Roadha Mihaaru
ވަރުން އާއި އާލިއާގެ "ދުލްހަނިޔާ"ގެ ތިން ވަނަ ބައެއް

ވަރުން އާއި އާލިއާގެ "ދުލްހަނިޔާ" ސީރީޒްގެ ތިން ވަނަ ބައެއް

12 މާޗް 2021

ހިންދީ ސިނަމާއިން މި ފަހުން ފެނުނު އެންމެ މަގުބޫލު އެއް ޖޯޑު ކަމަށްވާ ވަރުން ދަވަން އާއި އާލިއާ ބަޓް އެކީގައި ކުޅޭ ލޯބީގެ ފިލްމު ސީރީޒް "ދުލްހަނިއާ" ގެ ތިން ވަނަ ބަޔަކަށް ތައްޔާރުވާކަމުގެ އިޝާރާތެއް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހިންދީ ސިނަމާއިން މި ފަހުން ފެނުނު އެންމެ މަގުބޫލު އެއް ޖޯޑު ކަމަށްވާ ވަރުން ދަވަން އާއި އާލިއާ ބަޓް އެކީގައި ކުޅޭ ލޯބީގެ ފިލްމު ސީރީޒް "ދުލްހަނިއާ" ގެ ތިން ވަނަ ބަޔަކަށް ތައްޔާރުވާކަމުގެ އިޝާރާތެއް ދީފި އެވެ.

ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް، ޝިޝާންކް ކައިތާން ލިޔެ/ޑައިރެޓްކޮށް "ހަމްޓީ ޝަރުމާ ކީ ދުލްހަނިއާ" ގެނެސްދިނީ 2014 ގަ އެވެ. އޭގެ ތިން އަހަރު ފަހުން "ބަދުރީނާތު ކީ ދުލްހަނިޔާ" ގެނެސްދިނީ 2017 ގަ އެވެ. ދެވަނަ ބައި ރިލިޒްކުރިތާ މިދިޔަ ބުދަ ދުވަހަށް 4 އަހަރު ފުރިފައިވާތީ އެކަން ފާހަގަކޮށް ފިލްމުގެ ޓީމުން ވަނީ އިންސްޓަގްރާމްގައި ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކުން އެންމެ ފާހަގަކޮށްލެވުނު އެއް ކަމަކީ "ދުލްހަނިއާ" ގެ ތިން ބަޔަކަށް ތަރިން ވެސް ޝައުގުވެރިކަން ފާޅުކުރުމެވެ.

އެކަން އާލިއާ އިންސްޓަގްރާމް ސްޓޯރީގައި ވެސް ހިއްސާކޮށްފައިވެ އެވެ. ނަމަވެސް ތިން ވަނަ ބަޔާ ބެހޭ ގޮތުން ރަސްމީކޮށް އަދި ކަރަން އާއި ޝިޝާންކް ވެސް އެއްވެސް އެއްޗެއް ނުބުނާތީ ފިލްމު ހަދާނެކަމެއް ކަށަވަރެއް ނުވެ އެވެ.

ޝިޝާންކް މި ވަގުތު އަންނަނީ ކަރަންގެ ދަރުމާ ޕްރޮޑަކްޝަނަށް ހަދާ "މިސްޓަ ލޭލޭ" ގެ ތައްޔާރީތައްވަމުންނެވެ. މި ފިލްމަކީ ކުރިން ވަރުންއާ އެކު ހަދަން 2019 ގައި އިއުލާންކުރި ފިލްމެއް ނަމަވެސް މިހާރު ފިލްމުގެ ބަތަލަކަށް ނަގާފައި ވަނީ ވިކީ ކޯޝަލް އެވެ. އަދި ބަތަލާއިންނަކީ ކިއާރާ އަދުވާނީ އާއި ބޫމީ ޕިޑްނޭކަރެވެ. "މިސްޓަ ލޭލޭ" ގެ ކުރިން ވެސް ވަރުންއާ އެކު "ރަންބޫމީ" ކިޔާ ފިލްމެއް ޝިޝާންކް އިއުލާންކުރި އެވެ. އެކަމަކު އެއީ ވެސް މަސައްކަތް ނުފެށި އޮތް ޕްރޮޖެކްޓެކެވެ.

ޝިޝާންކް އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ 2018 ގައި ޖާންވީ ކަޕޫރް ތައާރަފުކުރި "ދަޅަކް" އެވެ.

ވަރުން އާއި އާލިއާގެ ޖޯޑު ހިންދީ ސިނަމާގެ އެންމެ މަގުބޫލު ޖޯޑުންގެ ތެރޭގައި ހިމެނިފައިވާ އިރު، ދެ ތަރިން އެންމެ ފަހުން އެކީގައި ކުޅުނު ފިލްމަކީ ކަރަން 2019 ގައި ގެނެސްދިން "ކަލަންކް" އެވެ. ވަރުން އާއި އާލިއާ ބޮލީވުޑަށް ތައާރަފުވީ ކަރަން 2012 ގައި ގެނެސްދިން "ސްޓޫޑަންޓް އޮފް ދި އިޔާ" އިންނެވެ.

މި އަހަރު ރިލީޒްވާނެ ކަމަށް ބެލެވޭ ވަރުންގެ ފުރަތަމަ ފިލްމަކީ ވެސް ކަރަންގެ ދަރުމާގެ ފިލްމެކެވެ. އެއީ ރާޖް މެހެތާ ޑައިރެކްޓްކޮށްފައިވާ "ޖުގް ޖުގް ޖިއޯ" އެވެ. އާލިއާގެ އަތުގައި އޮތް ކަރަންގެ ޕްރޮޖެކްޓަކީ "ތަޚުތު" އެވެ.

"ހަމްޓީ ޝަރުމާ ކީ ދުލްހަނިއާ" އާއި "ބަދުރީނާތު ކީ ދުލްހަނިއާ" ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި އިރު، ދެ ފިލްމަކީ ވަރަށް ރީތި ލަވަތަކެއް ވެސް ހިމެނުނު ފިލްމުތަކެކެވެ.