Roadha Mihaaru
އެއްވުން ހުއްޓުވައިފި ނަމަ މައްސަލަ ބަލާނަން: އަދުރޭ

އެއްވުމަށް ފުރުސަތު ނުދީފި ނަމަ މައްސަލަ ބަލާނެ ކަމުގެ އިންޒާރު ޕީޕީއެމުން ދީފި

25 މާޗް 2022

އިންޑިއާގެ އަސްކަރިއްޔާ ރާއްޖެ އިން ބޭލުމަށް ގޮވާލައި މިއަދު ހަވީރު ބާއްވަން އުޅޭ އެއްވުމަށް ފުރުސަތު ނުދީ ހުއްޓުވައިފި ނަމަ ޕީޕީއެމުން 2023 ގައި ވެރިކަމާ ހަވާލުވެ އެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިދިކޮޅު ކޯލިޝަންގެ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ދެއްވައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އިންޑިއާގެ އަސްކަރިއްޔާ ރާއްޖެ އިން ބޭލުމަށް ގޮވާލައި މިއަދު ހަވީރު ބާއްވަން އުޅޭ އެއްވުމަށް ފުރުސަތު ނުދީ ހުއްޓުވައިފި ނަމަ ޕީޕީއެމުން 2023 ގައި ވެރިކަމާ ހަވާލުވެ އެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިދިކޮޅު ކޯލިޝަންގެ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ދެއްވައިފި އެވެ.

އިިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައި ޕީޕީއެމްގެ "އިންޑިއާ އައުޓް" ހަރަކާތުގެ ބޮޑު އެއްވުމެއް ބާއްވަން ރާވާފައި ވަނިކޮށް، ފުލުހުން ވަނީ އެ އެއްވުން ނުބާއްވަން އަންގައިފަ އެވެ. އެކަން ކުރިއަށް ގެންގޮސްފި ނަމަ ހުއްޓުވާނެ ކަމުގެ އިންޒާރު ވެސް އޮތީ ދީފަ އެވެ.

ޕީޕީއެމުން ރޭ ބޭއްވި ޖަލްސާގައި އަދުރޭ އިންޒާރު ދެއްވީ މި ސަރުކާރާއި ފުލުހުންނަށެވެ. އެއްވެ އުޅުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގެއް ކަމަށާއި އެކަމަށް ހުރަސްއަޅައިފި ނަމަ އެއީ ބެލޭނެ މައްސަލައެއް ކަަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ މައްސަލަ ބަލައި ޕީޕީއެމްގެ ވެރިކަމެއްގައި ޝަރީއަތަށް ވެސް ހުށަހަޅާނެ އެވެ.

އަދުރޭ ވިދާޅުވި ގޮތުގައި "ނޭވާ ހޮޅިއަށް" ނަމުގައި އިދިކޮޅުން އެއްވުމެއް ބާއްވަނީ މަގުމަތިން ސަރުކާރު ވައްޓާލާކަށް ނޫނެވެ. ވެރިކަން ބަދަލުކުރަން އެ ޕާޓީން ގެންގުޅޭ ހަމައަކީ ވޯޓު ފޮށި ކަމަށް ވިދާޅުވި އެވެ.

މި އެއްވުން ނުބާއްވަން ފުލުހުން އަންގާ ސަބަބެއް ކަމަށް އެ އިދާރާ އިން ބުނަނީ ރަށްރަށުން މީހުން ގެނެސްގެން ހަމަޖެހުން ނަގާލުމުގެ ހަރަކާތްތަކެއް ހިންގަން ރާވާފައިވާތީ އެވެ.

"އިންޑިއާ އައުޓް" ކެމްޕެއިނަށް ކުރީގެ ރައީސް އަބްދުﷲ ޔަމީން އާއި ޕީޕީއެމްގެ އިސްވެރިން ޅ. ނައިފަރުގައި.-- ފޮޓޯ: ޕީޕީއެމް

"އިންޑިއާ އައުޓް" ކެމްޕެއިނަށް ކުރީގެ ރައީސް އަބްދުﷲ ޔަމީން އާއި ޕީޕީއެމްގެ އިސްވެރިން ޅ. ނައިފަރުގައި.-- ފޮޓޯ: ޕީޕީއެމް

ފުލުހުންގެ އެ ވާހަކައަށް ރައްދު ދެއްވައި އަދުރޭ ވިދާޅުވި ގޮތުގައި ފުލުހުން އަމަލުކުރަން ޖެހޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކޮމިޝަނާއި އޮފް ޕޮލިސް މުހައްމަދު ހަމީދުގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަންގަވާ ގޮތެއް ނޫނެވެ. ފުލުހުން އަމަލުތައް ބަަހައްޓަންވާނީ ދިވެހިންނަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށް ވިދާޅުވި އެވެ.

