ވިހާފައި ލޭ މަނާ ނުވެ މަރުވި އަނބިމީހާ އަށް އިބްރާހީމް އަދުހަމް އަލްވަދާއު ކީ ވައުދަކުންނެވެ. ދެމަފިރިންގެ އަލަތު ދަރިފުޅު ފުރިހަމަ ލޯތްބާއި އަޅާލުމާ އެކު ބޮޑުކޮށްދޭނެ ކަމެވެ. ލިބުނު ފުން ހިތާމައިގެ ތެރެއަށް ނުގެނބި ހިފަހައްޓާލަން އަދުހަމް ހިތްވަރު ހޯދަނީ އެ އަޒުމުންނެވެ.
17 މާޗް 2021
ވިހާފައި ލޭ މަނާ ނުވެ މަރުވި އަނބިމީހާ އަށް އިބްރާހީމް އަދުހަމް އަލްވަދާއު ކީ ވައުދަކުންނެވެ. ދެމަފިރިންގެ އަލަތު ދަރިފުޅު ފުރިހަމަ ލޯތްބާއި އަޅާލުމާ އެކު ބޮޑުކޮށްދޭނެ ކަމެވެ. ލިބުނު ފުން ހިތާމައިގެ ތެރެއަށް ނުގެނބި ހިފަހައްޓާލަން އަދުހަމް ހިތްވަރު ހޯދަނީ އެ އަޒުމުންނެވެ.
"ސަހަރާގައި އަންހެނުން އޮތް އިރު ކުއްލިއަކަށް ބުނެވުނީ ދަރިފުޅު ބަލާ ބޮޑުކުރާނަމޭ, އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅަށް ބަލާނަމޭ. ކުއްލިއަކަށް ހިތުން އޭތި ބޭރުވި ގޮތެއް ވެސް ނޭނގޭ," އަދުހަމް, 29, ބުންޏެވެ.
އަންހެނުން ސަލްމާ ނަސީރު, 25, ވަޅުލާފައި ދަރިފުޅު ބަލާ އެނބުރި ހޮސްޕިޓަލަށް ދިޔަ ވަގުތުން ފެށިގެން އަދުހަމް އުޅެނީ އެ ބުނެވުނު ބަސް ހަގީގަތަކަށް ހެދުމުގަ އެވެ. ސަލްމާއާ އެކު ހުޅުމާލޭގައި ބިނާކުރި ދިރިއުޅުމާއި މާލޭގައި އަދާކުރި ވަޒީފާ ދޫކޮށްލައި ދަރިފުޅު ގޮވައިގެން ދެ މީހުންގެ އުފަން ރަށް ގއ. މާމެންދު އަށް އަދުހަމް ބަދަލުވެއްޖެ އެވެ. އޭނާގެ މައިންބަފައިންނާއި އާއިލާގެ އެހީތެރިކަމާ އެކު ދަރިފުޅު ބަލާށެވެ. އެކަމަކު އަންހެނުން މަރުވުމުގެ ހިތާމައިގެ ތެރެއިން ދެން އިހުސާސްކުރަން ޖެހުނީ ދަރިފުޅު ވެސް އޭނާއާ ވަކިވެދާނެ ކަމުގެ ބިރެވެ.
އަދުހަމްގެ ދަރިފުޅުގެ ހަޟާނަތު (ކަސްޓަޑީ) ހޯދަން ސަލްމާގެ މަންމަ ވަނީ ކޯޓުގައި ދައުވާކޮށްފަ އެވެ. އަދުހަމް ބުނަނީ ދަރިފުޅުގެ މާމަ އޭނާ ގެންދަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އޭނާ އާއި އޭނާގެ މަންމަ އާއި އާއިލާ އަށް ވުރެ ރަނގަޅަށް ދަރިފުޅު ބެލޭނެ އެހެން ބަޔަކު ނެތްކަން އަދުހަމަށް ޔަގީންވެ އެވެ.
