Roadha Mihaaru
ބާސެލޯނާ އިން ދެ ޕޮއިންޓަށް ފަރަގުކުޑަކޮށްފި

ބާސެލޯނާ އިން ދެ ޕޮއިންޓަށް ފަރަގުކުޑަކޮށްފި

07 މާޗް 2021

ބާސެލޯނާ (މާޗް 7) - ސްޕެނިޝް ލީގުގައި ރޭ އޮސަސޫނާ އަތުން 2-0 އިން މޮޅުވެ، ބާސެލޯނާ އިން ލީގުގެ އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާ ދެ ޕޮއިންޓަށް ގާތަށް ޖެހިލައިފި އެވެ.

ބާސެލޯނާ (މާޗް 7) - ސްޕެނިޝް ލީގުގައި ރޭ އޮސަސޫނާ އަތުން 2-0 އިން މޮޅުވެ، ބާސެލޯނާ އިން ލީގުގެ އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާ ދެ ޕޮއިންޓަށް ގާތަށް ޖެހިލައިފި އެވެ.

އެތުލެޓިކޯ އެއް ވަނައިގައި އޮތީ 24 މެޗުން 58 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބާސެލޯނާ އަށް 26 މެޗުން ވަނީ 56 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އޮތީ 25 މެޗުން 53 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގައި މިރޭ ރެއާލް ކުޅޭނީ އެތުލެޓިކޯއާ ދެކޮޅަށެވެ.

އޮސަސޫނާ ދަނޑުގައި ރޭ ކުޅުނު މެޗުގެ 30 ވަނަ މިނިޓްގައި ބާސެލޯނާ އިން ލީޑުނެގީ ލިއޮނަލް މެސީ ތަނަވަސްކޮށްދިން ފުރުސަތަކުން ޖޯޑީ އަލްބާ ޖެހި ގޯލުންނެވެ. ފުރަތަމަ ހާފުގައި އޮސަސޫނާ އަށް ލަނޑު ޖަހައިދޭން ކީކޭ ބާރްހާ އާއި ރުބެން ގާސިއާ ފޮނުވާލި ޝޮޓްތައް ބާސެލޯނާގެ ކީޕަރު ޓާ ސްޓެގެން ވަނީ މަތަކޮށްފަ އެވެ.

މެޗު ނިމެން ހަތް މިނިޓަށް ވެފައިވަނިކޮށް ބާސެލޯނާ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ގޯލު ޖެހީ މެސީ ތަނަވަސްކޮށްދިން ފުރުސަތަކުން 18 އަހަރުގެ ވިންގް އިލައިސް މޮރީބާ އެވެ. މޮރީބާ އަކީ ބާސެލޯނާ ތާރީހުގައި އެ ޓީމަށް ގޯލެއް ޖަހައިދިން ފަސް ވަނަ އަށް އެންމެ ޒުވާން ކުޅުންތެރިޔާ އެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު 11 މެޗުގެ ތެރެއިން 10 މެޗުން ބާސެލޯނާ މޮޅުވެފައިވާއިރު، އެ ޓީމުގެ ކޯޗު ރޮނާލްޑް ކޫމަންގެ ނަޒަރުގައި ބާސެލޯނާގައި މިހާރު އޮތް ޓީމަށް މި އަށް ވުރެން ރަނގަޅަށް އަދި ކުޅެވޭނެ އެވެ. ކޫމަން ބުނީ މީގެ ބޭނުމަކީ ތިބި ޒުވާން ކުޅުންތެރިންނަށް ވީހާ ވެސް ގިނައިން މެޗުގެ ތަޖުރިބާ ދީ ޓީމެއްގެ ގޮތުގައި ކުރިއެރުވުން ކަމަށެވެ.

މިއަދަކީ ބާސެލޯނާ އަށް ހާއްސަ ދުވަހެކެވެ. ކްލަބްގެ އާ ރައީސް ހޮވުމުގެ އިންތިހާބު މިއަދު ކުރިއަށްދާނެ އެވެ. ކޫމަން ބުނީ އުއްމީދަކީ ދަނޑު ބޭރުން ބާސެލޯނާ އަށް ހުރި މައްސަލަތަކަށް ވީ އެންމެ އަވަހަކަށް ހައްލެއް ލިބުން ކަމަށާއި މުޅި ކްލަބާއި ހާއްސަކޮށް ކުޅުންތެރިންނަށް އޭގެ ފައިދާ ބޮޑުވާނެ ކަމަށެވެ.