Roadha Mihaaru
ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން އަންނަ ހޯމައާ ހަމައަށް

މާލޭގައި ކޮވިޑު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިދޭނީ އަންނަ ހޯމަ ދުވަހާ ހަމައަށް

08 މާޗް 2021

ކޮވިޑު-19 އިން ދިފާއުވުމަށް މާލެ ސަރަހައްދުގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިދޭނީ އަންނަ ހޯމަ ދުވަހާ ހަމައަށް ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑު-19 އިން ދިފާއުވުމަށް މާލެ ސަރަހައްދުގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިދޭނީ އަންނަ ހޯމަ ދުވަހާ ހަމައަށް ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

ރ. އުނގޫފާރު ހޮސްޕިޓަލްގެ އާ އިމާރާތް އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ހަލުއިކަމާ އެކު ބަލި ފެތުރެމުންދާ މާލެ ސަރަހައްދުގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަން ފެށިތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. ދެ ވަނަ ޑޯޒް ފައްޓަން ޖެހޭ ކަމަށާއި ބަލީގެ ރައްކާތެރިކަން ލިބުމުގެ ބައި ފުރިހަމަވެގެންދާނީ އޭރުން ކަމަށް ވިދާޅުވި އެވެ.

"އެހެންވީމަ މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް އަޅުގަނޑުމެން ހިޔާލު ކޮށްގެން މި ތިބީ މާލޭގައި ފުރަތަމަ ޑޯޒް ޖެހުން 15 ވަނަ ދުވަހުން ފެށިގެން ނިމުމަކަށް ގެންނަން. ދެން އަޅުގަނޑުމެން މާލޭގައި ފައްޓާނީ ދެ ވަނަ ޑޯޒް ޖެހުން،" ނަސީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދުވާލެއްގެ މައްޗަށް ވެކްސިންގެ 10،000 ޑޯޒް ޖެހުމުގެ ގާބިލްކަން އެބަހުރި ކަމަށެވެ. މި މުއްދަތުގައި މާލޭގައި 18 އަހަރުން މަތީގެ އެންމެންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި ނިންމާލެވޭނެ ކަމަށް ވިދާޅުވި އެވެ. އެއީ 75-80 ޕަސެންޓް މީހުންނެވެ.

މާލޭގައި ދިމާވި ކަހަލަ ހިތާމަވެރި ކަންތައްތައް އެހެން ރަށްރަށުގައި ދިމާވަން ބޭނުން ނުވާ ކަމަށް ނަސީމް ވިދާޅުވި އެވެ.

ކޮވިޑުގައި މާލެ ސަރަހައްދުން 60 އަށްވުރެ ގިނަ މީހުން މަރުވެފައި ވެ އެވެ. އަދި އެ ބަލި ޖެހިގެން މިހާތަނަށް އެންމެ ގިނަ މީހުން ރިޕޯޓުކޮށްފައިވަނީ ވެސް މާލެ ސަރަހައްދުންނެވެ.

ރާއްޖޭގައި ބޭނުންކުރަމުން އަންނަ ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހަން ނިންމާފައިވަނީ، ފުރަތަމަ ޑޯޒަށްފަހު އަށް ހަފުތާ ފަހުންނެވެ. އެގޮތުން، އެންމެ ފުރަތަމަ ވެކްސިން ޖެހި މީހުންގެ ދެ ވަނަ ޑޯޒް ޖަހަން މި މަހުގެ ފަހުކޮޅު ފަށާނެ އެވެ.

މިހާތަނަށް 150،000 އަށްވުރެ ގިނަ މީހުން ވެކްސިން ޖަހާފައިވެ އެވެ. މާލެ ސަރަހައްދުން 89،093 މީހުން އަދި ރަށްރަށުން 62،550 މީހުން ވެކްސިންގެ ފުރަތަމ ޑޯޒް ޖަހާފައި ވެ އެވެ.