Roadha Mihaaru
އެއް މިނެޓުގެ ޓްރެއިލާގައި އާލިއާ 20 ސާޅި އަޅައިގެން

އެއް މިނެޓުގެ ޓްރެއިލާގައި އާލިއާ 20 ސާޅި އަޅައިގެން

21 ޖޫން 2023

ކަރަން ޖޯހަރު ހަތް އަހަރު ފަހުން ޑައިރެކްޓުކުރާ ފުރަތަމަ ފިލްމު "ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ"ގެ މިނެޓެއްގެ ޓްރެއިލާގައި އާލިއާ ބަޓް ތަފާތު 20 ސާޅިއެއް އަޅައިގެން ހުންނަތަން ފެނި، ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓިއްޖެ އެވެ.

ކަރަން ޖޯހަރު ހަތް އަހަރު ފަހުން ޑައިރެކްޓުކުރާ ފުރަތަމަ ފިލްމު "ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ"ގެ މިނެޓެއްގެ ޓްރެއިލާގައި އާލިއާ ބަޓް ތަފާތު 20 ސާޅިއެއް އަޅައިގެން ހުންނަތަން ފެނި، ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓިއްޖެ އެވެ.

އާލިއާ ބަޓަކީ މިހާރު ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ބަތަލާ އެވެ. ފިލްމުތަކުގައި އޭނާ ދައްކާ އެކްޓިންގެ އިތުރުން ބޮކްސް އޮފީސް ރެކޯޑުތަކުގައި ވެސް އޭނާއަކީ މިހާރު ނުފޫޒުގަދަ ތަރިއެކެވެ. މިދިޔަ އަހަރު ބޮލީވުޑްގެ ގިނަ ފިލްމުތަކަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ނަމަވެސް އާލިއާގެ "ގަންގުބައި ކަތިއާޑީ" އާއި "ބްރަހަމާސްތުރާ" ވީ ބޮޑު ހިޓަކަށެވެ.

މިދިޔަ އަހަރު ނެރުނު އާލިއާގެ ނެޓްފްލިކްސް ފިލްމު "ޑާލިންގްސް" އަށް ވެސް ތައުރީފު އޮހުނެވެ.

މި އަހަރު ރިލީޒްކުރާ އޭނާގެ ފުރަތަމަ ފިލްމަކީ ވެސް ކަރަންގެ "ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ" އެވެ. ކަރަން ޑައިރެކްޓުކުރާ ފިލްމަކަށް ވުމުގެ އިތުރުން އެ ފިލްމުގައި ހިމެނޭ ބޮޑު ސްޓާ ކާސްޓުގެ ސަބަބުން ބޮލީވުޑްގެ ފޭނުން އުއްމީދުކުރަނީ އެއީ މި އަހަރު އެންމެ ބޮޑު ފިލްމަށް ވާނެ ކަމަށެވެ.

އިއްޔެ އާންމުކުރި ފިލްމުގެ ފުރަތަމަ ޓީޒާ ޓްރެއިލާގެ ދިގުމިނަކީ އެއް މިނެޓާއި 19 ސިކުންތެވެ. އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އާލިއާ 20 ސާޅި އަޅައިގެން ހުންނަތަން ފެނެ އެވެ. ޓްރެއިލާ ބެލި މީހުންނަށް އޭނާ އެހާ ރީތިކޮށް ހުއްޓާ ފެނުމުން އެކަމާ ބެހޭ ގޮތުން ވާހަކަދެއްކުން ހުއްޓާނުލެވެ އެވެ.

އެ ފިލްމުގެ ކޮސްޓިއުމް ޑިޒައިން ކުރަނީ ކަރަންގެ ވަރަށް ގާތް އެކުވެރިއެއް ކަމަށްވާ އަދި އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރު މަނީޝް މަލްހޯތުރާ އެވެ. އެހެންކަމުން މި ފިލްމުގައި މަނީޝްގެ ތަފާތު މަސައްކަތްތަކެއް ފެނުމުގެ އުއްމީދު ބޮޑެވެ.

އާލިއާގެ އިތުރުން އެ ފިލްމުގެ ރޯލުތަކުން ފެންނާނީ ރަންވީރު ސިންގު، ދަރުމެންދުރާ، ޖަޔާ ބައްޗަން އަދި ޝަބާނާ އަޒްމީ އެވެ.

އެ ފިލްމު ސިނަމާތަކުގައި ރިލީޒްކުރަނީ އަންނަ މަހު 28 ގަ އެވެ.

އާލިއާގެ ފުރަތަމަ ހޮލީވުޑް ފިލްމު "ހާޓް އޮފް ސްޓޯން" ވެސް އަންނަ އޮގަސްޓް މަހު 11 ގައި ރިލީޒްކުރާނެ އެވެ.