"އަޅުގަނޑުގެ ހުރި އެންމެ ދަރިއެއް އެއީ. ކިހިނެއް އަޅުގަނޑު ދޫކުރާނީ؟ އަންހެނުން ވެސް ވަކިވެދިޔައީ. އަޅުގަނޑު ދަރިފުޅު ބަލަން ޖެހޭނެއެއްނު؟ ވަރަށް ރަނގަޅަށް ބަލާނަމޭ. އަޅުގަނޑަށޭ ބެލޭނީ," އަދުހަމް ބުންޏެވެ.
ސަލްމާގެ މަންމަ މި ރިޕޯޓަށް "މިހާރު"އާ ވާހަކަދައްކާކަށް އެއްބަހެއް ނުވި އެވެ. ހަޟާނަތު މައްސަލައިގައި އޭނާ ތަމްސީލްކުރާ ވަކީލަކު ހުރި ނަމަ ވަކީލާ ވާހަކަދެއްކުމުގެ ފުރުސަތަށް ވެސް ވާނީ އެދިފަ އެވެ. އަދުހަމް ބުނި ގޮތުގައި ދަރިފުޅު ދޭށޭ ބުނެ މައިދައިތަ އާއި އެ އާއިލާގެ އިތުރު މީހަކު އޭނާއަށް ގުޅި ނަމަވެސް ކުއްޖާ އަތުލަން ބޭނުންވާ ސަބަބެއް އެ މީހުން އޭނާ ގާތަކު ނުބުނެ އެވެ. ފުރަތަމަ ފޯނު ކޯލުން އަދުހަމަށް ލިބުނީ ސިހުމެވެ.
"އަދި މި އުޅެނީ އަޅުގަނޑު އަންހެނުންނާ ދެ މީހުން މައްސަލައެއް ޖެހިގެނެއް ނޫނޭ. އެކީގައި ހާދަ ލޯބިން, ހާދަ ރަނގަޅަށޭ އުޅުނީ. ދެން އެ މީހުން ކީއްކުރަން މި އުޅެނީ؟" އަދުހަމް ސުވާލުކުރި އެވެ.
ކުއްޖެއްގެ ހަޟާނަތު ހަވާލުކުރާނެ ފަރާތެއް ކޯޓުން ކަނޑައަޅާ އިރު ބަލާ ތަރުތީބުގައި ކުއްޖާގެ ބައްޕަ އަށް ވުރެ މަންމަގެ މަންމަ އަށް އިސްކަންދޭން ޖެހެ އެވެ. އެކަމަކު ހަޟާނަތު ހަވާލުކުރުމުގައި އަމަލުކުރަންވާނީ ކުއްޖާގެ މަސްލަހަތަށް އެންމެ ރަނގަޅުވާނެ ގޮތަކަށް ކަމަށް ވެސް ގާނޫނު ބުނެ އެވެ. އަދި ހަޟާނަތު ލިބޭ މީހާގެ ކިބައިގައި ވަކި ސިފަތަކެއް ހުރުން ގާނޫނު ލާޒިމްކުރެ އެވެ. އޭގެ ތެރޭގައި ކުއްޖާ ބަލައި ބޮޑުކުރަން ބޭނުންވާ އޯގާތެރިކަމާއި ފަރުވާތެރިކަން ދެވޭ ފަދަ މީހަކަށް ވުން ހިމެނެ އެވެ. ދަރިފުޅަށް ލޯތްބާއި އަޅާލުން ލިބި އޭނާގެ މަސްލަހަތު ރައްކާތެރިކުރެވޭނީ, އަދުހަމް ބުނާ ގޮތުގައި, އޭނާ އާއި އޭނާގެ އާއިލާ އިން ކުއްޖާ ބަލައިގެންނެވެ. އެއީ ރަށުގެ ނިސްބަތުން ތަނަވަސް އާއިލާއެއް ވެސް މެ އެވެ.
އަދުހަމް ބުނީ ދަރިފުޅު އުފަންވީއްސުރެ އޭނާ އޮންނާނީ ދަރިފުޅު ދެކި، ގާތްކޮށް އުޅެން ސަލްމާގެ މަންމަ އަށާއި އާއިލާ އަށް ދައުވަތުތަކާއި ފުރުސަތު އެންމެ ބޮޑަށް ދީފައި ކަމަށާއި އެކަމަކު އެ މީހުން މިހާތަނަށް އެ ގާތްކަން ބާއްވާފައި ނުވާ ކަމަށެވެ. ހުރިހާ ކަމަކަށް ބިނާކޮށް އަދުހަމް ބުނާ ގޮތުން ނަމަ ހަޟާނަތު ހޯދަން ސަލްމާގެ މަންމަ ދައުވާކުރަންވީ ހުއްޖަތެއް ނެތެވެ.
