03 މާޗް 2021
ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަކީ މި ސަރުކާރުގެ ވަޒީރަކު އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ވަކިކުރި ފުރަތަމަ ފަހަރެވެ. ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހުންނެވި މަލީހް ވަކިކުރަން ބޮޑު އަޣުލަބިއްޔަތުން ފާސްކުރުމުން އޭނާ ގެއަށް ވަޑައިގަތީ އެވެ. އެ މިނިސްޓްރީ ހިންގުން އެހެން ވަޒީރަކާ ވެސް ހަވާލުކުރައްވައިފި އެވެ. އެކަމަކު ސުޕްރީމް ކޯޓުގެ ހުކުމް ބުނާ ގޮތުން މަލީހް އެ މަގާމުން ވަކިވީ ކަމަށް އަދި ނިންމޭކަށް ނެތެވެ.
ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަކީ މި ސަރުކާރުގެ ވަޒީރަކު އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ވަކިކުރި ފުރަތަމަ ފަހަރެވެ. ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހުންނެވި މަލީހް ވަކިކުރަން ބޮޑު އަޣުލަބިއްޔަތުން ފާސްކުރުމުން އޭނާ ގެއަށް ވަޑައިގަތީ އެވެ. އެ މިނިސްޓްރީ ހިންގުން އެހެން ވަޒީރަކާ ވެސް ހަވާލުކުރައްވައިފި އެވެ. އެކަމަކު ސުޕްރީމް ކޯޓުގެ ހުކުމް ބުނާ ގޮތުން މަލީހް އެ މަގާމުން ވަކިވީ ކަމަށް އަދި ނިންމޭކަށް ނެތެވެ.
ގާނޫނު އަސާސީގެ 101 ވަނަ މާއްދާ ބުނާ ގޮތުން ވަޒީރެއްގެ އިތުބާރު ނެތްކަމަށް މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފި ނަމަ، އެ މީހަކު މަގާމުން ވަކިވީ އެވެ. އިތުބާރު ނެތްކަމުގެ ވޯޓު ނަގައިގެން ވަކިކުރާ އެހެން މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ވެސް އޮންނަނީ މި އުސޫލެވެ. އެކަމަކު ރައީސުލްޖުމްހޫރިއްޔާ ވަކިކުރުމުގައި ސުވާލު އުފެދޭ ކަމެއް ދިމާވެއްޖެ ނަމަ، ސުޕްރީމް ކޯޓަށް އެކަން ބެލޭ ގޮތަށް ގަނޫނުއަސާސީން ފުރުސަތު ދެ އެވެ. އެ ނޫން ހާލަތްތަކުގައި މަޖިލީހުން ނަގާ އެފަދަ ވޯޓުތަކަކީ، ގާނޫނުއަސާސީގައި ކަނޑައަޅާފައި އޮތް ގޮޮތުން، އެންމެ ފަހުގެ ނިންމުމެވެ.
ނަމަވެސް ގާނޫނުއަސާސީއާ ހިލާފަށް ސުޕްރީމް ކޯޓުން 2017 ގައި ހުކުމެއް ވަނީ ކޮށްފަ އެވެ. އޭރުގެ އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ހުށަހެޅުއްވި ދުސްތޫރީ މައްސަލައެއްގައި އޭރު ތިއްބެވި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވާ ގޮތުން ރައީސާއި ނައިބު ރައީސާއި ވަޒީރުންގެ އިތުރުން ގާނޫނުއަސާސީގައި ބަޔާންކުރާ މިނިވަން ބައެއް މުއައްސަސާތަކުގެ ވެރިންނާއި ފަނޑިޔާރުން މަގާމުން ވަކިކުރަން މަޖިލީހުން ފާސް ކުރިޔަސް، އެ ނިންމުމެއް ސައްހަ ވާނީ އަދި ތަންފީޒު ވާނީ ސުޕްރީމް ކޯޓުން އެކަމާ މެދު ފަހު ބަސް ބުނުމުންނެވެ. އާ ވެރިކަމާ އެކު ސުޕްރީމް ކޯޓުގެ މުޅި ބެންޗު ބަދަލުވިޔަސް އެ ހުކުމް މިހާތަނަށް ބާތިލެއް ނުކުރެ އެވެ. އަދި މިނިވަން މުއައްސަސާތަކުގެ ބައެއް މެމްބަރުންނާއި ބައެއް ފަނޑިޔާރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި، ބޭރުކޮށްފައި ވެސް ވެ އެވެ.
