Roadha Mihaaru
ހަބީބުގެ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ހުށަހެއްނާޅާ

ހަބީބުގެ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ލިބިފައެއް ނެތް: އީސީ

12 މާޗް 2021

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއިލް ހަބީބުއާ ގުޅޭގޮތުން މިހާތަނަށް ޖިންސީ ފުރައްސާރައިގެ މައްސަލައެއް އެ ކޮމިޝަންގެ އެއްވެސް ކޮމިޓީއަކަށް ލިބިފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ރޭ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއިލް ހަބީބުއާ ގުޅޭގޮތުން މިހާތަނަށް ޖިންސީ ފުރައްސާރައިގެ މައްސަލައެއް އެ ކޮމިޝަންގެ އެއްވެސް ކޮމިޓީއަކަށް ލިބިފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ރޭ ބުނެފި އެވެ.

ހަބީބަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުކޮށް ކޮމިޝަންގެ ދެ މުވައްޒަފަކު ރައްޔިތުންގެ މަޖިލީހަށް ސިޓީ ފޮނުވާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ.

އެކަމާ ގުޅިގެން އީސީން ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ފަހު، ނެރުނު ބަޔާނުގައި ބުނީ ހަބީބާ ގުޅޭގޮތުން ކޮމިޝަންގެ ކަމާބެހޭ އެއްވެސް ކޮމިޓީއަކަށް އެއްވެސް މައްސަލައެއް ލިބިފައި ނެތް ކަމަށެވެ. އެކަމަކު އެފަދަ މައްސަލައެއް އޮތް ނަމަ އެ މައްސަލައެއް ކަމާބެހޭ ކޮމިޓީތަކަށް ހުށަހެޅުމަށް މުވައްޒަފުންނަށް އެންގުމަށް ނިންމާފައިވާ ކަމަށް އީސީން ބުނެ އެވެ.

ހަބީބު، ދައުލަތުގެ މުދަލާއި ވަސީލަތް ނަހަމަގޮތުގައި ބޭނުންކުރެއްވި ކަމަށް ބުނާ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި ކަމަށް މީޑިއާތަކުގައި ރިޕޯޓު ކޮށްފައި ވާތީ އެ ކަމުގެ ހަގީގަތް ބެލިއިރު، މިހާތަނަށް އެފަދަ އަމަލެއް ހިންގާފައި ނުވާ ކަން ކަށަވަރު ކުރެވިފައިވާ ކަމަށް ވެސް އީސީން ބުންޏެވެ.

އެ ކޮމިޝަންގެ ނައިބު ރައީސަކަށް ހުންނެވި އަހުމަދު އަކްރަމް ވެސް މިދިޔަ މަހުގެ ފަހުކޮޅު އިސްތިއުފާ ދެއްވީ ޖިންސީ ގޯނާގެ މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބަލައި އޭނާ މަގާމުން ވަކިކުރަން ނިންމާފައި ވަނިކޮށެވެ.

އެކަމަކު އެ ތުހުމަތުތައް އަކްރަމް ދޮގު ކުރައްވަ އެވެ. އޭނާ ވިދާޅުވީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ބަޔަކު މައްސަލަ ހުށަހެޅީ ސިޔާސީ މަގުސަދެއްގައި އޭނާ އެ މަގާމުން ވަކިކުރަން ކަމަށެވެ