Roadha Mihaaru
ނާކާމިޔާބުގެ ޒިންމާ ހިލަރީ އަޅުވަނީ އެފްބީއައިގެ ބޮލުގާ

ނާކާމިޔާބުގެ ޒިންމާ ހިލަރީ އަޅުވަނީ އެފްބީއައިގެ ޑިރެކްޓަރުގެ ބޮލުގައި

13 ނޮވެމްބަރ 2016

ނިއު ޔޯކް (ނޮވެމްބަރު 13) - އެމެރިކާގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބީއާ ކުރިމަތިލަން ޖެހުނީ އެފްބީއައި އިން އެންމެ ފަހު ވަގުތު ކަންތައް ކުރި ގޮތުން ކަމަށް ހިލަރީ ކްލިންޓަން ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ޔޯކް (ނޮވެމްބަރު 13) - އެމެރިކާގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބީއާ ކުރިމަތިލަން ޖެހުނީ އެފްބީއައި އިން އެންމެ ފަހު ވަގުތު ކަންތައް ކުރި ގޮތުން ކަމަށް ހިލަރީ ކްލިންޓަން ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ފުރަތަމަ އަންހެން ރައީސް އަށް ވެވަޑައިގަތުމުގެ އުއްމީދުގައި ކެމްޕޭން ކުރެއްވި ހިލަރީ ވިދާޅުވީ ވޯޓުލާން ވަރަށް ބޮޑަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ޚާރިޖީ ވަޒީރުކަމުގައި އަމިއްލަ އީމެއިލް ސާވޭ ބޭނުންކުރުމުގެ އާ މައްސަލައެއް ބަލަމުންދާ ކަމަށް އެފްބީއައި އިން ހާމަކުރުމާ ގުޅިގެން ކެމްޕޭނުގެ މިސްރާބު ބަދަލުކޮށް، ކެމްޕޭން ވަރަށް ބޮޑަށް ހުއްޓުމަކަށް އައި ކަމަށެވެ.

އެކަމަނާ މި މޭރުމުން ވާހަކަ ދައްކަވާފައި ވަނީ ޕާޓީ އަށް އެކިގޮތް ގޮތުން އެހީތެރިވެ ދިން ފަރާތްތަކަށް ޝުކުރު އަދާ ކުރުމަށް ފޯނުން ދެއްކެވި ވާހަކަތަކެއްގަ އެވެ. މި ވާހަކަތަށް ވަނީ މީޑިއާ އަށް ވެސް ލީކުވެފަ އެވެ.

ހިލަރީގެ އީމެއިލްއާ ގުޅުން ހުރި އާ މައްސަލައެއް ބަލަމުންދާކަން އެފްބީއައިގެ ޑިރެކްޓާ ޖޭމްސް ކޯ މޭ ކޮންގްރެސް އަށް އެންގެވީ އޮކްޓޯބަރު 28 ގަ އެވެ. އެކަމަކު ޚާރިޖީ ވަޒީރުކަމުގައި ހިލަރީގެ އަމިއްލަ ސާވޭ ބޭނުންކުރި މައްސަލާގައި ޖިނާއީ ދައުވާ ކުރެވޭ ވަރުގެ ކަމެއް ނެތް ކަމަށް އެފްބީއައި އިން ވަނީ ޖުލައި މަހު ނިންމައިފަ އެވެ.

"މި ކަހަލަ އިންތިޚާބެއްގައި ނާކާމިޔާބުވުމުގެ ވަރަށް ގިނަ ސަބަބުތައް ހުންނާނެ،" ޕާޓީ އަށް އެހީވެދ ދިން ފަރާތްތަކުގެ ފެއާވެލް ކޮންފަރެންސްގައި ފޯނުން ވާހަކަ ދައްކަވަމުން ހިލަރީ ވިދާޅުވި އެވެ. "އެކަމަކު ކޯމޭ އެފްބީއައި އަށް ފޮނުވި ސިޓީ އަކީ އަސްލެއް ނެތް އެއްޗަކަށް ވިޔަސް އޭގެ ސަބަބުން ކެމްޕޭނުގެ ފޯރިއަށް އަސަރުކުރި."