"ދަރިފުޅު ވަރަށް ރަނގަޅަށް ބެލޭނެކަން އަބަދުވެސް ޔަގީންވޭ. ހިތަށް އަރަނީ އަންހެނުން ކައިރީގައި ބުނެފައޭ އޮންނާނީ އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅަށް ދަރިފުޅު ބަލާނަމޭ. ދެން ކޮންމެ ފަހަރަކު ވެސް ހިތަށް އަރަނީ އަންހެނުން ހިތްވަރު ދިން ގޮތް. އަދިވެސް ހަމަ ހީވަނީ ބޯމަތީ އަތް އަޅާލާހެން."
ފެބްރުއަރީ 3ގައި އޭޑީކޭ ހޮސްޕިޓަލުގައި ވިހައި, ރާއްޖޭގައި ހިނގުން ނާދިރު ހާދިސާއެއްގައި, ސަލްމާ މަރުވިކަން ގަބޫލުކުރަން އަމުދުން އަދުހަމަށް ދަތިވި އެވެ. ރަށު ސްކޫލުން އެކަކު އަނެކަކު ދަންނަން ފެށި ދެ ޒުވާނުން ވެސް, ސްކޫލް ދައުރަށް ފަހު, އިއްތިފާގުން ހުޅުމާލެ އަށް ބަދަލުވެ އުފެދުނު ގާތްކަމާ އެކު 2017ގައި ކުރި ކައިވެންޏަށް ހަތަރު އަހަރު ވާން އުޅެނިކޮށް ސަލްމާ ވިހޭ އިރު ކުރިމަތިވީ އަދުހަމް ތައްޔާރުވެފައި ނެތް ހާލަތެކެވެ. މާބަނޑު އިރު ސަލްމާ އާއި ދަރިފުޅުގެ ހާލު ރަނގަޅެވެ. ޑޮކްޓަރު ބުނަމުން ދިޔައީ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.
އަދުހަމް ބުނިގޮތުގައި ސިޒޭރިއަން އޮޕަރޭޝަން ކުރަން ނުޖެހި ގުދުރަތީ ގޮތުން ވިހަން ފުރުސަތު ލިބުމުން ސަލްމާ އުފާކުރި އެވެ. އެއީ އޭނާ ބޭނުންވި ގޮތް ވީމަ އެވެ. އެއާޕޯޓުގެ ޑިއުޓީ ފްރީގައި ވަޒީފާ އަދާކުރަމުން ގެންދިޔަ ސަލްމާ ވިހަން ހޮސްޕިޓަލަށް ދިޔައީ ދަރިފުޅަށްޓަކައި ގޭތެރެ ރީތިކޮށް ހުރިހާ ކަމެއް ތައްޔާރުކޮށްފަ އެވެ. އެކަމަކު އަދުހަމަށް ދަރިފުޅު ގޮވައިގެން ގޮސް ގެ އަށް ވަންނަން ޖެހުނީ ސަލްމާ ނުލަ އެވެ.
"ވަރަށް ބޮޑަށް އަސަރުކުރި. އެކަމަކު ހިތްވަރު ލިބެނީ ބޭބީ އޮތީމަ. ކުރިއަށް ދާން ޖެހޭކަން އެނގޭ," އަދުހަމް ބުންޏެވެ.
ސަލްމާގެ ލޭ މަނާ ނުވެގެން ކުރި އޮޕަރޭޝަން ވެސް ނާކާމިޔާބުވީ އެވެ. އަދުހަމް ބުނިގޮތުގައި ވިއްސާ ކޮޓަރީގައި އޮވެ ހާލު ދެރަވުމާ ހަމައަށް ސަލްމާ އުޅުނީ ލިބުނު ފިރިހެން ދަރިފުޅު ފެނި, އުފަލުންނެވެ. ހިނިތުންވެ ވާހަކަދައްކަމުން ގެންދިޔަ އެވެ. ސަލްމާ ވަރުބަލިވާ ވާހަކަ ބުނީމާ އަދުހަމް ގެނެސްދިން ކުރުނބާ ބޯލި އެވެ. ފަހު ވަގުތު ވެސް އަންހެނުންގެ ފަރާތުން އަދުހަމަށް ލިބުނީ ލޯތްބާއި އޯގާތެރިކަމެވެ.
