Roadha Mihaaru
ވެންޓިލޭޓަރުތައް ނުލިބުމުން އޭޖީގެ ލަފައަކަށް އެދިއްޖެ

ވެންޓިލޭޓަރުތައް ލިބޭނެ ކަމުގެ ޔަގީންކަން ނެތުމުން އޭޖީގެ ލަފައަކަށް އެދިއްޖެ

07 މާޗް 2021

ކޮވިޑް-19 ގެ ފަރުވާއަށް ރާއްޖެ އަށް ބޭނުންވި ވެންޓިލޭޓަރުތަކުގެ ތެރެއިން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ މީގެ އަހަރެއްހާ ދުވަސް ކުރިން ހަވާލުކުރި ވެންޓިލޭޓަރުތައް ލިބޭނެ ކަމުގެ ޔަގީންކަން ނެތުމުން ދެން އަމަލުކުރާނެ ގޮތަކާ މެދު ހެލްތު މިނިސްޓްރީން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ ލަފަޔަކަށް އެދިއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކޮވިޑް-19 ގެ ފަރުވާއަށް ރާއްޖެ އަށް ބޭނުންވި ވެންޓިލޭޓަރުތަކުގެ ތެރެއިން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ މީގެ އަހަރެއްހާ ދުވަސް ކުރިން ހަވާލުކުރި ވެންޓިލޭޓަރުތައް ލިބޭނެ ކަމުގެ ޔަގީންކަން ނެތުމުން ދެން އަމަލުކުރާނެ ގޮތަކާ މެދު ހެލްތު މިނިސްޓްރީން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ ލަފަޔަކަށް އެދިއްޖެ އެވެ.

ދުބާއީގެ ކުންފުންޏާ ހަވާލުކުރީ 75 ވެންޓިލޭޓަރު ހޯދާށެވެ. އޭގެ ތެރެއިން މިހާތަނަށް ރާއްޖެ ފޮނުވީ 15 ވެންޓިލޭޓަރެވެ. މީގެ ތެރެއިން ފަހުން ފޮނުވި ފަސް ވެންޓިލޭޓަރުގެ ބައެއް އާލާތްތައް މަދެވެ. އެއްބަސްވުމުގައި ބުނާ ގޮތުން ނަމަ ރާއްޖެ އަށް އަދިވެސް 60 ވެންޓިލޭޓަރު ފޮނުވަން ޖެހެ އެވެ.

މި ވެންޓިލޭޓަރުތައް ލިބޭނެ ތާރީޚާ ގުޅޭ ގޮތުން ދައުލަތުގެ މީޑިއާ، ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ރޭ ވިދާޅުވީ ސީދާ ތާރީޚެއް އަދިވެސް ނޭނގޭ ކަމަށެވެ. ދުބާއީގެ ކުންފުނީގެ އަމަލުތައް ހުރި ގޮތުން "އެ އެއްޗެހި ލިބޭނެ ހެން ހީނުވާ" ކަމަށާއި އެކަމުގައި އެހެން ގޮތަކަށް ފިޔަވަޅު އަޅަން ޖެހިފައިވާ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެެ.

އޭނާ ވިދާޅުވި ގޮތުގައި އެ މައްސަލަ މިހާރު އޮތީ ދެން ކުރިއަށް ދާނެ ގޮތުގެ ލަފައަކަށް އެދި އޭޖީ އޮފީހުގަ އެވެ.

"ކޮންމެވެސް އެއްގޮތަކަށް ނިންމަން ޖެހޭއެއް ނޫންތޯ ވެންޓިލޭޓަރު ކަންތައް. އަޅުގަނޑުމެން އެ އެއްޗެހި ގަބޫލުކުރާނީތޯ ނުވަތަ އެ މީހުން ފޮނުވާ މުއްދަތަކަށް އަޅުގަނޑުމެން މަޑުމަޑުން ތިބޭނީތޯ،" ނަސީމް ވިދާޅުވި އެވެ.