މަލީހަކީ އެ ހުކުމް އައި ފަހުން އިތުބާރު ނެތްކަމުގެ ވޯޓަކުން މަގާމުން ދުރުކުރި ފުރަތަމަ ވަޒީރެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓަަށް އޭރު ހުށަހެޅީ 2017 ގައި ޕީޕީއެމްގެ 12 މެމްބަރަކު އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން، އިދިކޮޅަށް މަޖިލިހުގެ އަގުލަބިއްޔަތު ފުރޮޅުމުން ބައެއް ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިިލީހަށް ހުށަހަޅަން މަސައްކަތް ކުރަމުން ދަނިކޮށެވެ. އޭޖީގެ ފަރާތުން އެ މައްސަލަ ހުށަހެޅީ ސިޔާސީ ގޮތުން ވަޒީރެއްގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ފާސްނުކުރެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ. އަދި ވަޒީރުންނަކީ ރައީސް އައްޔަންކުރާ ބަޔަކަށް ވާތީ މަޖިލީހަށް ވަޒީރަކު ވަކިކުރެވޭނީ ވަކި ސަބަބުތަކެއް މެދުވެރިވެ، އެކަން ސާބިތުވެގެން އިމްޕީޗްމަންޓް އުސޫލުން ކަމަށް ކަނޑައަޅައި ދިނުމަށެވެ. އެކަމަކު އޭރު ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައި އޮތް މަތީ ކޯޓުގެ ބެންޗުން ހުކުމް އައީ ވަޒީރުންގެ އިތުރުން މިނިވަން މުއައްސަސާތަކާއި ފަނޑިޔާރުން ވެސް ހިމެނޭ ގޮތަށް، ސުޕްރީމް ކޯޓުން ފަހު ބަސް ބުނާ ގޮތަށެވެ.
ހުކުމުގައިވާ ގޮތުން މިިނިވަން މުއައްސަސާތަކުގެ ތެރެއިން އެ ހުކުމުގެ އުސޫލުތައް ހިނގާނީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާއި ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުންގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އަދި އޮޑިޓާ ޖެނެރަލް މަގާމުން ވަކިކުރުމުގަ އެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މެމްބަރުން ވަކިކުރުމުގައި އެ ހުކުމުގެ އުސޫލުތަކެއް ނުހިނގަ އެވެ. އެ ކޮމިޝަންގެ ގިނަ މެމްބަރުންނަކީ އެހެން މަގާމުތަކެއްގެ ހައިސިއްޔަތުން އެ ކޮމިޝަންގައި ތިއްބަވާ ބޭފުޅުންނެވެ. ބްރޯޑްކާސްޓިން ކޮމިޝަނަކީ ގާނޫނުއަސާސީގެ ދަށުން އުފެއްދި މުއައްސަސާއަކަށް ނުވާތީ އެ ކޮމިޝަންގެ މެމްބަރުން ވެސް މި ހުކުމުގެ ދާއިރާއަކަށް ނުވަދެ އެވެ.
ސުޕްރީމް ކޯޓުން ފަހު ބަސް ބުނަން ޖެހޭ ގޮތަށް ހުކުމުގައި އޮތަސް، ދެން އަމަލު ކުރާނެ ގޮތެއް އެ ހުކުމުގައި ބުނެފައެއް ނުވެ އެވެ. މިސާލަކަށް، ވަޒީރެއްގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކުރުމުން އެ މައްސަލައެއް ސުޕްރީމް ކޯޓުގެ އަމިއްލަ އިސް ނެގުމުގައި ބަލާނީ ކަމެއް ނުވަތަ އެ ބޭފުޅަކު އަމިއްލައަށް ހުށަހަޅަން ޖެހޭނީ ކަމެއް ކަނޑައެއް ނާޅަ އެވެ. އަދި މަޖިލީހުގެ ވޯޓަށް ފަހު ސުޕްރީމް ކޯޓުން ފަހު ބަސް ބުނަންދެން، އެ ބޭފުޅަކަށް މަގާމުގައި ދެމިހުރެވޭނެ ކަން ނުވަތަ ނޫންކަމާ މެދު ވެސް ހުކުމުގައި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
ރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުގެ އިމާރާތް: ކުރީގެ ބެންޗުން 2017 ގައި ކުރި ހުކުމާ މެދު ގޮތެއް ނިންމަން ޖެހޭނެ --- ފޮޓޯ/މިހާރު
މި ހުކުމް މިގޮތަށް އައި ފަހުން ގިނަ އަދަދެއްގެ ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުން ވަކިކުރަން މަޖިލީހުން ފާސްކުރިއިރު، އެ ކޯޓުން އެއްވެސް އެއްޗެއް ނުބުނެ އެވެ. ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ވަކިކުރަން 2019 ގައި މަޖިލީހުން ފާސްކުރުމުން އެއިން އެއްވެސް ބޭފުޅަކު ވެސް "ގަދަކަމުން" މަގާމުގައި ދެމިހުންނަވަން މަސައްކަތެއް ނުކުރައްވަ އެވެ. އަދި ހުސްވި މަގާމުތަކަށް އާ ބޭފުޅުން އައްޔަން ކުރިއިރު، އެ މަގާމު ހުސްނުވާ ކަމަށް ބުނެ އެއްވެސް ބޭފުޅަކު ވާހަކައެއް ވެސް ނުދައްކަވަ އެވެ.