"އަތް ނަގައި އަޅުގަނޑުގެ ބޮލުގައި ޖައްސާލާފައި ވަރަށް ހިތްވަރުދިން. އަޅުގަނޑަށް ހިތްވަރު ދިނީ އޭނަ," ގިސްލެވެން ފެށުމުން ވާހަކަ މެދުކަނޑާލުމަށް ފަހު އަދުހަމް ކުރިއަށް ގެންދިޔަ އެވެ.
"ބުނީ ކަންބޮޑު ނުވާށޭ. ރަނގަޅުވާނެއޭ, ބަރާބަރު ވާނެއޭ. ދެން އެނގުނީ ލޭ ހުސްވަމުންދާ ކަން."
ދަރިފުޅާ އެކު މުޅިން އެހެން ދިރިއުޅުމެއް ފަށައިގަތް އިރު އަދުހަމަށް އެހީތެރިވާން އޭނާގެ އާއިލާ އާއި ސަލްމާގެ ރައްޓެހިން ވެސް ގާތުގައި އުޅުނެވެ. އޭނާ ބުނި ގޮތުގައި ސަލްމާގެ އާއިލާއާ ކުރިން މައްސަލައެއް ޖެހިފައެއް ނެތެވެ. އެކަމަކު ވިހަން ހޮސްޕިޓަލަށް ދިޔަ ހިސާބުން ފެށިގެން ދެން ދިމާވި ކަންކަމާ މެދު އޭނާ ހިތްހަމައެއް ނުޖެހެ އެވެ.
ގިނަ ވާހަކަތަކަކަށް ފަހު އޭނާ ބުނީ ދަރިފުޅު އަތުލަން އުޅުމުގައި "އެ މީހުންގެ މަގްސަދު މުޅިން ތަފާތު" ކަމަށެވެ. އެކަމަކު ކޮންމެ ގޮތަކަށް ކަން ހިނގިޔަސް އަދިވެސް ބޭނުންވަނީ އެ އާއިލާއާ ގުޅުން ކަނޑާނުލައި ދަރިފުޅު ވެސް އެ މީހުންނާ ގާތްކޮށްގެން ގެންގުޅެން ކަމަށް އަދުހަމް ބުނެ އެވެ.
"އަސްލު ހަގީގަތުގައި ވަރަށް ދެރަވޭ މި ވާހަކަ ދައްކަން ޖެހޭތީ ވެސް. ވަރަށް ދެރަވޭ އެ ފެމިލީއާ މައްސަލައެއް ޖެހޭތީ ވެސް. އެކަމަކު ބޭބީ ނަގަން އުޅޭތީ ވަރަށް ދެރަވޭ," އަދުހަމް ބުންޏެވެ.
"ކޮބާ ބޭނުމަކީ؟ އަޅުގަނޑު ރަށަށް މި ބަދަލުވީ. ބޭބީ ފެންނާނެ. ހަމަ އަންނަންވީ ގެއަށް."
ހަޟާނަތުގެ މައްސަލައިގައި މިދިޔަ ހަފްތާގައި ފެމިލީ ކޯޓަށް ހާޒިރުވުމުގެ އަމުރެއް އައުމުން އަދުހަމް ވަނީ ސަލްމާގެ މަންމަ އާއި އޭނާ ވެސް ރަށުގައި ދިރިއުޅޭތީ ރަށު ކޯޓަށް މައްސަލަ ބަދަލުކޮށްދޭން އެދިފަ އެވެ. އޭނާގެ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވަނީ އާއިލީ ގޮތުން ތިމާގެ އަދި ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް މުހުތާޒް މުހްސިން އެވެ.