"ދިވެހި ރައްޔިތުންނަށް ފައިދާ އޮތީ މިވެރިކަން ނިންމައިގެން. މި ރާއްޖެއިން އިންޑިއާ ސިފައިން ބާލައިގެން. ދިވެހި ރައްޔިތުން ބޭނުންވަނީ އިންޑިއާ ސިފައިން ބޭރުކުރަން. އަޅުގަނޑުމެންގެ މިނިވަންކަން ދިފާއުކުރަން،" އަދުރޭ ވިދާޅުވި އެވެ.

ޔާމީން އަނބުރާ ވެރިކަމަށް ގެންނަން ޖެހޭކަން ފާހަގަކުރައްވައި އަދުރޭ ވިދާޅުވީ ދިވެހިންގެ ހައްގުގައި އެއީ މަޖުބޫރުކަމެއް ކަމަށެވެ. އެކަމަކު ވެރިކަމުގެ ވާހަކަ ދެއްކުމުގެ ކުރިން ޔާމީން ބޭނުންވަނީ ގައުމުގެ މިނިވަންކަން ދަމަހައްޓަން ކަމަށް އަދުރޭ ވިދާޅުވި އެވެ.

އައްޑޫގައި އިންޑިއާ އިން ހެދި ޕޮލިސް އެކަޑަމީ ހުޅުއްވައިދެއްވަން ރައީސް އައްޑޫއަށް ވަޑައިގަންނަވާ ކަމަށާއި އެއީ ދިވެހި ތާރީހުގައި ވެސް އަންނާނެ އެންމެ ކަަޅު ދުވަހުގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

"އިންޑިއާ ސިފައިންނާ އެކު މި ކޯލިޝަންގެ ލީޑަރުން ވެސް އައުޓްވާން ޖެހޭ. އެމީހުން [ލީޑަރުން] އެ ތިބީ ގައްދާރުވެފައި،" އަދުރޭ ވިދާޅުވި އެވެ.

މަތިމައްޗަށް ސިފައިން ނިކުތަސް މާދަމާ [މިއަދު] އަޅުގަނޑުމެން ނުކުންނާނަން. އިންޑިއާ ސިފައިން އަޔަސް ނިކުންނާނަން -- އަދުރޭ

އަދުރޭ ވިދާޅުވީ މިއަދުގެ ހަރަކާތް ހުއްޓާލާނެ އެއްގޮތެއް ވެސް ނޯންނާނެ ކަމަށެވެ. އޭނާ އެދިވަޑައިގަތީ އެ ހަރަކާތް އަމާންކަމާއި ސުލްހަވެރިކަމާ އެކު ކުރިއަށް ގެންދިއުމުގެ ފުރުސަތު ދެއްވުމަށެވެ.

ޔާމީން އިސްވެ ހުންނަވައި ރަށްރަށުގައި ވެސް ގެންދަވަނީ އިންޑިއާގެ މިލިޓަރީ ބޭރުކުރަން ގޮވާލައި އެއްވުންތައް ބާއްވަމުންނެވެ. މި އެއްވުންތަކުގައި ޕީޕީއެމްގެ ވެރިކަން 2018 ގައި ބަދަލުކުރީ އިންޑިއާ އަޑީގައި އޮވެ ކަމަށާއި ރާއްޖެއަށް ނުފޫޒު ފޯރުވައި އަޅުވެތިކުރަން މި ސަރުކާރުން ޖާގަ ދެނީ އެ ސަބަބާ ހެދި ކަމުގެ ތުހުމަތު އެމަނިކުފާނު ކުރައްވަ އެވެ.

މި ވާހަކަތަކުގެ ދިފާއުގައި ސަރުކާރުން ބުނަމުން އަންނަނީ އެއްވެސް ގައުމެއްގެ ނުފޫޒުގެ ދަށުގައި ރާއްޖެ ނުވާނެ ކަމަށާއި ދެމިއޮންނާނީ މިނިވަން ގައުމެއްގެ ގޮތުގައި ކަމަށެވެ. މި ގައުމުގައި ތިބި އިންޑިއާގެ ސިފައިންނަކީ ޔާމީންގެ ވެރިކަމާ ހިސާބުން ވެސް ތިބި ބައެއް ކަމަށާއި ރާއްޖޭގެ ގައުމީ ސަލާމަތަށް އެކަމުން ނުރައްކަލެއް ނެތް ކަމަށް ވެސް ބުނެފައިވެ އެވެ.

ސަރުކާރުން ތުހުމަތުކުރާ ގޮތުގައި އިންޑިއާ އައުޓް ހަރަކާތާ ގުޅިފައި އޮތީ، އިންޑިއާގެ އެހީތެރިކަމާ އެކު ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތި ހުއްޓުވާތީ އެކަމާ ދެކޮޅު ހެދުމެވެ. ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުރުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ވަނީ "އިންޑިއާ އައުޓް" ހަރަކާތް މަސްތުވާތަކެއްޗާ ގުޅުވައި ފާޑުވިދާޅުވެފަ އެވެ.