އެހެންވެ ސުޕްރީމް ކޯޓުން އޭރު އަމަލުކުރި ގޮތަށް ބަލާއިރު، އެ ހުކުމް ރަނގަޅު ނޫން ކަމަށް އެ ކޯޓުގެ އޭރުގެ ފަނޑިޔާރުން ވެސް ގަބޫލުކުރައްވާ ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތެވެ. ނަމަވެސް ސުޕްރީމް ކޯޓަކީ އަދުލު އިންސާފު ގާއިމްކުރުމުގެ އެންމެ އިސް ފަރާތަށް ވާތީ އެ ކޯޓުގެ ނިންމުމަކީ ގާނޫނީ ގޮތުން އަބަދުވެސް ފަހުގެ ނިންމުމެވެ. ފާޅުކަން ބޮޑު ގޯހެއް ފެންނަން އޮތަސް، އެ ކޯޓުގެ ނިިންމުން އެ ކޯޓުން އަމިއްލައަށް ބަދަލު ނުކުރާހާ ހިނދަކު އެއަށް ތަބާވުން ގާނޫނީ ގޮތުން ލާޒިމެވެ.
ގާނޫނީ ނުކުތާއަކާ މެދު ކުރިން ނިންމާފައިވާ ނިންމުމަކާ ދުރަށް ދިއުމުގެ ފުރުސަތު ކޯޓުތަކާ ބެހޭ ގާނޫނުގެ ދަށުން ސުޕްރީމް ކޯޓަށް އޮވެ އެވެ. ސުޕްރީމް ކޯޓުގެ ކުރީގެ ބައެއް ނިންމުންތަކާ ދުރަށް ދާން ޖެހޭ ކަމަށް އެ ކޯޓުން ދާދި ފަހުން ނިންމާފައި ވެސް އެބަ ހުއްޓެވެ. އެކަމަކު މި ހުކުމާ މެދު މިހާތަނަށް އެއްވެސް އެއްޗެއް ކޯޓުގެ ނިންމުމެއްގައި ބުނެފައެއް ނެތެވެ.
ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް މަގާމުން ވަކިކުރި މައްސަލާގައި ސުޕްރީމް ކޯޓުގައި މިހާރު ހިނގާ ޝަރީއަތުގެ ތެރެއިން މި ހުކުމާ މެދު ކޮންމެވެސް ވަރަކަށް ބަހުސް ކުރި އެވެ. ޑރ. ޖަމީލްގެ ފަރާތްޕުޅުން އެ ހުކުމް ފާހަގަކުރުމުން ދައުލަތުން މިހާރު ބުނަނީ އެއީ ގޯސް ހުކުމެއް ކަމަށާއި، އެ ހުކުމާ ދުރަށް ދާން ސުޕްރީމް ކޯޓުން މިހާރު ނިންމަން ވެސް ޖެހޭ ކަމަށެވެ. ޑރ. ޖަމީލް ވަކިކުރި މައްސަލާގެ ހުކުމެއް މިހާތަނަކަށް ނީއްވަ އެވެ. ދުސްތޫރީ މައްސަލަތަކުގައި ސުޕްރީމް ކޯޓުގެ ފަހުގެ ގިނަ ނިންމުންތައް ހުރި ގޮތުން މި ހުކުމް ބާތިލް ކުރުން ނުވަތަ އެ ނިންމުމާ ދުރަށް ދާން ނިންމުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.
