Roadha Mihaaru
"އިންތިޚާބަށް ފަހު ރައްޔިތުންގެ ޝަކުވާއެއް ނޯންނާނެ"

ކައުންސިލް އިންތިޚާބަށް ފަހު ސަރުކާރާ މެދު ރައްޔިތުން ކުރާނެ ޝަކުވާއެއް ނޯންނާނެ: ނަޝީދު

25 ފެބުރުއަރީ 2021

ލޯކަލް ކައުންސިލް އިންތިޚާބަށް ފަހު ރައްޔިތުން ސަރުކާރާ ގުުޅޭގޮތުން ކުރާނެ ޝަކުވާއެއް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ލޯކަލް ކައުންސިލް އިންތިޚާބަށް ފަހު ރައްޔިތުން ސަރުކާރާ ގުުޅޭގޮތުން ކުރާނެ ޝަކުވާއެއް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ސިޔާސަތެއް ކަމަށާއި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފުރަތަމަ ކުރި މަސައްކަތަކީ އެ ނިޒާމަށް ބަދަލު ގެނައުން ކަމަށެވެ. އެ ބަދަލުތަކާ އެކު، ދެން ހޮވޭ ކައުންސިލްތަކަށް ފަހު ރައްޔިތުން ބޭނުންވާ ކަމެއް ނުވެގެން ކުރަންޖެހޭ ޝަކުވާއެއް ދެން ނޯންނާނެ ކަމަށާއި ކައުންސިލްތަކަށް ދޭންޖެހޭ ހުރިހާ ބާރުތައް ލިބިފައި އޮތުމުން އެއްވެސް ކަމެއް ނުކުރަން ދެއްކޭނެ ބަހަނާއެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

"މި އިންތިޚާބަށް ފަހު ރާއްޖޭގެ ރަށްރަށުގެ ރައްޔިތުން ސަރުކާރާ މެދު ޝަކުވާ ކުރާނެ، ޝަކުވާ ކުރެވޭނެ ޖާގައެއް ނޯންނާނެ. ސަރުކާރާ ގުޅޭގޮތުން ކުރަން އޮތް ޝަކުވާއެއްގެ ގޮތުގައި ފެންނަން އޮންނާނީ ޚާރިޖީ ސިޔާސަތުގެ ޝަކުވާ. ނޫން ނަމަ އެހެން ވެސް ސީދާ ރައްޔިތުންނާ ނުގުޅޭ ޝަކުވާ." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީން ވެރިކަމަށް އައީ ރައްޔިތުން ބޭނުންވާ ކަންކަން އެނގި ތިބެ ކަމަށާއި އެމްޑީޕީން އިންތިޚާބަށް ނިކުތީ ވާދަވެރިން ތިން ވަނަ ފަހަރަށް ބަލި ކުރަން ކަމަށް ވިދާޅުވި އެވެ. އަދި ޕީޕީއެމަށް ވޯޓު ދީފި ނަމަ، ލާމަރުކަޒީ ނިޒާމު ހަލާކުވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.

"ޕީޕީއެމަށް ވޯޓު ދެއްވައިގެން ހިތަށް ގެންނަވާ ވާނެ ގޮތް. މި ނިޒާމެއް ވާނެ ގޮތް. އެ ބޭފުޅުން ދަންނަ ނިޒާމެއް ނޫން މިއީ. އެމްޑީޕީން ދަންނަ ނިޒާމެއް މިއީ."

ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ސިޔާސީ ހަޔާތުގައި އެންމެ ގިނައިން ދައްކަވާނެ ވާހަކައަކީ ބޯހިޔާވަހިިކަމުގެ ވާހަކަ އެވެ. އަދި މިހާރު ހަވާލު ކޮށްފައި ހުރި ހުރިހާ ފްލެޓްތަކަކީ ވެސް އެމްޑީޕީގެ ވެރިކަމުގައި އިންތިޒާމުވެގެން އައި ފްލެޓްތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މިހާރު ކައުންސިލްތަކަށް ވެސް އެފަދަ އެތައް މަޝްރޫއެއް ހިންގުމުގެ ފުރުސަތު އޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިއަދު ވެސް ތިއިން ކޮޮންމެ ބޭފުޅަކު ވެސް ވަދެވަޑައިގެން ތި ތިއްބެވީ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ އިންތިޒާމުން، ކޮންޓްރެކްޓުން އަޅާފައި ހުރި ފްލެޓްތަކަށް. ރައީސް ޔާމީންގެ މުޅި ސަރުކާރުގައި، މުޅި ފަސް އަހަރު ވޭތުވެގެން ދިިޔައީ ފްލެޓް އެޅުމުގައެއް ނޫން. އަޅުގަނޑުމެން އުފެއްދި ކޮންޓްރެކްޓްތަކުގެ ފްލެޓްތައް ނިންމައި، އެތަންތަނަށް މީހުން ވެއްދުމުގައި." ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީން ކެމްޕޭން ފެށުމަށް ބޭއްވި ޖަލްސާގައި ނަޝީދު ވާހަކަ ދައްކަވަނީ. --ފޮޓޯ/އެމްޑީޕީ

އެމްޑީޕީން ކެމްޕޭން ފެށުމަށް ބޭއްވި ޖަލްސާގައި ނަޝީދު ވާހަކަ ދައްކަވަނީ. --ފޮޓޯ/އެމްޑީޕީ

ނަޝީދު ވިދާޅުވީ ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންނާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތަށް މި ސަރުކާރުން އިންސާފު ހޯދައިދޭނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ. އަދި މި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިތުބާރު އެބައޮތް ކަމަށް ވިދާޅުވި އެވެ.

"އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން އެ އިންސާފު ހޯދުން، އެ މަސައްކަތް ކުރުން ހުއްޓައެއް ނުލާނަން." ނަޝީދު ވިދާޅުވި އެވެ.

ކޮވިޑް-19 ގެ ހާލަތު އެންމެ ރަނގަޅަށް މެނޭޖްކުރި ގައުމަކީ ރާއްޖެ ކަމަށާއި އެންމެ ގިނަ ބަޔަކަށް ވެކްސިން ޖަހައި އަދި ގިނަ ބައެއްގެ ފުރާނަ ސަލާމަތް ކުރާނެ ގައުމަކީ ވެސް ރާއްޖެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ލާ މަރުކަޒީ ނިޒާމަށް ގެނައި ބަދަލުތަކަށް އަމަލުކުރުން ފަސްވީ ކޮވިޑް-19 ގެ ސަބަބުން އިންތިޚާބު ފަސްވުމުން ކަމަށާއި މިފަހަރުގެ އިންތިޚާބަށް ފަހު ރައްޔިތުން ސަރުކާރާ މެދު ކުރާނެ ޝަކުވާއެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.