Roadha Mihaaru
ޒަހާގެ ދިފާއުގައި މައުމޫނު ނުކުމެވަޑައިގެންފި

ޒަހާގެ ދިފާއުގައި މައުމޫނު ނުކުމެވަޑައިގެންފި

10 މާޗް 2021

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ އިތުބާރު ނެތްކަމަށް ފާސްކުރަން ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން މަސައްކަތް ފެއްޓެވުމުން އޭނާގެ ދިފާއުގައި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްުޔޫމު ނުކުމެވަޑައިގެންފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ އިތުބާރު ނެތްކަމަށް ފާސްކުރަން ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން މަސައްކަތް ފެއްޓެވުމުން އޭނާގެ ދިފާއުގައި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްުޔޫމު ނުކުމެވަޑައިގެންފި އެވެ.

ޒަހާ އަކީ މައުމޫނު އިސްކޮށް ހުންނަވާ، މޯލްޑިވްސް ރިފޯމް މޫމެންޓް (އެމްއާރްއެމް) ގެ ސްލޮޓެއްގައި ވަޒީރުކަމުގައި ހުންނަވާ ބޭފުޅެކެވެ.

ރައީސް އޮފީސް ޓެގް ކުރައްވައި މައުމޫނު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޒަހާއަށް އެމްއާރްއެމްގެ ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށާއި ރާއްޖޭގެ މަސްވެރިކަމުގެ އިންޑަސްޓްރީއަށާއި ގައުމަށް ކޮށްދެއްވަނީ ފާހަގަކޮށްލެވޭ ވަރުގެ ހިދުމަތެއް ކަމަށެވެ.

ޒަހާގެ އިތުބާރު ނެތް ކަމަށް ބުނެ އިދިކޮޅުން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ މަސްވެރިންނާއި މަސްވެރިންގެ އާއިލާތަކަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ނުކުރެވޭ ކަމަށާއި ދޭންޖެހޭ ހިދުމަތްތައް ވެސް ނުދެވޭ ކަމަށެވެ. މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިނުދެވޭ ކަމަށާއި ސަރުކާރުން ވައުދުވެފައިވާ ގޮތަށް "ކަންނެލި ޖަގަހަތަކާއި ގޭދޮށު މަސް ފެކްޓަރީ" ގާއިމު ނުކުރެވޭ ކަމަށް ވެސް އެ މައްސަލައިގައި ބުންޏެވެ.

"ރަސްއައިންތަކުން ވަތް ފުރާ ބާނާ މަސްކޮޅު ކިރަން، އައިން ދޫކޮށްލާފައި، ޖާގަ ކުޑަ މަސް ފެކްޓަރީ ބޭރުގައި ކިއު ހަދައިގެން ތިބެންޖެހުން" ވެސް އެއީ ޒަހާގެ އިތުބާރު ނެތް ކަމަށް ހުށަހަޅާ ސަބަބުތަކުގެ ތެރޭގައި ހިމަނާފައިވާ ކަމެކެވެ. އަދި ތެލާއި އައިސް ހޯދަން ދުރު ދަތުރުތައް ކުރަން ވެސް ޖެހޭ ކަމަށާއި މަސްވެރިންނަށް ވައުދު ނުފުއްދޭ ނަމަ ޒަހާ ވަޒީރުކަމުގައި ބެހެއްޓުމަކީ މަސްވެރިންނާއި މަސްވެރިންގެ އާއިލާތައް އިތުރަށް ނިކަމެތިވާނެ ސަބަބެއް ކަމަށް، އެ މައްސަލާގައި ބުނެފައިވެ އެވެ.

މައްސަލަ ހުށަހަޅަން ސޮއިކުރެއްވި 11 ބޭފުޅުންގެ ތެރޭގައި ހިމެނެނީ ޕީޕީއެމް/ޕީއެންސީގެ މެންބަރުންގެ އިތުރުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.