ގާނޫނީ ވަކީލަކު ވިދާޅުވީ ގާނޫނުއަސާސީ އޮތް ގޮތުން މަޖިލީހުން އިތުބާރު ނެތްކަމަށް ފާސްކުރާ ހިސާބުން އެ މީހަކު މަގާމުން ވަކިވާނެ އެވެ. އެކަމަކު ސުޕްރީމް ކޯޓުގެ ހުކުމް ދެމިއޮތުމުން އެކަމާ މެދު ސުވާލު އުފެއްދުމުގެ ފުރުސަތު އެބަ އޮތް ކަން އޭނާ ފާހަގަކުރައްވަ އެވެ.
"މަޖިލީހުން ފާސްކުރީމަ މަގާމުން ވަކިވާނެ ކަމަށް ގާނޫނުއަސާސީގައި ބުނަނީ. އިތުރު ފަރާތަކުން ބަސް ބުނަން ޖެހޭނެ ކަމަކަށް ނެތް. އެ ހުކުމް ރަނގަޅެކޭ ނުބުނެވޭނެ. އެކަމަކު ހުކުމް އަދި ބާތިލެއް ނުކުރޭ. ބާތިލް ނުކުރާހާ ހިނދަކު އެ ސުވާލު އުފެއްދުމުގެ ފުރުސަތު އެބަ އޮތް،" އޭނާ ވިދާޅުވި އެވެ.
އެ ހުކުމު އައި ފަހުން ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުން ވެސް ވަކިކުރިއިރު، ސުޕްރީމް ކޯޓުން އެކަމާ މެދު އެއްޗެއް ނުބުނެ އޮތްކަން އެ ވަކީލް ވެސް ފާހަގަކުރެއްވި އެވެ. އެކަމަކު ޑރ. ޖަމީލް ވަކިކުރި މައްސަލައިގެ ތެރެއިން އެ ހުކުމާ މެދު ގޮތެއް ނިމިގެންދާނެ ކަމަށް އޭނާ ލަފާކުރައްވަ އެވެ.
ރަައްޔިތުންގެ މަޖިލިހުގައި އިތުބާރު ނެތްކަމުގެ ވޯޓުން ބޭފުޅުން މަގާމުން ވަކިކުރުމާ މެދު ގާނޫނުއަސާސީ ވަރަށް ސާފެވެ. އިތުބާރު ނެތްކަމަށް ފާސްކުރުމުން މަގާމުން ވަކިވީ އެވެ. އޭގައި ސުވާލު އުފެދޭނެ އެއްވެސް ޖާގައެއް ނެތެވެ. ނަމަވެސް މީގެ ތިން އަހަރު ކުރިން ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް ދެމި އޮތްހާ ހިނދަކު، އެ ކޯޓުގެ ފަހު ބަހެއް ނެތީސް، އިތުބާރު ނެތްކަމުގެ ވޯޓެއްގެ "ސައްހަކަން" ގާނޫނީ ގޮތުން އަދި ކަނޑައެއް ނޭޅެ އެވެ. އަދި އެއީ "ނެތް ހުކުމެއް" ކަމަށް ދެކިގެން ސުޕްރީމް ކޯޓުން އަބަދު ހަނުހުރުން ވެސް ރަނގަޅެއް ނޫނެވެ.
އެމްޑީޕީއަށް އެކަނި ރައީސް ވަކިކުރެވޭ އިސްލާހު ކޯޓަށް!
އާ ރައީސް ހުވާކުރުމަށް ހުރަހެއް ނޭޅޭނެ: ސުޕްރީމް ކޯޓު
ނަޝީދުގެ ގަރާރު ކުރިއަށްގެންދަން ނިއުޝާގެ 4 ހައްލެއް
ފިލްޒާ ވިދާޅުވީ ހައްލަކީ ގަވައިދު އިސްލާހުކުރުން ކަމަށް
ކޯޓުގައި މައްސަލަ އޮތުމުން އީވާ އުޒުރުވެރިވެއްޖެ!
އިތުރު ޖަލްސާއެއް ނުބޭއްވޭނެކަމަށް ކަނޑައަޅަން އެދިއްޖެ
މަލީހުގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކޮށްފި
މަލީހުގެ ތުހުމަތުތަކާ އެކު މައްސަަލަ ކޮމިޓީ އަށް
މަލީހު: ދެކޮޅަށް އުޅެނީ ވަކި ފެކްޝަނަކުން
މަލީހުގެ މައްސަލަ މާދަމާއަށް ތާވަލުކޮށްފި