Roadha Mihaaru
"ސްޕަޓްނިކް ވީ" ގަންނަން އުޅެނީ ހިލޭ ލިބެން އޮއްވާ!

ރަޝިޔާ ވެކްސިން ގަންނަނީ އޭގެ 500،000 ޑޯޒް ހިލޭ ލިބެން އޮއްވާ!

02 ޖޫން 2021

ރަޝިއާ އިން އުފައްދާފައިވާ "ސްޕަޓްނިކް ވީ" ވެކްސިންގެ 200،000 ޑޯޒް ގަތުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ އެ ވެކްސިންގެ 500،000 ޑޯޒް ހަދިޔާ ކުރުމަށް ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން ސަރުކާރަށް ހުށަހަޅާފައި ވަނިކޮށް ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރަޝިއާ އިން އުފައްދާފައިވާ "ސްޕަޓްނިކް ވީ" ވެކްސިންގެ 200،000 ޑޯޒް ގަތުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ އެ ވެކްސިންގެ 500،000 ޑޯޒް ހަދިޔާ ކުރުމަށް ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން ސަރުކާރަށް ހުށަހަޅާފައި ވަނިކޮށް ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ރާއްޖޭގައި ސްޕަޓްނިކް ވީ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދީފައި ވަނީ މިދިޔަ މަހު 12 ގަ އެވެ.

ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށްޓަކައި ރަޝިއާ ވެކްސިންގެ 200،000 ޑޯޒް ގަތުމުގެ ސަރުކާރުން ނިންމާފައިވާއިރު، ރައީސް އޮފީހުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެފައިވާ ގޮތުގައި ރަޝިއާ ވެކްސިން ގަތުމުގެ އެއްބަސްވުމުގައި ސޮއި ކުރާތާ ހަތަރު ހަފުތާގެ ތެރޭގައި އެ ވެކްސިން ލިބޭނެ އެވެ.

އެ ވެކްސިން ގަތުމުގެ މަޝްވަރާތައް ރަޝިއާ ސަރުކާރާ އެކު ކުރަމުން އަންނަނީ ފޮރިން މިނިސްޓްރީ މެދުވެރިކޮށެވެ. އެ ވެކްސިން ގަތުމުގެ އެއްބަސްވުމުގައި ސަރުކާރުން މިހާރު ވަނީ ސޮއި ވެސް ކޮށްފަ އެވެ.

ސްޕަޓްނިކް ވީ ވެކްސިން ސަރުކާރަށް ހަދިޔާ ކުރުމަށް އަމިއްލަ ކުންފުނިން ފޮނުވި އެއް ސިޓީ އާއި ސަރުކާރުން ދިން ޖަވާބު--

ސްޕަޓްނިކް ވީ ވެކްސިން ސަރުކާރަށް ހަދިޔާ ކުރުމަށް އަމިއްލަ ކުންފުނިން ފޮނުވި އެއް ސިޓީ އާއި ސަރުކާރުން ދިން ޖަވާބު--

ނަމަވެސް "މިހާރު" އަށް ލިބިފައިވާ ބައެއް ޑޮކިއުމަންޓްތަކުން އެނގޭ ގޮތުގައި ސްޕަޓްނިކް ވީ ވެކްސިންގެ 500،000 ޑޯޒް ހިލޭ ދިނުމަށް ދިވެހި އަމިއްލަ ކުންފުންޏަކުން ވަނީ ސަރުކާރަށް ހުށަހަޅައިފަ އެވެ. އެނގިފައިވާ ގޮތުގައި އެކަމާ ގުޅޭ ގޮތުން އެ ކުންފުނީގެ އިސް ވެރިން ވަނީ މިދިޔަ އޭޕްރިލް 28 ގައި މުލީއާގޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވެސް ބައްދަލުކުރައްވައި، ރަޝިއާގެ ވެކްސިން ހަދިޔާ ކުރާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

ފަސް ލައްކަ ޑޯޒްގެ ސަޕްޓްނިކް ވެކްސިން ހަދިޔާ ކުރާތީ އެކަމަށް ޝުކުރު އަދާކޮށް ހެލްތު މިނިސްޓްރީން އެ ކުންފުންޏަށް ފޮނުވާފައިވާ ސިޓީއެއް ވެސް މިހާރަށް ވަނީ ލިބިފަ އެވެ.

އެ ވެކްސިން ރާއްޖެ އެތެރެކުރުމަށް ބޭނުންވާ ހުއްދަތައް ހޯދަން އެ ކުންފުނިން ހެލްތު މިނިސްޓްރީ އަށް ލިޔެކިޔުންތައް ހުށަހަޅާފައިވީ ނަމަވެސް މިހާތަނަށް އައިއިރު ވެސް އެ ތަކެތި އެތެރެ ކުރަން ބޭނުންވާ ހުއްދަ ލިބިފައި ނުވާ ކަމަށް، ނަން ނުޖަހަން ޝަރުތުކޮށް ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވި އެވެ.

"އެ ހުއްދަތައް ލިބިއްޖެ ނަމަ އެ ކުންފުންޏަށް އެ ވެކްސިންތައް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

"އެ ކުންްފުނިން ނިންމާފައި އޮތީ ރަޝިޔާ އިން ގަނެގެން ގެނެސް ސަރުކާރާ ހަވާލުކުރަން. އެއީ ހަމަ ހެޔޮ ނިޔަތެއްގައި ކޮށްދޭ ކަމެއްގެ ގޮތުގައި."

ރާއްޖެ އިން މިހާރު ވެސް ވަނީ 1،000،000 ޑޯޒްގެ ވެކްސިން ހޯދަން އެކި ފަރާތްތަކަށް ފައިސާ ދައްކައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ސިންގަޕޫރުގެ އެސްޓްރާޒެނިކާ އިން 700،000 ޑޯޒް އާއި އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން 300،000 ޑޯޒް އެވެ. ނަމަވެސް އޭގެ ތެރެއިން ލިބިފައި ވަނީ އިންޑިޔާގެ ސީރަމް އިންސްޓިޓިއުޓުން 300،000 ޑޯޒް ވެކްސިން އެވެ. ބާކީ ހުރި ވެކްސިންތައް ވެސް ވަރަށް އަވަހަށް ލިބޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.

މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން، ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ރަސްމީ ސިފައެއްގައި ރަޝިޔާ ވެކްސިންގެ އެއްވެސް ޑޮނޭޝަނެއް ލިބިފައި ނުވާ ކަމަށެވެ. އަދި ރަޝިޔާ އިން މިހާރު ގެންނަން އުޅޭ ވެކްސިނަކީ ސީދާ ރަޝިޔާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ގަންނަ ވެކްސިންތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.