Roadha Mihaaru
ކެފޭތަކުގައި ބޮނޑިވެގެން ތިބެގެންނުވާނެ: އެޗްޕީއޭ

ދެކެން ބޭނުން ނުވަނީ ކެފޭތަކުގައި ބޮނޑިވެގެން ތިބޭ ތަން: އެޗްޕީއޭ

24 ފެބުރުއަރީ 2021

ކޮވިޑް-19ގެ ހާލަތުގައި ކެފޭ އަދި ރެސްޓޯރެންޓުތަކުން ހިދުމަތް ހޯދާ އިރު ގައިދުރުކަމެއް ނެތި މޭޒުތައް ދޮށުގައި ބޮނޑިވެގެން ތިބޭ ތަން ފެންނަ ކަމަށާއި އެއީ ދެކެން ބޭނުންވާ މަންޒަރެއް ނޫން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ރޭ ބުނެފި އެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

ކޮވިޑް-19ގެ ހާލަތުގައި ކެފޭ އަދި ރެސްޓޯރެންޓުތަކުން ހިދުމަތް ހޯދާ އިރު ގައިދުރުކަމެއް ނެތި މޭޒުތައް ދޮށުގައި ބޮނޑިވެގެން ތިބޭ ތަން ފެންނަ ކަމަށާއި އެއީ ދެކެން ބޭނުންވާ މަންޒަރެއް ނޫން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ރޭ ބުނެފި އެވެ.

ބަލިން ރައްކާތެރިވުމަށް އެޗްޕީއޭ އިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރޭތޯ ބެލުމަށް ވިޔަފާރީގެ ތަންތަން ޗެކްކުރުމުގެ އާ ބުރެއް ވަނީ ފަށައިފަ އެވެ. އެކަމާ ބެހޭގޮތުން ވާހަކަދައްކަވަމުން އެޗްޕީއޭގެ ޑިރެކްޓަރު އަހުމަދު ނާސިރު ރޭގެ ޕްރެސް ކޮންފަރެންސްގައި ވިދާޅުވީ ކެފޭ، ރެސްޓޯރެންޓުތަކުގައި ގައިދުރުކަން ބަހައްޓަން ޖެހޭ ގޮތާ މެދު ވަރަށް ބައިވަރު ޝަކުވާތައް ލިބޭ ކަމަށެވެ.

ނާސިރު ވިދާޅުވި ގޮތުގައި އެއް ތަނެއްގައި ދިރިއުޅޭ އެއް އާއިލާއެއްގެ މީހުން ރެސްޓޯރެންޓަކަށް ދިޔަޔަސް ތިބެން ޖެހެނީ ދުރުދުރުގައިތޯ ވަރަށް ގިނަ ބަޔަކު ސުވާލުކުރާ ކަމަށާއި އެކަމަކު ވެސް ކެފޭ ރެސްޓޯރެންޓުތަކުގައި ބޮނޑިވެގެން ތިބެގެން ނުވާނެ ކަމަށެވެ. ގޮނޑިތައް ހުންނަން ޖެހެނީ ތިން ފޫޓުގެ ދުރުމިން ހުންނަ ގޮތަށެވެ.

"ކުޑަކުއްޖަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްލަދިނުން އެއީ އަދި އެހެން ކަމެއް. މި ބޭނުން ނުވާ މަންޒަރަކީ، ގޮނޑި މޭޒުތަކުގައި އަޅުގަނޑުމެންނަށް ފެންނާނެ ގިނަ ފަހަރު ކަންކަންމަތިން ބޮނޑިވެ އަދި ހަމަ އެހެންމެ އެއްވެސް ކަހަލަ ގައިދުރުކަމެއް ނެތި ހިދުމަތް ހޯދަމުންދާ ތަން. އެއީ އަޅުގަނޑުމެން ދެކެން ބޭނުންވާ މަންޒަރެއް ނޫން،" ނާސިރު ވިދާޅުވި އެވެ.

ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ޗެކްކުރާ އިރު އުސޫލާ އެއްގޮތަށް އަޅަން ޖެހޭ ފިޔަވަޅުތައް ފުރިހަމަކޮށްފައި ހުރިތޯ ބަލާނެ އެވެ. އޭގެ ތެރޭގައި މާސްކު އެޅުން ފަދަ، ރައްކާތެރިވުމުގެ ގޮތުން ކުރަން ޖެހޭ ކަންކަން ހަނދާންކޮށްދޭ މައުލޫމާތު ފެންނަން ހުރުމާއި އަތް ދޮވެވޭނެ ގޮތް ނުވަތަ ސެނިޓައިޒާ ބެހެއްޓުމާއި އެއްފަހަރާ މީހުންނަށް ވަދެވޭނެ އަދަދު ކަނޑައަޅާފައި ހުރުމާއި މުވައްޒަފުން މާސްކު އަޅައިގެން ތިބުމާއި ކައުންޓަރަށް ފައިސާ ދެއްކުމަށާއި ބުފޭ އޭރިއާގައި މަޑުކޮށްގެން ތިބެންވީ ތަން ފާހަގަކޮށްފައި ހުރުން ހިމެނެ އެވެ.

ނާސިރު ވިދާޅުވީ މިއީ އެންމެންގެ ރައްކާތެރިކަމަށްޓަކައި ކުރަންޖެހޭ އާދައިގެ ކަންތައްތަކެއް ކަމަށެވެ.

"ވަރަށް ގިނަ ފަރާތްތަކުން ހިތްޕުޅަށް އަރާވަޑައިގެންފާނެ ވަރަށް ބޮޑެތި ކަންތައްތަކެއްގެ ވާހަކައޭ އަޅުގަނޑުމެން މި ދައްކަނީ، އުސޫލުތަކެއްގެ ވާހަކަ ދައްކާތީ. ނަމަވެސް އަޅުގަނޑުމެން މި ދައްކަނީ ވަރަށް އާދައިގެ ކުދިކުދި ކަންތައްތަކެއްގެ ވާހަކަ،" އޭނާ ވިދާޅުވި އެވެ.

ވިޔަފާރީގެ މާހައުލުތަކުގައި ރައްކާތެރިކަން ކަށަވަރުކުރޭތޯ ބެލުމަށް މިހާތަނަށް މާލޭގެ 568 ތަނެއް އިންސްޕެކްޓުކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ރޭ ބުންޏެވެ. އޭގެ ތެރޭގައި، ކާބޯތަކެތީގެ ހިދުމަތްދޭ 198 ތަނާއި ޖިމާއި ފިޓްނަސް ހަރަކާތްތައް ހިންގާ 12 ތަނަކާއި މާރުކޭޓުގެ ހަތަރު ތަނެއް އަދިި ސެލޫނާއި ބޯކޮށާ 10 ތަނެެއްގެ އިތުރުން ކަންމަތީ ފިހާރައާއި ހޯލްސޭލް ހިދުމަތްދޭ 344 ތަނެއް ހިމެނެ އެވެ.

ގަވާއިދާ ހިލާފުވާ ތަންތަނަށް ފުރަތަމަ ދެނީ ނަސޭހަތުގެ ހުދު ނޯޓިހެވެ. ހުދު ނޯޓިސް ދިން 288 ތަނަށް ފަހުން ދިޔައިރު ގިނަ ތަންތަނުން ކަންކަން ރަނގަޅުކޮށްފައި ވާތީ، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ނުވަތަ ރަތް ނޯޓިސް ދޭން ޖެހުނީ 37 ތަނަކަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

އިންޒާރަށް ފަހު ވެސް ގައިޑްލައިނަށް އަމަލު ނުކުރާ ނަމަ ތިންވަނަ އިންސްޕެކްޝަނުގައި 5،000ރ. އިން ޖޫރިމަނާކުރާނެ އެވެ. އަދި ގަވާއިދާ ހިލާފުވާ ދެ ވަނަ ފަހަރު 25،000ރ، ތިން ވަނަ ފަހަރު 50،000ރ، ހަތަރު ވަނަ ފަހަރު 75،000ރ. އަދި ފަސް ވަނަ ފަހަރު 100،000ރ. އިން ޖޫރިމަނާކުރާނެ އެވެ.