Roadha Mihaaru
ރަމޭޝްގެ "ރޭސް 4" އަށް ތައްޔާރުވަނީ

ރަމޭޝްގެ "ރޭސް 4" އަށް ތައްޔާރުވަނީ

29 ޖޫން 2021

ބޮލީވުޑްގެ ކާމިޔާބު ތުރިލާ "ރޭސް" ފްރެންޗައިޒްގެ ހަތަރު ވަނަ ފިލްމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށުމަށް ތައްޔާރުވާން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ކާމިޔާބު ތުރިލާ "ރޭސް" ފްރެންޗައިޒްގެ ހަތަރު ވަނަ ފިލްމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށުމަށް ތައްޔާރުވާން ފަށައިފި އެވެ.

ޕްރޮޑިއުސަރު ރަމޭޝް ތައުރާނީގެ ޓީމްގެ އޮފިޝަލަކާ ހަވާލާދީ ޕިންކްވިލާ އިން ބުނީ "ރޭސް 4" ގެ ސްކްރިޕްޓްގެ މަސައްކަތް ކުރީގެ ތިން ފިލްމުގެ ސްކްރީންޕްލޭ ވެސް ލިޔުނު ޝިރާޒް އަހުމަދު މިހާރު ގާތްގަނޑަކަށް ނިންމާފައިވާ ކަމަށާއި މަސައްކަތްކުރަމުން އަންނަނީ ފިލްމުގެ ކާސްޓް ފައިނަލްކޮށް، މި އަހަރުގެ ތެރޭގައި ޝޫޓިން ފަށަން ކަމަށެވެ.

ނަމަވެސް "ރޭސް 4" ޑައިރެކްޓްކުރާނެ މީހަކު އަދި ކަށަވަރެއް ނުވެ އެވެ. ދެހާސް އަށެއްގެ "ރޭސް" އާއި 2013 ގެ "ރޭސް 2" ޑައިރެކްޓްކުރީ ބޮލީވުޑްގައި ތުރިލާތައް ހަދަން އެންމެ ނަގާކިޔާ ދެ ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ އައްބާސް-މަސްތާން އެވެ. އެ ދެ ބެއިންނަކީ "ބާޒީގާރް" އާއި "ކިލާޅީ" އަދި "ހަމްރާޒް" ފަދަ ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ ދެ މީހުންނެވެ.

ނަމަވެސް "ރޭސް 3" ގެ އައްބާސް-މަސްތާންއާ ނުލައި އަދި ކުރީގެ ފިލްމުތަކުގައި ހިމެނުނު އަނިލް ކަޕޫރާއި "ރޭސް 2" ގައި ހިމެނުނު ޖެކްލީން ފެނާންޑޭޒް ފިޔަވައި މުޅިން އާ ކާސްޓަކާ އެކު ޑައިރެކްޓްކުރީ ރެމޯ ޑި ސޫޒާ އެވެ. އެ ފިލްމަކީ ކްރިޓިކުން ވަރަށް ބޮޑަށް ފާޑުކީ، އަދި އުންމީދުކުރި ވަރުގެ ތަރުހީބެއް ވެސް ލިބު ފިލްމެއް ނޫނެވެ.

ގިނަ ކްރިޓިކުން އޭރު ފާހަގަކޮށްފައިވާ ގޮތުގައި "ރޭސް 3" އަކީ އެ ސީރީޒްގެ ކުރީގެ ދެ ފިލްމަށް އެރުވި ހުތުރެކެވެ. ފިލްމުގެ ލީޑް އެކްޓަރަކީ ސަލްމާން ޚާނެވެ. ބަތަލާއިންނަކީ ޖެކްލީން އާއި ޑެއިޒީ ޝާހެވެ. "ރޭސް 3" ގެ އިތުރު ކާސްޓުންގެ ތެރޭގައި ބޮބީ ޑިއޯލް އާއި ސާގިބް ސަލީމް ހިމެނެ އެވެ.

"ރޭސް" ގެ ފުރަތަމަ ދެ ފިލްމުގެ މައިގަނޑު ތަރި އަކީ ސައިފް އަލީ ޚާނެވެ. "ރޭސް" ކާސްޓުންގެ ސައިފާއި އަކްޝޭ ކަންނާ އާއި އަނިލް އާއި ބިޕާޝާ ބާސޫ އާއި ކެޓްރީނާއި ސަމީރާ ރެޑީ އެވެ. "ރޭސް 2" ގެ ތަރިންނަނީ ސައިފާއި ޖޯން އަބްރަހަމާއި އަނިލް އާއި ދީޕިކާ ޕަދްކޯނާއި ޖެކްލިންގެ އިތުރުން އަމީޝާ ޕަޓޭލެވެ.

"ރޭސް 4" ގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ އިރު، ރަމޭޝް އެންމެ އަވަހަށް ގެނެސްދޭން އޮތް ފިލްމަކީ ހޮރޯ-ކޮމެޑީ "ބޫތު ޕޮލިސް" އެވެ. އޭގެ ކާސްޓުންނަކީ ސައިފާއި ޖެކްލިން އާއި އަރުޖުން ކަޕޫރްގެ އިތުރުން ޔާމީ ގޯތަމެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ރޭސް 4" އަށް ތައްޔާރުވަމުން އަންނަ އިރު، އަލުން އައްބާސް-މަސްތާންއާ އެކު ސައިފް ފިލްމަށް ގެންނަން މިހާރު އަންނަނީ މަސައްކަތްތަކެއް ކުރެވެމުންނެވެ.