Roadha Mihaaru
މުޒާހަރާގެ ބައިވެރިން ޖޫރިމަނާކޮށް ދޫކޮށްލައިފި

އިދިކޮޅު މުޒާހަރާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި

27 ފެބުރުއަރީ 2021

ޕީޕީއެމް/ޕީއެންސީ އިން އިއްޔެ ބޭއްވި މުޒާހަރާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ޕީޕީއެމް/ޕީއެންސީ އިން އިއްޔެ ބޭއްވި މުޒާހަރާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި އެވެ.

ހަލުވިކަމާ އެކު މި ދުވަސްވަރު ކޮވިޑް-19 ފެތުރެމުން ދާތީ އެޗުޕީއޭއިން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް އެއްވެސް ކަހަލަ އެއްވުމެއް ބާއްވަން ފުރުސަތު ނުދޭނެކަމަށް ފުލުހުން އިންޒާރު ދީފައި އޮއްވާ ކުރިއަށް ގެންދިޔަ މުޒާހަރާ އިން ޖުމްލަ 30 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އޭގެ ތެރެއިން ތިން މީހަކު ފިޔަވައި އެހެން އެންމެން ވަނީ، އެޗުޕީއޭގެ އުސޫލުތަކާ ހިލާފުވުމުން 1،000 ރުފިޔާ އިން ޖޫރިމަނާ ވެސް ކޮށްފަ އެވެ. އެ ތިން މީހުން ޖޫރިމަނާނުކުރީ، އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މުޒާހަރާ ފެށުމުގެ ކުރިން ކަމަށް ވާތީ ކަމަށް، އޭނާ ވިދާޅުވި އެވެ.

މުޒާހަރާ ފެށުމުގެ ކުރިން ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި ރައްޔިތުން މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް އާއި ޑީއާރްޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ހިމެނެ އެވެ. އޭގެ އިތުރުން ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫނާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.

އިދިކޮޅު ކޯލިޝަންގެ މުޒާހަރާ ހުއްޓުވަން ރަޔަޓު ގިޔަރުގައި ނުކުތް ފުލުހުން ޕީޕީއެމްގެ އޮފީސް ވެސް "ބަންދުކޮށް" ވަކި އިރެއް ވަންދެން އެތަނުގެ ބޭރުގައި ތިއްބެވެ.

މިއީ މި ސަރުކާރު ވެރިކަމަށް އަައި ފަހުން މުޒާހަރާއެއް ހުއްޓުވަން އެންމެ ހަރުކަށިކޮށް އަމަލުކުރި ފަހަރެވެ.

އިދިކޮޅުން އަޑުއުފުލާ ކަންކަމުގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމާއި އެމަނިކުފާނުގެ ވެރިކަމުގައި ހިންގި ހިޔާ މަޝްރޫއުގައި ފްލެޓް ލިބޭ މީހުންގެ ލިސްޓުން، ބޭއިންސާފުން އެތައް ބަޔަކު އުނިކުރުން ހިމެނެ އެވެ.

ޕީޕީއެމް/ޕީއެންސީން ބުނާ ގޮތުގައި ކޮވިޑުން ރައްކާތެެރިވާން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ނާޖައިޒު ފައިދާ ސަރުކާރުން ގެންދަނީ ނަގަމުންނެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބުގައި ކެމްޕެއިން ކުރުމުގެ ފުރުސަތެއް އިދިކޮޅަށް ނުދޭން ވެސް ކަންކަން ކުރަމުން ކަމަށް އިދިކޮޅުން ބުނެ އެވެ.