Roadha Mihaaru
ކުރީގެ ރައީސް ކްލިންޓަނަށް ޓްރަމްޕް ރައްދު ދެއްވައިފި

ކުރީގެ ރައީސް ކްލިންޓަނަށް ޓްރަމްޕް ރައްދު ދެއްވައިފި

21 ޑިސެމްބަރ 2016

ވޮޝިންޓަން (ޑިސެމްބަރު 21) - އެމެރިކާގެ ރައީސް ކަމަށް އިންތިޚާބު ކޮށްފައިވާ ޑޮނަލްޑް ޓްރަމްޕުގެ ތޫނުފިލި ކަމާ މެދު ސުވާލު އުފެދޭ ކަމަށް ވިދާޅުވެ ކުރީގެ ރައީސް ބިލް ކްލިންޓަން ދެއްކެވި ވާހަކަތަކަށް ޓްރަމްޕް ރައްދު ދެއްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޑިސެމްބަރު 21) - އެމެރިކާގެ ރައީސް ކަމަށް އިންތިޚާބު ކޮށްފައިވާ ޑޮނަލްޑް ޓްރަމްޕުގެ ތޫނުފިލި ކަމާ މެދު ސުވާލު އުފެދޭ ކަމަށް ވިދާޅުވެ ކުރީގެ ރައީސް ބިލް ކްލިންޓަން ދެއްކެވި ވާހަކަތަކަށް ޓްރަމްޕް ރައްދު ދެއްވައިފި އެވެ.

ނިއު ޔޯކުގެ ފޮތް ފިހާރައެއްގައި މި މަހު ކުރީކޮޅު ކްލިންޓަން ކުރެއްވި މަޝްވަރާއެއްގައި ޓްރަމްޕަކީ ސްމާޓް މީހެއްތޯ ސުވާލު ކުރުމުން ވިދާޅުވެފައި ވަނީ "ޓްރަމްޕަށް މާގިނަ އެއްޗެއް ނޭނގޭ" ކަމަށެވެ.

"އެކަމަކު ޓްރަމްޕަށް އެނގޭ އެއް ކަމެއް އެބައޮތް. އެއީ ރުޅި އައުން،" ކްލިންޓަން ވިދާޅުވި އެވެ.

މި މަހު 10 ވަނަ ދުވަހު ކްލިންޓަން މި މޭރުމުން ވާހަކަ ދެއްކެވި ތަނުގައި ހުރި ރިޕޯޓަރަކު އެ ވާހަކަތައް ވަނީ މިދިޔަ ހޯމަ ދުވަހު ނޫހުގައި ޖަހައިފަ އެވެ.

ނިއު ޔޯކުގައި އޮތް ބައްދަލުވުމެއްގައި ކްލިންޓަން ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ

ނިއު ޔޯކުގައި އޮތް ބައްދަލުވުމެއްގައި ކްލިންޓަން ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ

ރިޔާސީ އިންތިޚާބަށް ފަހު ޓްރަމްޕް ގުޅުއްވާ ވަރަށް ރަހުމަތްތެރިކޮށް ވާހަކަ ދެއްކެވި ކަމަށް ވެސް ކްލިންޓަން ވިދާޅުވި އެވެ.

މި ހުރިހާ ވާހަކައަކަށް ރައްދު ދެއްވާ ޓްރަމްޕް ކުރެއްވި ޓްވީޓުގައި ވަނީ ކްލިންޓަން ދެއްކެވި ވާހަކަތައް ރަނގަޅު ނޫން ކަމަށް ވިދާޅުވެފަ އެވެ.

"ބިލް ކްލިންޓަން ވިދާޅުވީ އަޅުގަނޑު އޭނާއާ ގުޅި ކަމަށް. ނުބައި. އެމަނިކުފާން އަޅުގަނޑާ ގުޅުއްވީ (މަރުހަބާ ވިދާޅުވުމަށް). އެހެންވީމާ ކްލިންޓަނަކަށް މާބޮޑު އެއްޗެއް އެނގިވަޑައިނުގެންނެވިތާ،" ޓްރަމްޕް ޓްވީޓް ކުރައްވާފައިވެ އެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި ވެސް ޓްރަމްޕް ވަނީ ކްލިންޓަނުގެ ވެރިކަމުގައި ހުންނެވިއިރު އަންހެން ކުއްޖަކާ ގުޅުން ބޭއްވި މައްސަލަ ފެންމަތިވުމުން ފާޑު ވިދާޅުވެފަ އެވެ. އަދި އެ މައްސަލައިގައި ހިލަރީ އަށް ވެސް ވަނީ ފާޑުކިޔުން އަމާޒުކޮށްފަ އެވެ.