Roadha Mihaaru
އެންމެ ނުރައްކާތެރި ފިތުނަޔަކީ ދީނީ ފިތުނަ: ޚުތުބާ

އެންމެ ނުރައްކާތެރި ފިތުނަޔަކީ ދީނީ ފިތުނަ: ޚުތުބާ

05 މާޗް 2021

އެންމެ ނުރައްކާތެރި ފިތުނަޔަކީ ދީނީ ފިތުނަ ކަމަށާއި އެއީ ﷲގެ އަޅުންނާއި އެ ކަލާނގެއާ ދެމެދުގައިވާ ގުޅުން އިމްތިހާނުކުރެވޭ ފިތުނަކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފި އެވެ.

އެންމެ ނުރައްކާތެރި ފިތުނަޔަކީ ދީނީ ފިތުނަ ކަމަށާއި އެއީ ﷲގެ އަޅުންނާއި އެ ކަލާނގެއާ ދެމެދުގައިވާ ގުޅުން އިމްތިހާނުކުރެވޭ ފިތުނަކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފި އެވެ.

ފިތުނައިން ރައްކާތެރިވުމުގެ މުހިންމުކަން ބަޔާންކޮށް ދިން ޚުތުބާގައި ބުނީ ނަބަވީ ހިދާޔަތާއި ޝަރުއީ މިންގަނޑަކީ ދީނުގެ މެދުމިން ކަމަށާއި އެކަމުން ކައްސާލައިފި ނަމަ، ހައްދުފަހަނަޅާފައިވާ ޚިޔާލުތަކުގެ ދަލުގައި ޖެހި ފިތުނައިގެ ތެރެއަށް ވެއްޓިދާނެ ކަމަށެވެ.

"ގައުމެއްގައި، ސައްހަ ތެދު މައުލޫމާތާއި ހުނަރު ފެތުރިއްޖެ ނަމަ އެ ގައުމެއް ކުރިއަރާނެ އެވެ. ދުނިޔޭގެ ގައުމުތަކުގެ މެދުގައި ގަދަރާއި އިއްޒަތް އުފުލޭނެ އެވެ. އެކަމަކު ނަބަވީ ހިދާޔަތާއި ޝަރުއީ މިންގަނޑު ކަމުގައިވާ ދީނުގެ މެދުމިން ކައްސާލައިފި ނަމަ، ހައްދުފަހަނަޅާފައިވާ ޚިޔާލުތަކުގެ ދަލުގައި ޖެހި ފިތުނައިގެ ކަނޑަކަށް ޣަރަގުވެދާނެ އެވެ." މިއަދުގެ ހުކުރު ނަމާދުގައި ކިޔުމަށް އިސްލާމިކް މިނިސްޓްރީން ކަނޑައެޅި ޚުތުބާގައި ބުނެފައިވެ އެވެ.

ފިތުނައިގެ ނުރައްކާ ބަޔާންކޮށްދިން ޚުތުބާ ފެށުމުގެ ގޮތުން، އެކަމާ ބެހޭ ގޮތުން ކީރިތި ރަސޫލާ ﷺގެ ހަދީސްފުޅެއް ގެނެސްފައިވެ އެވެ.

"ތިޔަބައިމީހުންނާ ފިތުނަތަކާ ކުރިމަތިވާނެ އެވެ. އެ ކަންތައްތަކުގައި ދެތުވެ ހުރި މީހާއަށް ވުރެ އިށީނދެ އިން މީހާގެ ހެޔޮކަން ބޮޑެވެ. އަދި [ފިތުނަވެރިކަމާ ގާތަށް] ހިނގާފައި ދާ މީހާއަށް ވުރެ، [ދުރުން އެކަން] ބަލަން ހުރި މީހާގެ ހެޔޮކަން ބޮޑެވެ. އަދި [ފިތުނައިގެ ތެރެއަށް ވަނުމަށް] ދުވާ މީހާއަށް ވުރެ، ހިނގާފައި ދާ މީހާގެ ހެޔޮކަން ބޮޑެވެ. ފިތުނައިގެ ތެރެއަށް ވަދެއްޖެ މީހާ، އެކަމުގައި ހަލާކުވެ ހިނގައިދާނެތެވެ. ފަހެ ފިތުނައިން ރެކި، ފިލަން ވަންނާނެ ތަނެއް ލިބުނު މީހާ، ފަހެ އެ ތަނަކަށް ވަދެ ރައްކާތެރިކަން ހޯދާފައި ހުށި ކަމެވެ." ފިތުނަޔާ ވީހާ ވެސް ދުރުވުމާއި ދުރުވި މިންވަރަކުން ހެޔޮކަން އިތުރުވެގެންވާކަން ބަޔާން ކުރައްވާފައިވާ ހަދީސްގެ މާނާގައިވެ އެވެ.

ހަމަ ކަށަވަރުން، ބާއްޖަވެރިޔަކީ ފިތުނަޔާ ދުރުހެލިކުރެވުނު މީހާ: ހަދީސް

ދީނީ އެކި ކަންކަމުގައި ޚިޔާލު ތަފާތުވެ އެއްބަޔަކު އަނެއް ބަޔަކަށް ކުޑައިމީސްކޮށް ރައްދު ދިނުން އިތުރުވެފައިވާ މި ވަގުތު ދިން ޚުތުބާގައި ބުނީ ދުނިޔެ އަކީ އިމްތިހާނުގެ، އަޖުމަ ބެލުމުގެ ގޮވައްޗެއް ކަމަށާއި އިމްތިހާނުގެ މައިދާނުން އެއްވެސް މީހަކު އިސްތިސްނާ ވެގެން ނުވާ ކަމަށެވެ.

