Roadha Mihaaru
ފެނަކައިން ތިން ސްކީމެއްގައި ބައިވެރިވެއްޖެ

މުވައްޒަފުންނަށް ލުއިފަސޭހަތަކެއް ލިބޭ ތިން ސްކީމެއްގައި ފެނަކައިން ބައިވެރިވެއްޖެ

03 ޖޫން 2016

މުވައްޒަފުންނަށް ލުއި ފަސޭހަތަކެއް ލިބޭ ތިން ސްކީމެއްގައި ފެނަކަ ކޯޕަރޭޝަނުން މިރޭ ބައިވެރިވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މުވައްޒަފުންނަށް ލުއި ފަސޭހަތަކެއް ލިބޭ ތިން ސްކީމެއްގައި ފެނަކަ ކޯޕަރޭޝަނުން މިރޭ ބައިވެރިވެއްޖެ އެވެ.

ފެނަކަ މުވައްޒަފުންގެ މާހެފުމަކާއެކު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ ކުންފުނިން ވަނީ މޯލްޑިވްސް ފައިނޭންސް ލީސިން ކުންފުނި (އެމްއެފްއެލްސީ) އާއި އަޔާދީ ތަކަފުލް އަދި އެޗްޑީއެފްސީއާ އެކު އެއްބަސްވުމެއް ގާއިމްކޮށްފަ އެވެ. އެ އެއްބަސްވުންތަކުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލެވެ.

''މިހާރު"އާ ވާހަކަ ދައްކަވަމުން ނިމާލް ވިދާޅުވީ ފެނަކައިން ސްކީމްތަކެއްގައި ބައިވެރިވީ މުވައްޒަފުން ވަޒީފާ އަށް އަހުލުވެރިކޮށް އަދި ޝައުގުވެރި ކުރުވުމަށް ކަމަށެވެ. އެގޮތުން އަޔާދީ ތަކަފުލްގެ ހެލްތް ސްކީމު ފަދަ ސްކީމްތަކަކީ 24 ގަޑިއިރު ރައްޔިތުންނަށް ހިދުމަތްދޭ ބަޔަކަށް ވަރަށް މުހިއްމު ބައެއް ކަމަށާއި އޭގެ ސަބަބުން ކުންފުންޏަށް ވަރަށް ބޮޑު ލުޔެއް ލިބޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.

ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރަން އެޗްޑީސީން ދޫކުރާ ލުއި ލޯނުން ފެނަކައިގެ މުވައްޒަފުންނަށް ބޮޑު އެހީއެއް ލިިބޭނެ ކަމަށް ނިމާލް ވިދާޅުވި އެވެ. އެމްއެފްއެލްސީ ސްކީމްގައި ބައިވެރިވުމުން، އެމީހެއްގެ މުސާރައިން ކެނޑޭ ގޮތަށް ސައިކަލާއި ފަރުނީޗަރު ފަދަ ތަކެތި ފެނަކައިގެ މުވައްޒަފުންނަށް ލިބޭނެ އެވެ.

ނިމާލް ވިދާޅުވި ގޮތުގައި ރައްޔިތުންނަށް އިތުބާރާއި ޔަގީންކަމާ އެކު ހިދުމަތް ދޭން އެ ކުންފުނިން ބުރަ މަސައްކަތެއް ކުރެ އެވެ. އަދި ރަށަކުން ކަރަންޓް ކަނޑައިގެން ދިޔަޔަސް ވަރަށް އަވަހަށް އެކަމަށް ހައްލު ހޯދައިދެވޭ ކަމަށާއި އެއީ ލިބޭ ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރަށަކުން ކަރަންޓް ކަނޑައިގެން ހިނގައިދާނެ. ކިތައްމެ ރަނގަޅަށް ހުންނަ މީހާ ވެސް ހިނގަ ހިނގާ ހުއްޓާ ވެއްޓޭ ދެއްތޯ. ބަލިވެގެން އައިސީޔޫގައި ވެސް އޮވޭ ގިނަ ދުވަހު. އެހެންވީމަ ކިތަންމެ ރަނގަޅަށް ހިނގަހިނގައި ހުރި އިންޖީނެއް ވެސް ހުއްޓިދާނެ. އެހެން ނަމަަވެސް އަޅުގަނޑުމެންނަށް ކުޑަ އިރުުކޮޅެއްގެ ތެރޭގައި ކަރަންޓް ދެވޭނެކަން ފާއިތުވި ދުވަސްތަކުން ސާބިތުވެއްޖެ،" ނިމާލް ވިދާޅުވި އެވެ.

ފެނަކަ ކޯޕަރޭޝަނުން ވަނީ ހައްޖު ސްކީމްގައި ވެސް ބައިވެރިވާން ނިންމައިފަ އެވެ.

ރަށްރަށުގައި ފެނާއި ނަރުދަނާ އަދި ކަރަންޓުގެ ހިދުމަތް ދޭން ފެނަކައިން ވަނީ 152 ބްރާޗު ގާއިމްކޮށްފަ އެވެ. އަދި އެ ކުންފުނީގައި ޖުމްލަ 2،300 މުވައްޒަފުން މަސައްކަތް ކުރެ އެވެ.