Roadha Mihaaru
ނިންމާފައިވާ މައްސަލައެއް ހައި ކޯޓުން އޮޅިގެން ބަލައިފި

ނިންމާފައިވާ މައްސަލައެއް ހައި ކޯޓަށް އޮޅިގެން އަލުން ބަލައިފި

22 ނޮވެމްބަރ 2022

ހައި ކޯޓުން ކުރިން ނިންމާފައި އޮތް މައްސަލައެއް އިދާރީ އޮޅުމެއްގެ ސަބަބުން ދެވަނަ ފަހަރަށް އެ ކޯޓުން ބަލައިފި އެވެ.

ހައި ކޯޓުން ކުރިން ނިންމާފައި އޮތް މައްސަލައެއް އިދާރީ އޮޅުމެއްގެ ސަބަބުން ދެވަނަ ފަހަރަށް އެ ކޯޓުން ބަލައިފި އެވެ.

ފެމިލީ ކޯޓުން ދަރިންގެ ޚަރަދު ނަގައިދިން ގޮތާ މެދު ހިތްހަމަނުޖެހިގެން އެ މައްސަލަ އިސްތިއުނާފް ކުރަން މީހަކު ހުށަހެޅި މައްސަލައެއްގައި މިދިޔަ އަހަރު ހައި ކޯޓުން ދަށު ކޯޓުގެ ހުކުމް ދަމަހައްޓާފައި ވަނިކޮށް އަލުން މިއަހަރު އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅީ ކުރިން ވެސް ހުށަހެޅި މީހާ އެވެ.

މިއަހަރު އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅިއިރު މުއްދަތު ހަމަވެފައި އޮތުމުން އެ މައްސަލަ އިސްތިއުނާފް ކުރުމުގެ ހުއްދައަށް އެދި އެ މީހާ ހުށަހެޅީ ފަނޑިޔާރުންގެ މަޖިލީހަށެވެ. އަދި އެއީ ކުރިން ނިންމާފައި އޮތް މައްސަލައެއްކަން ފަނޑިޔާރުންގެ މަޖިލީހަށް އެނގިފައި ނެތުމުން އެ މަޖިލީހުން ނިންމީ ހުއްދަ ދިނުމަށެވެ.

މައްސަލައިގެ ޝަރީއަތް ކުރިއަށް ދަނިކޮށް އެކަން އެނގުމުން އެ މައްސަލަ އިއްޔެ ވަނީ ބޭރުކޮށްލައިފަ އެވެ. ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ކޯޓުގެ ރަޖިސްޓްރާ ސެކްޝަންގެ ޒިންމާ އެކަށީގެންވާ ގޮތެއްގައި އަދާކުރެވުނު ނަމަ، ކޯޓުގެ ވަގުތާއި ވަސީލަތް ސަލާމަތް ކުރެވުނީސް ކަމަށެވެ.

މީގެ ކުރިން ވެސް މަރުގެ މައްސަލައެއް ހައި ކޯޓުން ދެ ފަހަރަށް ރަޖިސްޓްރީކޮށް، ދެ ބެންޗަކުން ބަލަމުން ގެންދިޔަ މައްސަލައެއް ފެންމަތިވި އެވެ.