Roadha Mihaaru
ބިލް ކްލިންޓަނުގެ ލަފާ ހޯއްދަވަން ޓްރަމްޕް ވިސްނަވަނީ

ބިލް ކްލިންޓަނުގެ ލަފާ ހޯއްދަވަން ޓްރަމްޕް ވިސްނާވަޑައިގަންނަވަނީ

13 ނޮވެމްބަރ 2016

ވޮޝިންޓަން (ނޮވެމްބަރު 13) - ކުރީގެ ރައީސް ބިލް ކްލިންޓަނުގެ ލަފާ ހޯއްދަވަން ވިސްނާ ވަޑައިގަންނަވާ ކަމަށް އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންނެވި ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ނޮވެމްބަރު 13) - ކުރީގެ ރައީސް ބިލް ކްލިންޓަނުގެ ލަފާ ހޯއްދަވަން ވިސްނާ ވަޑައިގަންނަވާ ކަމަށް އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންނެވި ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ކްލިންޓަންގެ އަނބިކަނބަލުން ހިލަރީގެ މައްޗަށް އިންތިޚާބުގައި ކާމިޔާބު ހޯއްދެވިތާ މާ ގިނަ ދުވަހެއް ނުވަނީސް ޓްރަމްޕް ވިދާޅުވީ ކްލިންޓަނަކީ ވަރަށް ގާބިލް ބޭފުޅެއް ކަމަށެވެ.

އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން ކްލިންޓަން ވަނީ ޓްރަމްޕަށް ގުޅުއްވާ މަަރުހަބާ ވިދާޅުވެފަ އެވެ.

ސީބީއެސް އަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ ކްލިންޓަނަކީ ވަރަށް ގާބިލް އަދި ޚާއްސަކޮށް އެ އާއިލާ އަކީ ގާބިލް ބައެއް ކަމަށެވެ. އެހެންވެ ކްލިންޓަނުގެ ލަފަ އާއި އިރުޝާދު ކުރިއަށް އޮތް ތަނުގައި ވެސް ހޯއްދަވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ވަނީ އޮބާމާއާ ވެސް ބުރާސްފަތި ދުވަހު ވައިޓްހައުސްގައި ބައްދަލު ކުރައްވައިފަ އެވެ. އަދި އެ ބައްދަލުވުމަށް ފަހު ޓްރަމްޕް ވަނީ ކުރިއަށް އޮތް ތަނުގައި އޮބާމާގެ އިރުޝާދު ހޯއްދަވާނެ ކަމަށް ވިދާޅުވެފަ އެވެ.

އިންތިޚާބުން ނާކާމިޔާބުވުމާ ގުޅިގެން މަރުހަބާ ދެންނެވުމަށް ހިލަރީ ކުރެއްވި ފޯން ކޯލާ ގުޅޭ ގޮތުން ވެސް ޓްރަމްޕް ވަނީ ވާހަކަ ދައްކަވައިފަ އެވެ.

"އެއީ ވަރަށް އުފާވެރި ކޯލެއް. އަދި އެއީ ހިލަރީ އަށް ވަރަށް އުނދަގޫ ކޯލެއް. އެކަން އަޅުގަނޑަށް ވިސްނޭ،" ޓްރަމްޕް ވިދާޅުވި އެވެ.

އިންތިޚާބުގެ ކުރިން ޓްރަމްޕް ގެންދެވީ އޮބާމާ ސަރުކާރުގެ ހެލްތު ކެއާ ގާނޫނަށް ވަރަށް ބޮޑަށް ދެކޮޅު ހައްދަވަމުންނެވެ. ނަމަވެސް ފަހުން ވަނީ ވޯލް ސްޓްރީޓް ޖާނަށް ދެއްވި އިންޓަވިއުއެއްގައި "ބަދަލުތަކާ އެކު" އެ ގާނޫނު ގަބޫލް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.