Roadha Mihaaru
ކިއުބާއިން ބޮޑުމުސާރާގައި ތިންމަހަށް ޑޮކްޓަރުން ގެންނަނީ

ސްޕެޝަލިސްޓުން ނުލިބޭތީ ބޮޑު މުސާރަ ދީގެން ކިއުބާއިން ވަގުތީ ޑޮކްޓަރުން ގެންނަނީ

21 ނޮވެމްބަރ 2021

އެކި ބަލިތަކަށް ހާއްސަ ޑޮކްޓަރުން ހޯދުމުގައި މި ދުވަސްވަރު ވަރަށް ބޮޑަށް ދަތިވެފައިވާތީ، ބޮޑު މުސާރައެއް ދީގެން ތިން މަސް ދުވަހަށް ވަގުތީ ޑޮކްޓަރުން ގެންނަން ސަރުކާރުން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެކި ބަލިތަކަށް ހާއްސަ ޑޮކްޓަރުން ހޯދުމުގައި މި ދުވަސްވަރު ވަރަށް ބޮޑަށް ދަތިވެފައިވާތީ، ބޮޑު މުސާރައެއް ދީގެން ތިން މަސް ދުވަހަށް ވަގުތީ ޑޮކްޓަރުން ގެންނަން ސަރުކާރުން ނިންމައިފި އެވެ.

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް "މިހާރު" އަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން މި ސަރަހައްދުން ވެސް ހާއްސަ ޑޮކްޓަރުން ލިބުމުގައި ބޮޑެތި ދަތިކަތެއް ކުރިމަތިވެފައި ވާތީ މިހާރު ނިންމާފައި ވަނީ ކިއުބާ އިން ޑޮކްޓަރުން ގެންނަން ކަމަށެވެ.

"އަގު ހެޔޮވާނެ. ތަޖުރިބާ ވެސް އެބަހުރި ކިއުބާގެ މީހުންގެ. އަނެއްކާ ވަރަށް މޮޅުވާނެ. ހާއްސަކޮށް ޕަބްލިކް ހެލްތު ދާއިރާ އަށް ވަރަށް މޮޅުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ އަށް އާންމުކޮށް މިހާރު ގެންނަނީ އިންޑިއާ އާއި ސްރީ ލަންކާ ފަދަ މި ސަރަހައްދުގެ ގައުމުތަކުގެ ޑޮކްޓަރުން ކަމަށް ވާއިރު، އެ މީހުންގެ މުސާރަ ވެސް މާ ބޮޑެވެ. އެއާ އެކު، ކޮވިޑާ ގުޅިގެން އެ މީހުންގެ ބޭނުން ހިފުން ވެސް ވަނީ އިތުރުވެފައި ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރިން އެކި ދިމަދިމާލުން ޑޮކްޓަރުން ގެންނަން. ހަމަ ނުވެގެން މި އުޅެނީ،" ނަސީމް ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީން ނިންމާފައި ވަނީ މިނިސްޓަރު ވިދާޅުވި ގޮތުގައި ބަޖެޓް ތަން ދިން ވަރަކަށް ވީހާ ވެސް ގިނައިން ކިއުބާ އިން ޑޮކްޓަރުން ގެންނާށެވެ.

"އަޅުގަނޑުމެން އެބަ ބޭނުންވޭ ސްޕެޝަލިސްޓުން ގާތްގަނޑަކަށް 45 ޑޮކްޓަރުން. އޭރުން ރަނގަޅުވާނީ. އާދައިގެ ޑޮކްޓަރުން ލިބޭ. ސްޕެޝަލިސްޓް ޑޮކްޓަރުން ނުލިބެނީ،" ނަސީމް ވިދާޅުވި އެވެ.

