Roadha Mihaaru
ސޮޑާ ދަޅަކުން ހަކުރު ބަލީގެ ނުރައްކާ 46 ޕަސެންޓަށް

ދުވާލަކު ސޮޑާ ދަޅެއް ބޯ ނަމަ ހަކުރު ބަލީގެ ނުރައްކާ 46 ޕަސެންޓު އިތުރުވޭ

17 ނޮވެމްބަރ 2016

ދުވާލަކު އެންމެ ސޮޑާ ދަޅެއް ބުޔަސް "ޕްރީޑައެބެޓީސް" ނުވަތަ ހަކުރު ބައްޔަށް މީހާ ހުށަހެޅުމުގެ އަލާމާތްތައް ފެންނަން ފެށުމުގެ ފުރުސަތު 46 ޕަސެންޓަށް އިތުރުވާ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ދުވާލަކު އެންމެ ސޮޑާ ދަޅެއް ބުޔަސް "ޕްރީޑައެބެޓީސް" ނުވަތަ ހަކުރު ބައްޔަށް މީހާ ހުށަހެޅުމުގެ އަލާމާތްތައް ފެންނަން ފެށުމުގެ ފުރުސަތު 46 ޕަސެންޓަށް އިތުރުވާ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.

ޔުނިވަސިޓީ އޮފް ބޮސްޓަންގެ ހިއުމަން ނިއުޓްރިޝަން ރީސާޗް ސެންޓަރުގެ ސައިންސްވެރިއެއް ކަމަށްވާ ނިކޮލާ މެކްކިއޯން ދިރާސާ ރިޕޯޓްގައި ވިދާޅުވެފައި ވަނީ ދުވާލަކު އެންމެ ސޮޑާ ދަޅެއް ބުޔަސް ހަކުރު ބަލީގެ ނުރައްކާ އިތުރުވެގެން ދަނީ ވަރަށް ބޮޑަށް ކަމަށެވެ. އެކަމަކު ކޮންމެ ދުވަހަކު ޑައެޓް ސޮޑާ ދަޅެއް ބުޔަސް ނުރައްކާ އެހާ ބޮޑު ނޫން ކަމަށް ވިދާޅުވި އެވެ.

މެކްކިއޯން ވިދާޅުވެފައި ވަނީ މިއީ ކޮންމެ މީހަކު ވެސް ކޮންމެ ދުވަހަކު ވެސް ހަކުރު ބޭނުންކުރާ މިންވަރު އެކަށީގެންވާ ވަރެއްގައި ބެހެއްޓުމުގެ މުހިންމުކަން ހާމަވެގެން ދިޔަ ދިރާސާއެއް ކަމަށެވެ.

ސެލްތަކުން ހަކަތަ އުފެއްދުމަށް ހޯމޯން އިންސިއުލިން ބޭނުންވެ އެވެ. އެކަމަކު ކާނާގައި މާގިނައިން ހަކުރު ހިމަނާ ނަމަ ސެލްތައް އިންސިއުލިން އަށް ހުށަހެޅެ އެވެ.

"ލޭގައި ހަކުރު ހުންނަ މިންވަރު ކޮންމެ ދުވަހަކު މިގޮތަށް އިތުރުކުރާ ނަމަ އެޔަށް ސެލްތައް ރަނގަޅަށް އިޖާބައެއް ނުދޭނެ. މިއީ އިންސިއުލިން ރެސިސްޓެންސް ވުމުގެ ފެށުމަކީ،" މެކްކިއޯން ވިދާޅުވެފައިވެ އެވެ.

އިންސިއުލިން ރެސިސްޓެންސް ވެއްޖެ ނަމަ ލޭގައި ހަކުރުގެ މިންވަރު ވަރަށް ބޮޑަށް އިތުރުވެގެން ގޮސް، ހަށިގަނޑުގެ މުހިންމު ގުނަވަންތައް ހަލާކުވާން ފަށަ އެވެ.

ހަކުރު ބޭނުންކުރުން މަދުކޮށްފި ނަމަ، ހަކުރު ބަލި ޖެހުމުގެ ކުރިން ފެންނަ އަލާމާތްތައް ނުވަތަ ޕްރީޑައެބެޓީސް އިން ސަލާމަތް ވެވޭނެ އެވެ. ހަކުރު އެޅި އެކި ފާޑުގެ ލުއި ބުއިންތައް މިހާރު ވެފައި ވަނީ ހަކުރު ބަލި ޖެހުމަށް މެދުވެރިކުރުވާ ވަރަށް އާންމު ވަސީލަތަކަށެވެ. ދިރާސާގައި ބުނެފައި ވަނީ، ގާތްގަނޑަކަށް 600 މިލިލީޓަރު ހުންނަ ސޮޑާ ދަޅެއްގައި އާންމު ގޮތެއްގައި 18 ސަމުސާ ހަކުރު ހުންނަ ކަމަށެވެ.

މިކަމާ ބެހޭ ގޮތުން ކުރި ދިރާސާގެ ރިޕޯޓް ޖާނަލް އޮފް ނިއުޓްރިޝަންގެ މި މަހުގެ ނުވަ ވަނަ ދުވަހުގެ އަދަދުގައި ވަނީ ޝާއިއުކޮށްފަ އެވެ.