"މި އިމްތިހާނުގައި ފެއިލްވާ މީހުން ފުރެދުމުގެ ތެރެއަށް ވެއްޓިގެންދެ އެވެ." ޚުތުބާގައިވެ އެވެ.

ޚުތުބާގައި ބުނި ގޮތުގައި، ފިތުނައާ ނުލައި މަރުގެންނެވުމަށް އެދިވަޑައިގެން "އަޅަމެންގެ ދީނުގައި އަޅަމެންނަށް މުސީބާތެއް ނުލައްވާންދޭ" ވިދާޅުވެ ރަސޫލާ ދުއާ ކުރެއްވި އެވެ.

ފިތުނަ އަކީ ހިތާއި ސިކުނޑިއަށް ޖެހޭ މުސީބާތެއްގެ ގޮތުގައި ސިފަކޮށް ޚުތުބާގައި ބުނީ އެކަމުގެ ސަބަބުން ކެތްތެރިން ވެސް އާވާރެ މަގު އޮޅިގެންދާ ކަމަށެވެ. އަދި ފިތުނަވެރިކަމަކީ ދެކޮޅުވެރިކަމާއި ބައިބައިވުން އުފެއްދުމަށް މަގު ފަހިކުރުވާ ޝައިތާއީ އަމަލެއް ކަމަށް ވެސް ބުނެފައިވެ އެވެ.

"ހަގީގަތާ ޚިލާފު ވާހަކަތައް ފެތުރުމަކީ، މީހުން ރުޅިއަރުވައި، ފިތުނައިގެ ހުޅު ރޯކުރުމަށް ބޭނުންކުރެވޭ އެންމެ ބާރުގަދަ ވަސީލަތެވެ،" ދޮގު ވާހަކަ ފެތުރުން ހުއްޓުވުމުގައި މީޑިއާގެ ދައުރު ފާހަގަކޮށް ޚުތުބާގައި ބުނެފައިވެ އެވެ.

ނުބައި އަދި ނުރައްކާތެރި ފިތުނައިން ސަލާމަތްވެވޭނީ ހަމަބުއްދީގެ ބޭނުންކޮށްގެން، ރަނގަޅު ގޮތް ދެނަގަނެ އެއަށް ތަބާވެގެން ކަމަށް ވެސް ޚުތުބާގައި ނަސޭހަތްތެރިވި އެވެ.

ފިތުނައިގެ ސަބަބުން މުޖުތަމައު އެއްކޮށް ހަލާކުވެހިނގައިދާނެ ކަމުގެ އިންޒާރު ދެމުން ޚުތުބާގައި ބުނީ ފިތުނައެއް ކުރިމަތިވެއްޖެ ނަމަ އެއީ އެއްވެސް މީހަކު އިސްތިސްނާނުވެ އޮޔާ ގެންދާ ސުނާމީއަކަށް ވާނެ ކަމަށެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން ނުރައްކާވެފައި އޮތުމުން، ޖަމާއަތްތަކުގެ ވަގުތު ކުޑަވާގޮތަށް ދިން ކުރު ޚުތުބާ ނިންމާލީ ފިތުނަޔާއި މުސީބާތުން ސަލާމަތްވެވޭނީ އެންމެން އެކީ ﷲގެ އަމުރުފުޅުތަކަށް ތަބާވެ އިސްލާމްދީން މަތިވެރިކޮށްގެންކަން ހަނދާންކޮށްދެމުންނެވެ. އިސްލާމް ދީނުގެ އަދާވާތްތެރިންނަށް ޖާގަ ނުދީ އެ މީހުންނަށް ނޫނެކޭ ބުނަންޖެހޭނެ ކަމަށާއި ތަރައްގީ އާއި ކުރިއެރުމަށް މަގުތައް ކޮށައި އެކަމުގައި ބައިވެރިވާންޖެހޭނެ ކަމަށް ވެސް ނަސޭހަތްތެރިވި އެވެ.

"ހަމަ ކަށަވަރުން، ބާއްޖަވެރިޔަކީ ފިތުނަޔާ ދުރުހެލިކުރެވުނު މީހާ" ކަމަށް އޮތް ހަދީސަކަށް ފަހު ޚުތުބާ ނިންމާލީ ހިތް އުފާކުރުމާއި ޖިސްމާނީ ދުޅަހެޔޮކަމަށް ވަކި ހުދޫދެއްގެ ތެރެއިން ކުޅިވަރު ހުއްދަކަން ހަނދާންކޮށްދިނުމާ އެކު، ކުޅިވަރާއި މަޖަލުގައި ޣާފިލުވެ، ﷲ ވާޖިބުކުރެއްވި ކަންކަމުގެ މަތިން ހަނދާނައްތާނުލަން އެދެމުންނެވެ. އެއްވެސް ކަމެއްގައި ހައްދުފަހަނަޅައި ދިއުން ހުއްދަ ނޫން ކަމަށާއި ޝައިތާނާ އަބަދުވެސް ބޭނުންވަނީ ކުޅިވަރާއި މަޖަލުގައި މީހުން މަޝްއޫލުކޮށް ﷲ ހަނދުމަކުރުމާ ދުރުހެލިކުރަންކަން އިތުރަށް ހަނދާންކޮށްދިނެވެ.