Roadha Mihaaru
އެސްޓްރާޒެނެކާ ވެކްސިން ލިބޭނީ އަންނަ މަހު

މިހާރު ބުނަނީ އެސްޓްރާޒެނެކާ ވެކްސިން ލިބޭނީ އަންނަ މަހު ކަމަށް

08 ޖޫން 2021

ކޮވިޑު-19 އިން ދިފާއުވުމަށް ސިންގަޕޫރުގެ އެސްޓްރަޒެނެކާ ކުންފުނިން ގަންނަ ވެކްސިންގެ 500،000 ޑޯޒް އަންނަ މަހުގެ ތެރޭގައި ލިބޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދީފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑު-19 އިން ދިފާއުވުމަށް ސިންގަޕޫރުގެ އެސްޓްރަޒެނެކާ ކުންފުނިން ގަންނަ ވެކްސިންގެ 500،000 ޑޯޒް އަންނަ މަހުގެ ތެރޭގައި ލިބޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދީފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި އެ މަނިކުފާނު ވިދާޅުވީ ބަލިން ރައްކާތެރިވުމަށް ވެކްސިން ތައާރަފްވުމުން ސަރުކާރުގެ އަމާޒަކަށް ވީ ވީހާ ވެސް އަވަހަކަށް ރައްޔިތުންނަށް ވެކްސިން ފޯރުކޮށްދިނުން ކަމަށެވެ. މިހާތަނަށް އައިއިރު 311،742 މީހުންނަށް ފުރަތަމަ ޑޯޒް އަދި 39 ޕަސެންޓް މީހުން ދެ ޑޯޒް ފުރިހަމަކޮށްފައި ވެ އެވެ.

ދެ ވަނަ ޑޯޒް ނުޖެހިފައި ތިބި މީހުން އަދި ވެކްސިން ދޭންޖެހޭ މީހުންނަށް އިތުރު ޑޯޒުތައް ހޯދަމުން އަންނަކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ވެކްސިން ފުރިހަމަނުކުރެވޭ މީހުންގެ ތެރޭގައި ގިނައީ ކޮވިޝީލްޑް ޖެހި މީހުންނެވެ. އެ ވެކްސިންގެ ތާށިކަމާ ހެދި ދެ ވަނަ ޑޯޒް ޖެހުން އެޗްޕީއޭއިން ވަނީ ވަގުތީގޮތުން މެދުކަނޑާލައިފަ އެވެ. އޭގެ ފަހުން އެތަނުން މިއަދު ބުނެފައިވަނީ ފުރަތަމަ ޑޯޒް ޖަހާތާ ހަ މަސް ދުވަހުގެ ތެރޭގައި ދެ ވަނަ ޑޯޒް ޖެހޭނެ ކަމަށެވެ.

ކޮވިޑް ވެކްސިން ހޯދަން ރާއްޖެއިން އެންމެ ފުރަތަމަ ސޮއިކުރީ ވެސް ސިންގަޕޫރުގެ އެސްޓްރަޒެނެކާ ކުންފުންޏާ އެކުގަ އެވެ. މި އަހަރުގެ ކުރީކޮޅު ހެދި އެއްބަސްވުމުގެ ދަށުން 700،000 ޑޯޒް ގަންނާނެ އެވެ. އެ ވެކްސިން ލިބޭނެ ތާރީހަކާ މެދު ސުވާކު އުފެދިފައި ވަނިކޮށް، ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިދިޔަ މަހުގެ އެއް ވަނަ ދުވަހުގެ ރޭ ވިދާޅުވީ އޮކްސްފޯޑް ޔުނިވާސިޓީއާ ގުޅިގެން އުފައްދާ އެސްޓްރާޒެނެކާ ވެކްސިން ލިބެން ފަށާނީ މި މަހުގެ ތެރޭގައި ކަމަށް ވިޔަސް އަދި ކިހާ ހިސާބެއް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އެކަމަކު މިއަދުގެ ޕްރެސްގައި ރައީސް ވިދާޅުވީ ވެކްސިނާ ގުޅޭގޮތުން އެސްޓްރަޒެނެކާ ކުންފުންޏާ އެކު މިއަދު ބައްދަލުވުމެއް ބޭއްވި ކަމަށެވެ. އަންނަ މަހުގެ ތެރޭގައި 500،000 ޑޯޒް ލިބޭނެ ކަމުގެ ޔަގީންކަން އެ ބައްދަލުވުމުގައި ދީފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ނަމަވެސް އެ ކުންފުނިން ގަންނަ ވެކްސިންގެ ބާކީ 200،000 ޑޯޒް ލިބޭނެ ތާރީހެއް އަދި ނުބުނެ އެވެ.

"ސިންގަޕޫރުގެ އެސްޓްރަޒެނެކާ ކުންފުންޏާ އެކު ހެދި އެގްރިމެންޓުގެ ދަށުން ފޯރުކޮށްދޭންޖެހޭ ވެކްސިނާ ގުޅޭގޮތުން މިއަދު ވެސް އެ ކުންފުންޏާ އެކު ބައްދަލުވުމެއް ބޭއްވި. އެ ބައްދަލުވުމުގައި ކުންފުނީގެ ފަރާތުން ޔަގީންކަން ދީފައިވަނީ ޖުލައި މަހުގެ ތެރޭގައި 500،000 ޑޯޒް މި ހިސާބަށް ގެނެވޭނެ ކަމަށް،" ވާޗުއަލްކޮށް ބޭއްވި ޕްރެސްގައި ރައީސް ވިދާޅުވި އެވެ.

ސަރުކާރުން ވަނީ ރަޝިއާ އިން އުފައްދާފައިވާ "ސްޕަޓްނިކް ވީ" ވެކްސިންގެ 200،000 ޑޯޒް ވެސް ގަންނަން ނިންމައިފަ އެވެ. އެ އެއްބަސްވުމުގައި ސޮއިކުރާތާ ހަތަރު ހަފުތާގެ ތެރޭގައި ވެކްސިން ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.