Roadha Mihaaru
މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

10 ފެބުރުއަރީ 2021

ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީގެ ޕާލިމަންޓް ގްރޫޕު (ޕީޖީ) ލީޑަރު އަލީ އާޒިމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ، އެ ޕާޓީގެ ފަރާތުން މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓުގައި މިނިސްޓަރުކަމުގައި ހުންނެވި މަލީހު މަގާމުން ވަކިކޮށްދިނުމަށްދިނުމާ މެދު ގޮތެއް ނިންމަން އެމްޑީޕީ ޕީޖީއަށް، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް މިދިޔަ ނޮވެމްބަރު މަހު ވެސް ހުށަހެޅުއްވި އެވެ. އެކަމަކު، މަޖިލީހަށް ހުށަހެޅުމުގެ ބަދަލުގައި އެމްޑީޕީ ޕީޖީން އޭރު ނިންމީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅުއްވައިގެން އެ މައްސަލަ ކުރިއަށް ގެންދާށެވެ.

އެ މައްސަލައާ ގުޅޭ ގޮތުން މަލީހު މީގެ ކުރިން "މިހާރު" އަށް ވިދާޅުވީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅަން މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން އުޅުއްވަނީ އަދާކުރައްވަން ޖެހިވަޑައިގަންނަވާ ޒިންމާއެއްގައި ފަރުވާކުޑަކުރައްވައިގެން ނޫން ކަމަށެވެ. ހައްގެއްގެ ބޭނުން ކުރެއްވުމުން އިތުބާރު ނެތިއްޖެ ނަމަ، ބޭއިންސާފުގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނެ ކަމަށް އޭނާ އޭރު ވިދާޅުވި އެވެ.

މީކާއިލް ހުށަހެޅުއްވި މައްސަލައިގައި ވަނީ މަގާމުގައި ހުންނަވާތާ ދެ އަހަރު ވެގެންދިޔައިރު ވެސް ޓެލެކޮމިއުނިކޭޝަން ގާނޫނުގެ ދަށުން ކޮމިއުނިކޭޝަން އޮތޯރިޓީން ހަދަންޖެހޭ އެއްވެސް ގަވައިދެއް ހަދާފައިނުވާ ކަމަށެވެ. އެ ގާނޫނުން ހަދަން ލާޒިމްކޮށްފައިވާ ގަވައިދުތަކަކީ ރާއްޖޭގެ ޓެލެކޮމް ސިނާއަތް ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ގަވައިދުތަކަކަށްވެފައި އެ ގަވައިދުތައް ނުހެދި ލަސްވެގެންދާ ކޮންމެ ދުވަހަކީ ދައުލަތާއި ރައްޔިތުންނަށް އެތައް ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެއް ކަމަށް ވިދާޅުވި އެވެ.

އެކަމަކު މަލީހު ވިދާޅުވީ ކޭމް ހިންގަނީ ބޯޑެއް އައްޔަންކޮށް ސީއީއޯއެއްގެ ދަށުން ކަމަށާއި އެ ގަވައިދު ހެދުމަށް އިލްތިމާސްކުރައްވާފައިވާނެކަން ފާހަގަކުރެއްވި އެވެ.

މަލީހުގެ އިތުބާރުގެ މައްސަލަ ޕީޖީއަށް އޭރު ހުށަހެޅީ، ރާއްޖޭގައި ބަރުލަމާނީ ނިޒާމަކަށް ޖާގަ ނުދެއްވާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހަށް ފާޑުވިދާޅުވުމުން މަޖިލީހުގެ ބައެއް މެމްބަރުންގެ ނުރުހުން މަލީހަށް ވަނީ އަމާޒުވެފައި އޮއްވަ އެވެ.