ގިނަ ބާވަތްތަކެއް ބޭނުންކޮށްފައި ހުންނަ ދަޅު ރިސައިކަލް ނުކުރެވޭތީ މިހާރު އާ ދަޅެއް ތައާރަފުކުރަން ތައްޔާރުވަމުން ކަމަށެވެ. އަދި ޓެސްކޯ ކަހަލަ ބައެއް ތަންތަނުގައި އާ ދަޅު އަންނަނީ ޓެސްޓް ވެސް ކުރަމުންނެވެ. އެގޮތުން އާ ދަޅުގެ މަތިގަނޑަކަށް ރިސައިކަލްކުރެވޭ ޕްލާސްޓިކާއި ރިސައިކަލްކުރެވޭ ކަރުދާސް އަންނަނީ ބޭނުންކުރަމުންނެވެ.

މި މަސައްކަތް ކުރިއަށްދާތާ މިހާރު އަހަރެއްހާ ދުވަސްވެފައިވާ ކަމަށް ބުޏްނެވެ. ކެލޯގްސް އިން ބުނީ ދަޅުގެ 90 ޕަސަންޓަކީ ކަރުދާހެވެ. އަދި 10 ޕަސަންޓަކީ ޕޮލިޔަލް (ޕްލާސްޓިކް) އެވެ. އެ މާއްދާ ބޭނުން ކުރަން ޖެހެނީ ދަޅުގެ އެތެރޭގައި ހުންނަ ޗިޕްސް ކޮލިޓީ ދަށްވިޔަ ނުދިނުމަށްޓަކަ އެވެ. އެހެންވެ އާ ދަޅަކީ ވެސް އަދި އެންމެ ރަނގަޅު ހައްލު ނޫން ކަމަށް ކެލޯގްސް އިން ބުންޏެވެ.

ނަމަވެސް ހެޔޮ ބަދަލުތަކެއް ގެންނާތީ ރިސައިކަލް އެސޯސިއޭޝަނުން ވަނީ އެކަމަށް މަރުހަބާ ކިޔައިފަ އެވެ. އެ ޖަމިއްޔާގެ ފަރާތުން ސައިމަން އެލިން ބީބީސީ އަށް ބުނީ "ޕްރިންސްގްލް" އިން ދަޅަށް ގެންނަ ބަދަލަކީ ތިމާވެއްޓަށް ކޮންމެވެސް ވަރެއްގެ ކުރިއެރުމަކަށް ވެދާނެ ކަމަށެވެ.

"އެކަމަކު އަދިވެސް ދަޅުގައި ޕްލާސްޓިކް ބޭނުންކުރާ ކަމަށް ވަންޏާ ޕްލާސްޓިކް ކުނީގެ މައްސަލަ އަށް ހައްލެއް ނުލިބޭނެ. މިހާރު ޕިކްނިކް ކަހަލަ ކަންކަމަށް ގޮސްފައި ވެސް ގިނަ މީހުން މި ދަނީ ޗިޕްސް ކަހަލަ ދަޅުތައް ތަންނަށް ދޫކޮށްލާފައި،" އޭނާ ވިދާޅުވި އެވެ. "މީގެ ސަބަބުން މޫދާއި އަތިރިމަތީި ފަދަ ތަންތަނުގައި ޕްލާސްޓިކް ކުނި ޖަމާވުމުގެ ފުރުސަތު ބޮޑު."