Roadha Mihaaru
ފަނޑިޔާރަކު އެއް މައްސަލައެއް ދެ ފަހަރަށް ބަލައިފި

ތަހުވީލުކުރި މައްސަލައެއް އެއް ފަނޑިޔާރަކު ބެލި މައްސަލައެއް ފެންމަތިވެއްޖެ

04 މާޗް 2021

މައްސަލައެއް އަލުން ބަލަން އެންގުމުން، ކުރިން އެ މައްސަލަ ބެއްލެވި ފަނޑިޔާރު ކޯޓުތަކުގެ ގާނޫނާ ޚިލާފަށް ދެވަނަ ފަހަރަށް އެ މައްސަލަ ބަލައި، ހުކުމްކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މައްސަލައެއް އަލުން ބަލަން އެންގުމުން، ކުރިން އެ މައްސަލަ ބެއްލެވި ފަނޑިޔާރު ކޯޓުތަކުގެ ގާނޫނާ ޚިލާފަށް ދެވަނަ ފަހަރަށް އެ މައްސަލަ ބަލައި، ހުކުމްކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ހދ. ކުޅުދުއްފުށީ ކޯޓުން 2009 ވަނަ އަހަރު ނިންމި މިލްކުވެރިކަން ސާބިތު ކުރުމުގެ މައްސަލައެއްގެ ހުކުމަށް ހައި ކޯޓުން 2012 ގައި ތާއީދުކޮށްފައި ވަނިކޮށް ސުޕްރީމް ކޯޓުން 2017 ގައި ނިންމީ ކުޅުދުއްފުށީ ކޯޓުގެ ހުކުމާއި ހައި ކޯޓުގެ އެ ހުކުމް ގާނޫނާ ޚިލާފް ކަމަށެވެ. އަދި އެ މައްސަލަ އަލުން ކުޅުދުއްފުށީ ކޯޓުން ބެލުމަށް އެ ކޯޓަށް ތަހުވީީލުކުރި އެވެ.

ކޯޓުތަކާ ބެހޭ ގާނޫނު ބުނާގޮތުން އަލުން ބެލުމަށްޓަކައި ދަށު ކޯޓަށް ތަހުވީލުކުރާ މައްސަލަތައް ބަލަން ޖެހޭނީ ކުރިން އެ މައްސަލަ ބެއްލެވި ފަނޑިޔާރު ނޫން އެހެން ފަނޑިޔާރެކެވެ. އެކަމަކު އެ މައްސަލަ ދެވަނަ ފަހަރަށް ކުޅުދުއްފުށީ ކޯޓުން ބެލީ ވެސް ކުރިން އެ މައްސަލަ ބަލައި، ހުކުމްކުރި ފަނޑިޔާރެވެ. އެއީ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމެވެ.

ދެވަނަ ފަހަރަށް އެ ކޯޓުން މައްސަލަ ބެލުމަށް ފަހު ކުރި ހުކުމް އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ. ހައި ކޯޓުގެ ހުކުމުގައިވަނީ ތަހުވީލުކުރި މައްސަލައެއްގައި، އެންމެ ފުރަތަމަ މައްސަލަ ބެއްލެވި ފަނޑިޔާރު ދެވަނަ ފަހަރަށް އެ މައްސަލަ ބެއްލެވުމަކީ ގާނޫނާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށެވެ. އަދި އެ މައްސަލަ ކުޅުދުއްފުށީ ކޯޓުން އަލުން ބަލަން ޖެހޭނީ އެހެން ފަނޑިޔާރެއް ކަމަށާއި އެހެންވެ، އެގޮތަށް އެ މައްސަލަ ބެލުމަށް ކުޅުދުއްފުށީ ކޯޓަށް އަނެއްކާވެސް އެ މައްސަލަ ތަހުވީލުކުރީ ކަމަށް އެ ހުކުމުގައިވެ އެވެ.

ހައި ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްގެ އިތުރުން އިސް ފަނޑިޔާރު ހާތިފް ހިލްމީ އެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝަހީދެވެ.