Roadha Mihaaru
ވިނީޝިއަސްގެ ގޯލުން ފަހު ވަގުތު ރެއާލް ސަލާމަތްވެއްޖެ

ވިނީޝިއަސްގެ ގޯލުން ފަހު ވަގުތު ރެއާލް ސަލާމަތްވެއްޖެ

02 މާޗް 2021

މެޑްރިޑް (މާޗް 2) - ފަހު މިނެޓުގެ ތެރޭގައި ވިނީޝިއަސް ޖޫނިއާ ޖެހި ގޯލާ އެކު، ސްޕެނިޝް ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ރޭ ކުޅުނު މެޗުން ރެއާލް ސޮސިއެޑާޑާ 1-1 އިން އެއްވަރުކޮށްފި އެވެ.

މެޑްރިޑް (މާޗް 2) - ފަހު މިނެޓުގެ ތެރޭގައި ވިނީޝިއަސް ޖޫނިއާ ޖެހި ގޯލާ އެކު، ސްޕެނިޝް ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ރޭ ކުޅުނު މެޗުން ރެއާލް ސޮސިއެޑާޑާ 1-1 އިން އެއްވަރުކޮށްފި އެވެ.

ރޭގެ ނަތީޖާއާ އެކު ލީގުގެ ދެ ވަނަ އަށް އަރައި އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު ރެއާލުން ވަނީ ނަގާލައިފަ އެވެ. އެތުލެޓިކޯ އެއް ވަނައިގައި އޮތީ 24 މެޗުން 58 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބާސެލޯނާ އާއި ތިން ވަނައިގައި އޮތް ރެއާލަށް 25 މެޗުން ލިބިފައިވަނީ 53 ޕޮއިންޓެވެ. ބާސެލޯނާ ކުރީގައި އޮތީ ލަނޑުގެ ތަފާތުންނެވެ. ލީގުގައި ރެއާލް ދެން ކުޅޭ މެޗުގައި އާދިއްތަ ދުވަހުގެރޭ ބައްދަލުކުރާނީ އެތުލެޓިކޯއާ އެވެ.

ރެއާލް ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ރެއާލްގެ މަރިއާނޯ ޑިއާޒް ބޮލުން ފޮނުވާލި ބޯޅައެއް ވަނީ ގޯލުގެ ހުރަސްދަނޑިއަށް އަމާޒުވެފަ އެވެ. ފަހުން ރެއާލްގެ މާކޯ އަސެންސިއޯ އާއި ޓޯނީ ކްރޫސް ފޮނުވާލި ބޯޅަތައް ގޯލަށް ނުރައްކާކުރި އެވެ.

ދެ ވަނަ ހާފް ފަށައިގެން 10 މިނިޓް ތެރޭ ރެއާލްގެ ފަހަތުން ފާލަންޑް މެންޑީ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ޕޯޓޫ ވަނީ ގޯލެއް ޖަހައި ސޮސިއެޑާޑަށް ލީޑުނަގައިދީފަ އެވެ. އޭނާ މި ގޯލު ޖެހީ ބޮލުންނެވެ. ނަތީޖާ ހަމަހަމަކުރަން ރެއާލުން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 89 ވަަނަ މިނިޓްގަ އެވެ. ލޫކަސް ވަޒްކޭޒް ނަގައިދިން ހުރަހަކުން މި ގޯލު ޖެހީ ވިނީޝިއަސް އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ވިނީޝިއަސް ރޭގެ މެޗުގައި ކުޅެން ނުކުތްއިރު، މިއީ އޭނާ ރެއާލް ޖޯޒީގައި ކުޅުނު 100 ވަނަ މެޗެވެ.

ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނީ މެޗުގެ ނަތީޖާގެ ޒިންމާ އޭނާ ނަގާ ކަމަށާއި އެކަމަކު މި ނަތީޖާގެ ސަބަބުން އާދިއްތަ ދުވަހު އެތުލެޓިކޯއާ ދެކޮޅަށް ކުޅެން އޮތް މެޗަށް އަސަރެއް ކުރާނެ ކަމަށް ނުދެކޭ ކަމަށެވެ.