"އަދުހަމްގެ މަންމައަކީ ކުދިން ބެލުމުގެ ގާބިލްކަން ހުރި, ކުދިން ބަލާފައި ހުރި މީހެއް," މުހުތާޒު ވިދާޅުވި އެވެ.
"މީގެ ކުރިން މަތީ ކޯޓުތަކުން އެބަހުރި, ޝަރުތުތަކަށް ބިނާކޮށްފައި, މަންމަ އަށް ވެސް އަދި މަންމަ ފަރާތު މާމަ އަށް ވެސް ނުދީ, ބައްޕަ އަށް ކުއްޖާ ނަގައިދީފައި. އެންމެ ބޮޑަށް ބަލަން މި ޖެހެނީ ކުއްޖާގެ މަސްލަހަތަށް. ކުއްޖާ ތަރުބިއްޔަތުކުރުމުގައި އެކަށީގެންވާ ދައުރެއް އެ މީހަކަށް އަދާކުރެވިދާނެތޯ."
އަދުހަމް ބުނިގޮތުގައި އޭނާގެ މަންމަ އިސްވެ ހުރެ ދަރިފުޅު ބަލަމުން އަންނަނީ އޭނާގެ ވެސް ބައިވެރިވުމާ އެކުގަ އެވެ. ބުއްފުޅި ދިނުމާއި ފެންވެރުވުމާއި ނިންދެވުމަކީ އަދުހަމް ވެސް އަދާކުރަމުން އަންނަ ޒިންމާތަކެވެ. މަންމަ ގާތުން ދަސްކޮށްގެން "މިހާރު އިރާދަކުރެއްވިއްޔާ ބޭބީގެ ހުރިހާ ކަމެއް ވެސް ކުރަން އެނގޭ" ކަމަށް ފަޚުރުވެރިކަމާ އެކު އަދުހަމް ބުނެލި އެވެ.
އޭނާ ބުނި ގޮތުގައި އަމިއްލަ ނަފްސަށް އިތުބާރު ލިބެނީ ސަލްމާ ގާތު އޭނާ ވެފައި އޮތް ފަހު ވައުދާއި ސަލްމާ އޭނާ އަށް ދީފައި ދިޔަ ފަހު ހިތްވަރުންނެވެ.
"ދަރިފުޅު ވަރަށް ރަނގަޅަށް ބެލޭނެކަން އަބަދުވެސް ޔަގީންވޭ. ހިތަށްއަރަނީ އަންހެނުން ކައިރީގައި ބުނެފައޭ އޮންނާނީ އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅަށް ދަރިފުޅު ބަލާނަމޭ. ދެން ކޮންމެ ފަހަރަކު ވެސް ހިތަށް އަރަނީ އަންހެނުން ހިތްވަރު ދިން ގޮތް. އަދިވެސް ހަމަ ހީވަނީ ބޯމަތީ އަތް އަޅާލާހެން," އަދުހަމް ބުންޏެވެ.
މާލޭގައި އުފަންވި އެއްމާބަނޑު ތިން ކުދިން ނިޔާވެއްޖެ
މާމެންދޫ މަރު: ތިން މީހެއްގެ ބަންދު އިތުރުކޮށްފި
ދަރިންގެ ހަރަދު ދޭންޖެހެނީ ބައްޕައެއް އެކަންޏެއް ނޫން
އަލަތު ފިރިހެން ދަރިފުޅާ އެކު އުމުރަށް ވަކިވީ!
ހަރަދުނުދޭ މީހުންގެ ނަން ހާމަކުރުން:ހަމަހަމަކަމެއް ނެތް
ހިޔާ ފްލެޓްގެ ޓަވަރަކުން ވެއްޓި ކުޑަކުއްޖަކު މަރުވެއްޖެ
18 އަހަރު ކުރީގެ މަރެއްގެ މައްސަލަ އަނެއްކާ ބަލަނީ
ދަރިންގެ ހަރަދު ހޯދުމުގައި އާ ނިޒާމަކަށް ދާންޖެހޭ
ރާއްޖޭގައި 6،000 ކުދިން އުފަންވެ، 1،500 މަރު
ދަރިންނާ ބައްދަލުކުރަން އެޕޮއިންޓްމަންޓް: އަނިޔާއެއް!