Roadha Mihaaru
ވަލީ އަހުދަށް ކުރީ އަސްލެއް ނެތް ތުހުމަތެއް: ސައުދީ

ވަލީ އަހުދުގެ މައްޗަށް އެމެރިކާ އިން ކުރީ އަސްލެއް ނެތް ތުހުމަތެއް: ސައުދީ

27 ފެބުރުއަރީ 2021

ރިޔާޒް (ފެބްރުއަރީ 27) - ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ރުހުން ލިބިގެން ކަމަށް ބުނެ އެމެރިކާ އިން ނެރުނު ރިޕޯޓަކީ އަސްލެއްގެ މައްޗަށް ބިނާކޮށްފައިވާ އެއްޗެއް ނޫން ކަމަށް ސައުދީ އަރަބިއާ އިން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ރިޔާޒް (ފެބްރުއަރީ 27) - ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ރުހުން ލިބިގެން ކަމަށް ބުނެ އެމެރިކާ އިން ނެރުނު ރިޕޯޓަކީ އަސްލެއްގެ މައްޗަށް ބިނާކޮށްފައިވާ އެއްޗެއް ނޫން ކަމަށް ސައުދީ އަރަބިއާ އިން ބުނެފި އެވެ.

"ސައުދީ އަރަބިއާގެ ޒައާމަތަށް ބަދުނާމް ރައްދުވާ ގޮތަށް އެއްވެސް އަސްލެއްގެ މައްޗަށް ބިނާނުކޮށް އެމެރިކާ އިން ނެރެފައިވާ ރިޕޯޓް ދޮގު ކުރަން،" ސައުދީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ރައީސް ޖޯ ބައިޑަންގެ ސަރުކާރުގެ ޑިރެކްޓަ އޮފް ނޭޝަނަލް އިންޓަލިޖެންސްގެ އޮފީހުން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ތުރުކީގެ އިސްތަންބޫލް އިން ޚާޝުގްޖީ ހައްޔަރުކޮށް ނުވަތަ މަރާލުމަށް ވަލީ އަހުދު ރަހުން ދީފައިވާ ކަމަށެވެ. މިއީ ޚާޝުގްޖީގެ މަރާ ގުޅިގެން ވަލީ އަހުދުގެ ނަން އެމެރިކާ އިން ރަސްމީކޮށް ގެނައި ފުރަތަމަ ފަހަރެވެ.

ސައުދީ އަރަބިއާ އިން ކުރިން ވެސް ބުނަމުން ދިޔައީ ޚާޝުގްޖީގެ މަރާ ބިން ސަލްމާންއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

"ސައުދީ ސަރުކާރުން އެކަން ކުށްވެރިކޮށް، އަދި އެފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް ފިޔަވަޅުތައް އަޅަމުންދާ ދަނޑިވަޅެއްގައި އެފަދަ ރިޕޯޓެއް ނެރުމަކީ ހިތާމަކުރާމަ ކަމެއް،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ސައުދީ ސަރުކާރަށް ފާޑުކިޔަމުން ދިޔަ ޚާޝުގްޖީ ގެއްލިފައި ވަނީ އޮކްޓޯބަރު 2018 ގައި ލިޔުމެއް ހޯދުމަށް ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ވަން ފަހުންނެވެ. އޭގެ ފަހުން އޭނާގެ ޚަބަރެއް ނުވެ އެވެ. ފަހުން އެނގުނު ގޮތުގައި ކޮންސިއުލޭޓް ތެރޭގައި އޭނާ ވަނީ މަރާލައިފަ އެވެ.

އުމުރުން 59 އަހަރުގެ ޚާޝުގްޖީ އަކީ ކުރިން ސައުދީ ސަރުކާރުގެ އެޑްވައިޒަރެކެވެ. އަދި ޝާހީ އާއިލާއާ ވެސް ގުޅުން އޮތް މީހެކެވެ. ނަމަވެސް ސައުދީ ސަރުކާރާ މެދު ހިތްހަމަނުޖެހިގެން 2017 ވަނަ އަހަރު ވަނީ އެމެރިކާ އަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ. އޭނާ ދިޔައީ ސައުދީ ސަރުކާރަށް ފާޑުކިޔައި ވޮޝިންޓަން ޕޯސްޓުގައި ކޮލަމެއް ވެސް ލިޔަމުންނެވެ.

ސައުދީ ސަރުކާރުން ބުނެފައި ޚާޝުގްޖީ މަރާލާފައި ވަނީ އޭނާ ސައުދީ އަށް އަނބުރާ ގެންދަން ތުރުކީ އަށް ދިޔަ އެޖެންޓުންތަކާ ދެބަސްވެ ހިންގި ހަމަނުޖެހުމެއްގެ ތެރޭގައި ކަމަށެވެ. ސައުދީގެ ކޯޓަކުން ވަނީ އެކަމުގައި ބައިވެރިވި ފަސް މީހަކަށް މިދިޔަ ސެޕްޓެމްބަރު މަހު 20 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. ކުރިން އެ މީހުންގެ މައްޗަށް އިއްވީ މަރުގެ ހުކުމެކެވެ.