Roadha Mihaaru
މަޖިލީހުން އަންހެނުންނަށް ކޯޓާ ދޭންޖެހޭ: އަސްލަމް

މަޖިލީހުގެ 33 ޕަަސެންޓް އަންހެނުންނަށް ހާއްސަކުރަން ޖެހޭ: އަސްލަމް

17 ނޮވެމްބަރ 2021

ލޯކަލް ކައުންސިލްތަކުގެ 33 ޕަސެންޓް ގޮނޑި އަންހެނުންނަށް ހާއްސަކޮށްފައި އޮންނަ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ޖާގަ ވެސް ހާއްސަކުރަން ޖެހޭ ކަމަށްް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ލޯކަލް ކައުންސިލްތަކުގެ 33 ޕަސެންޓް ގޮނޑި އަންހެނުންނަށް ހާއްސަކޮށްފައި އޮންނަ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ޖާގަ ވެސް ހާއްސަކުރަން ޖެހޭ ކަމަށްް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި އަންހެނުންނާ މެދު ގެންގުޅޭ ތަފާތުކުރުންތައް ދެނެގަނެ، އެކަންތައްތައް ހުއްޓުވަން ކުރަންވީ ކަންތައްތައް ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދިޔަ އިންކުއަރީގެ ރިޕޯޓަށް، މިއަދުގެ ޖަލްސާގައި އަސްލަމް ވިދާޅުވީ މަޖިލީހުގައި ގާނޫނު ހެދުމާއި ނިންމުންތައް ނިންމުގައި އަންހެނުންގެ ބައިވެެރިވުން އޮންނަން ޖެހޭ ކަމަށާއި ނަަމަވެސް އެކަން މިޙާރު އެގޮތަށް ނުވާ ކަމަށެވެ. މިސާލެއްގެ ގޮތުގައި އޭނާ ވިދާޅުވީ ދައުލަތުގެ ބަޖެޓް ދިރާސާކުރާ އިރު ޖެންޑާ ރެސްޕޮންސިވްކޮށް އެ މަސައްކަތް ނުކުރެވުމެވެ. އެކަން އެގޮތަށް ނުކުރެވެނީ އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އަންހެން މެމްބަރަކު ނެތުުމުންނެވެ.

"މަޖިލީހުގެ އަދަދަށް ބަލައިލާ އިރު އަޅުގަނޑު ހަމަ ދަންނަވަން ބޭނުން ވީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ތެއްތިރީސް ޕަސެންޓް، ތިންބައިކުޅަ އެއްބައި [ގޮނޑި] އަންހެނުން ތަމްސީލުކުރާ ގޮތަށް އޮންނަ އޮތުން، ރައްޔިތުންގެ މަޖިލީހަށް ވެސް ހަމަޖައްސަަން އެބަ ޖެހޭ، ގާނޫނު އަސާސިއަށް ނުވަތަ ގާނޫނުތަށް ގެނެވޭ ބަދަލެއްގެ ތެރެއިން ވިޔަސް،" އަސްްލަމް ވިދާޅުވި އެވެ.

އަސްލަމް މިހެން ވިދާޅުވި ނަމަވެސް އެކަން އެގޮތަަށް ހަމަޖައްސަން، މަޖިލީހަށް ބިލެއް ހުށަހަޅުއްވާނެ ކަމަކަށް ނުވަަތަ ނޫން ކަމަކަށް ވެސް މިއަދު ވިދާޅެއް ނުވެ އެވެ.

އެކަމާ ބެހޭ ގޮތުން އޭނާގެ ބަހެއް އަދި ނުލިބެ އެވެ. މަޖިލީހުގައި މިހާރު ތިއްބެވީ އެންމެ ހަތަރު އަންހެން މެމްބަރުންނެވެ. އެއީ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސަައިނާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދެެވެ. އެ ހަތަރު ބޭފުޅުންނަކީ ވެސް ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ މެމްބަރުންނެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ކޮމިޓީގެ މުގައްރިރު އަަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވިދާޅުވީ މަޖިލީހުން މިހާރު ދިރާސާކުރަމުން އަންނަ، ބަޖެޓަކީ ޖެންޑާ ރެސްޕޮންސިވް ނޫންކޮށް ދިރާސާކުރާ އެންމެ ފަހު ބަޖެޓަށް ވާނެ ކަމަށެވެ.

އަންހެނުންނަށް މަޖިލީހުން ގޮނޑި ހާއްސަ ކުރުމުގެ ހުށަހެޅުމެއް، މިހާރު އަމަލުކުރަމުން އަންނަ ގާނޫނު އަސާސީ އެކުލަަވައިލި އިރު، ރައްޔިތުންގެ ހާއްސަ މަޖިލީހަށް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަހުމަދު ޒާހިރު (ސީނާ ޒާހިރު) ހުށަހެޅުއްވި އެވެ. އެހެން ނަމަވެސް އެކަމަށް އޭރު މާބޮޑު ތަރުހީބެއް ނުލިބެ އެވެ.

ރާއްޖޭގައި އަންހެނުންނަށް ތަފާތުކުރުން އޮތްވަރު ބަލަން މަޖިލީހުން ޕާލަމެންޓްރީ އިންކްއަރީ އެެއް ހިންގީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެކަމަށް އެދިވަޑައިގެން ހުށަހެޅުއްވި ގަރާރަލކާ ގުޅިގެންނެވެ. އެ ގަރާރު ތަންފީޒުކުރުމަށް ޓަކައި ކުރަން ޖެހުނު ދިރާސާ ކުރަން މަޖިލީހުން ހަވާލުކުރީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާ އެވެ. އެ ޔުނިވާސިޓީން ކުރި ދިރާސާގެ ހޯދުންތައް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި އެވެ.