އެފްބީއައިގެ ޑިރެކްޓާ ޖޭމްސް ކޯމޭ: ހިލަރީގެ މައްސަލައެއް ހުށަހެޅީ އިންތިޚާބަށް ވަރަށް ބޮޑަށް ވަގުތު ކައިރިވެފައި ވަނިކޮށް. --ފޮޓޯ:އޭއެފްޕީ

އެފްބީއައިގެ ޑިރެކްޓާ ޖޭމްސް ކޯމޭ: ހިލަރީގެ މައްސަލައެއް ހުށަހެޅީ އިންތިޚާބަށް ވަރަށް ބޮޑަށް ވަގުތު ކައިރިވެފައި ވަނިކޮށް. --ފޮޓޯ:އޭއެފްޕީ

އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ޚިޔާލު ހޯދުންތަކުގައި ކުރީގައި އުޅުއްވީ ހިލަރީ އެވެ. އިންތިޚާބުގެ ނަތީޖާ ދެއްކި ގޮތުން ގިނަ މީހުން ވޯޓުލީ ވެސް ހިލަރީ އަށެވެ. އެކަމަކު އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނިޒާމް އޮންނަ ގޮތުން ޑޮނަލްޑް ޓަރަމްޕް ވެރިކަމަށް ހޮޮވިވަޑައިގެންނެވީ އިލެކްޓޯރަލް ކޮލެޖް ވޯޓު ގިނައިން ލިބިވަޑައިގަތުމުންނެވެ.

ވޯޓުލީ މީހުންގެ 47.7 ޕަސެންޓް ނުވަތަ 59،689،819 ވޯޓު ލިބިވަޑައިގެންނެވީ ހިލަރީ އަށެވެ. ޓްރަމްޕަށް ލިބިވަޑައިގެންނެވީ 47.5 ޕަސެންޓް ނުވަތަ 59،489،637 ވޯޓެވެ. ޓްރަމްޕަށް ވަނީ 538 އިލެކްޓޯރަލް ކޮލެޖް ވޯޓުގެ ތެރޭން 290 އިލެކްޓޯރަލް ވޯޓު ލިބިވަޑައިގެންފަ އެވެ. ހިލަރީ އަށް ލިބިވަޑައިގެންނެވީ 228 އިލެކްޓޯރަލް ވޯޓެވެ.

ނިއު ޔޯކުގެ ޔޫނިއަން ސްކެއާގައި ޓްރަމްޕާ ދެކޮޅަށް އިއްޔެ މުޒާހަރާ ކުރަނީ. --ފޮޓޯ:އޭއެފްޕީ

ނިއު ޔޯކުގެ ޔޫނިއަން ސްކެއާގައި ޓްރަމްޕާ ދެކޮޅަށް އިއްޔެ މުޒާހަރާ ކުރަނީ. --ފޮޓޯ:އޭއެފްޕީ

އެހެންވެ ޓްރަމްޕް އިންތިޚާބު ކާމިޔާބު ކުރުން އެމެރިކާގެ ބައެއް ފަރާތްތަކަށް އަދިވެސް ގަބޫލް ނުކުރެވެ އެވެ. އިންތިޚާބުގެ ނަތީޖާ އިއުލާން ކުރީއްސުރެ ޓްރަމްޕާ ދެކޮޅަށް ދަނީ މުޒާހަރާ ކުރަމުންނެވެ. ނިއު ޔޯކުގައި ޓްރަމްޕް ދިރިއުޅުއްވާ ޓްރަމްޕް ޓަވަރު ކައިރީ އިއްޔެ ވެސް ވަނީ 2،000 މީހުން މުޒާހަރާކޮށްފަ އެވެ. އެ މީހުން ގޮވަމުން ދިޔީ "ތިޔައީ އަހަރެމެންގެ ރައީސެއް ނޫން" ކަމަށެވެ.

ލޮސް އެންޖަލްސް އާއި ޝިކާގޯގައި ވެސް އިއްޔެ ވަނީ ޓްރަމްޕާ ދެކޮޅަށް މުޒާހަރާ ކޮށްފަ އެވެ. އޮރެގަންގައި ހުކުރު ދުވަހު ބޭއްވި މުޒާހަރާތައް ބޮޑު ހަމަނުޖެހުމަކަށް ބަދަލުވެ އެކަކު ވަނީ މަރުވެފަ އެވެ.