އެކަމުގައި ތަހުގީގު ކުރަން ޖެހޭ މައްސަލައެއް އޮތް ނަމަ އެކަން އެ މުއައްސަސާއަކުން ކުރައްވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ޝަރީއަތަށް ފޮނުވަން ޖެހޭ ނަމަ އެކަން ވެސް ކުރާނެ ކަމަށް ނަސީމް ވިދާޅުވި އެވެ.

"އަޅުގަނޑަށް ވުރެން ކުރީގެ ކަމެއް ތިއީ، އެހެންވީމަ ނޭނގެ ކިހިނެއް ކަމެއް ތިކަންތައް ދާނީކީ. އަޅުގަނޑު އަސްލު ތީގެ ތެރެއަށް ވަނުމުގެ ވެސް މާބޮޑު ބޭނުމެއް ނޯންނާނެހެން ހީވަނީ. އެކަން ހިނގާ ނިމިފައި އެ އޮތީ. ދެން ސަރުކާރުން ޖެހޭނީ ވަކި ގޮތެއް ނިންމަން،" އޭނާ ވިދާޅުވި އެވެ.

ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން، މަގާމުން އިސްތިއުފާ ދެއްވީ މި ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ބޮޑެތި ތުހުމަތުތަކެއް އަޅުވައި ރައްޔިތުންގެ މަޖިލީހަށް ވެސް ހާޒިރުކޮށް ސުވާލުކޮށްފައި ވަނިކޮށެވެ. އޮޑިޓް އޮފީހާއި އޭސީސީގެ ރިޕޯޓްތަކުގައި، ވެންޓިލޭޓަރު ގަންނަން ހަވާލުކުރުމާ ގުޅޭ ގޮތުން ގޯސްތަކެއް ހަދާފައިވާ ކަމަށް ބުނެފައިވިޔަސް، ކޮވިޑުގެ އެންމެ ނުރައްކާ އަދި ވެންޓިލޭޓަރުތައް ބޭނުންވެދާނެ ކަމަށް ބަލައި އަމަލުކޮށްފައި ވަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް އަމީން ވަނީ ވިދާޅުވެފަ އެވެ.

އެގްޒެކިއުޓާސްއަކީ ވެންޓިލޭޓަރުތައް އެންމެ ބޮޑު އަގުގައި ގަތުމަށް ހަވާލުކުރި ކުންފުންޏެވެ. އެ ކުންފުނިން ވެންޓިލޭޓަރުތައް ފޮނުވަން 34 މިލިއަން ރުފިޔާ ހުށަހެޅުމުން މާލިއްޔަތު ގަވާއިދާ ޚިލާފަށް 30 މިލިއަން ރުފިޔާ އެއްފަހަރާ ވަނީ ދީފަ އެވެ. މި ފައިސާ ދޫކުރީ އެއްބަސްވުމުގައި ސޮއި ވެސް ނުކޮށެވެ.

މި އެއްބަސްވުމުން ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިން ކަމަށް އެކަށީގެންވާ މިންވަރަށް ހެއްކާއި ގަރީނާ ހުރި ކަމަށް ބުނެ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ ބިޑް ކޮމިޓީ ހިމެނޭ ގޮތުން 12 މީހެއްގެ މައްޗަށް އޭސީސީން ދައުވާކުރަން ވެސް ފޮނުވި އެވެ. އެކަމަކު އެ މައްސަލަތަކުގައި ދައުވާކުރަން އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ ޕްރޮސިކިއުޓަ ޖެނެރަލް އަނބުރާ އޭސީސީއަށް އެ މައްސަލަ ފޮނުވާލީ އެވެ. ނަމަވެސް އޭސީސީން އެދިގެން އެ މައްސަލަ މުރާޖައާކުރުމަށް ފަހު ޕީޖީ އޮފީހުން އެންމެފަހުން ބުނެފައި ވަނީ އެ މައްސަލައިގައި އާ މައުލޫމާތުތަކެއް ލިބިފައިވާ ކަމަށެވެ.