Roadha Mihaaru
އެތައް މިލިއަން ބަޔަކު ވަނީ ގަވާއިދާޚިލާފަށް ވޯޓުލާފައި

އެތައް މިލިއަން ބަޔަކު ވަނީ ގަވާއިދާޚިލާފަށް ވޯޓުލާފައި: ވައިޓްހައުސް

25 ޖެނުއަރީ 2017

ވޮޝިންޓަން (ޖެނުއަރީ 25) - އެމެރިކާގައި މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި އެތައް މިލިއަން ބަޔަކު ގަވާއިދާޚިލާފަށް ވޯޓުލާފައިވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ގަބޫލް ކުރައްވާ ކަމަށް ވައިޓް ހައުސް އިން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޖެނުއަރީ 25) - އެމެރިކާގައި މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި އެތައް މިލިއަން ބަޔަކު ގަވާއިދާޚިލާފަށް ވޯޓުލާފައިވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ގަބޫލް ކުރައްވާ ކަމަށް ވައިޓް ހައުސް އިން ބުނެފި އެވެ.

ނަމަވެސް ޕްރެސް ސެކްރެޓަރީ ޝޯން ސްޕައިސާގެ މި ވާހަކަތަކަށް ބާރު ލިބޭ އެއްވެސް ހެއްކެއް ދައްކަވައިފައެއް ނުވެ އެވެ.

"ހެކިތަކާއި ދިރާސާތަކުގެ އަލީގައި ޓްރަމްޕް ގަބޫލް ކުރައްވަނީ ގަވާއިދާ ޚިލާފަށް ވަރަށް ގިނަ ބަޔަކު ވޯޓުލާފައިވާ ކަމަށް. މުޅި ރައްޔިތުންގެ އަޣުލަބިއްޔަތު ގެއްލުނީ އެހެންވެގެން،" ނޫސްވެރިންނާ އިއްޔެ ވާހަކަ ދައްކަވަމުން ސްޕައިސާ ވިދާޅުވި އެވެ.

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ޝޯން ސްޕައިސާ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ޝޯން ސްޕައިސާ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ

ސްޕައިސާ މިހެން ވިދާޅުވި އިރު ކޮންގްރެސްގެ ލީޑަރުންނާ އެކު ހޯމަ ދުވަހުގެ ރޭ ބޭއްވި ސިއްރު ބައްދަލުވުމެއްގައި ޓްރަމްޕް ވަނީ ގަވާއިދާ ޚިލާފަށް އެމެރިކާގައި އުޅޭ މީހުންގެ ތެރޭން 3-5 މިލިއަން މީހުން ވޯޓުދީފައިވާ ކަމަށެވެ. މި ތުހުމަތު ޓްރަމްޕް ފުރަތަމަ ކުރައްވާފައި ވަނީ ނޮވެމްބަރު މަހު ފަހުކޮޅު ކުރެއްވި ޓްވީޓެއްގަ އެވެ. އެކަމަކު އެއްވެސް ފަހަރަކު ހެއްކެއް ދައްކަވައިފައެއް ނުވެ އެވެ.

ނޮވެމްބަރު މަހު ބޭއްވި އިންތިޚާބުގައި ޑިމޮކްރެޓިކް ކެންޑިޑޭޓް ހިލަރީ ކްލިންޓަން ވަނީ ޓްރަމްޕަށް ވުރެ އިތުރަށް ތިން މިލިއަން ވޯޓު ހޯއްދަވައިފަ އެވެ. ނަމަވެސް ޓްރަމްޕަށް އިންތިޚާބު ކާމިޔާބު ކުރެއްވުނީ އިލެކްޓޯރަލް ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ އޭނާގެ ކެމްޕޭނުގައި ސަމާލުކަން ދީފައި ވާނީ އިލެކްޓޯރަލް ވޯޓު ކާމިޔާބު ކުރެވޭނެ ގޮތަށް ކަމަށެވެ.