ނ. އަތޮޅު ހޮސްޕިޓަލުގައި ކަށީގެ ހާއްސަ އޮޕަރޭޝަަނެއް ފުރަތަމަ ފަހަރަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ކުރަނީ -- ފޮޓޯ: ނ. އަތޮޅު ހޮސްޕިޓަލް

ނ. އަތޮޅު ހޮސްޕިޓަލުގައި ކަށީގެ ހާއްސަ އޮޕަރޭޝަަނެއް ފުރަތަމަ ފަހަރަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ކުރަނީ -- ފޮޓޯ: ނ. އަތޮޅު ހޮސްޕިޓަލް

ނަސީމް ވިދާޅުވީ، ވަގުތީ ގޮތުން ތިން މަސް ދުވަހަށް ގެންނަ ޑޮކްޓަރުންނަށް ދޭން ނިންމާފައި ވަނީ 4،000-5،000 ޑޮލަރުގެ މުސާރައެއް ކަމަށެވެ. އަދި އެ މީހުން އެސެސްކޮށް ތިން މަސް ދުވަހަށް ފަހު، ދާއިމީ ކުރަން ޖެހޭ ނަމަ އެ ކަން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި އުނދަގުލުން ސަލާމަތް ވާން ޖެހޭ ނޫންތޯ؟ ހާއްސަ ޕްރޮޖެކްޓެއްގެ ދަށުން މި ކަންތައް ހައްލު ކުރުމަށްޓަކައި [ސްޕެޝަލިސްޓް ޑޮކްޓަރުން ނުލިބޭ މައްސަލަ] ގެންނަ ބައެއް މިއީ. [ތިން މަސް ވާން ވާއިރަށް] އަޅުގަނޑުމެން ޖެހޭ މީހުން ހަމަކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

ނަސީމް ވިދާޅުވިގޮތުގައި، ތިން މަހަށް ފަހު އޮތް ދާއިމީ ހައްލަކީ އެހެން ގައުމުތަކުން މީހުން ހާއްސަ ޑޮކްޓަރުން ހޯދުމެވެ. އެހެންވެ، ނައިބު ރައީސް ފައިސަލް ނަސީމްގެ އަރިހުގައި މިރޭ ބަންގްލަދޭޝަށް ފުރާވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ ބޭނުމަކީ ވެސް އެ ގައުމުން ޑޮކްޓަރުން ހޯދުމެވެ.

"ބަންގްލަދޭޝް އިން ގްރީން ސިގްނަލް ދެއްވާފައި އޮތީ. މީޓިންތަކެއް ރާވާފައި ހުރީ،" އޭނާ ވިދާޅުވި އެވެ.

އެކި ސަރަހައްދުތަކަށް ސްޕެޝަލިސްޓު ޑޮކްޓަރުން ހޯދުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް، ޑޮކްޓަރުންގެ ޕޫލެއް ކަނޑައެޅުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށައިފަ އެވެ.

ނަސީމް ވިދާޅުވި ގޮތުގައި ރާއްޖޭގައި 20-22 ޑޮކްޓަރުން ތިބެނީ އަބަދު ވެސް އެއްފަހަރާ ކޮންމެވެސް ޗުއްޓީއެއްގަ އެވެ. އެ ހުސް ޖާގަ ފުރިހަމަ ކުރާނެ ޑޮކްޓަރުން ބޭނުންވާނެ ކަމަށާއި ސްޕެޝަލިސްޓު ޑޮކްޓަރުންގެ ޕޫލެއް ކަނޑައެޅުމުން އެކަން ހަމަޖެހޭނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.

އަޅުގަނޑުމެން މި އުނދަގުލުން ސަލާމަތް ވާން ޖެހޭ ނޫންތޯ؟ ހާއްސަ ޕްރޮޖެކްޓެއްގެ ދަށުން މި ކަންތައް ހައްލު ކުރުމަށްޓަކައި [ސްޕެޝަލިސްޓް ޑޮކްޓަރުން ނުލިބޭ މައްސަލަ] ގެންނަ ބައެއް މިއީ. [ތިން މަސް ވާން ވާއިރަށް] އަޅުގަނޑުމެން ޖެހޭ މީހުން ހަމަކުރަން: ނަސީމް

މިނިސްޓަރު ނިންމަވާފައި ވަނީ ޑޮކްޓަރުންގެ ޕޫލް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ނިންމުމަށެވެ.

"ވަކި ތަނަކަށް އައްޔަން ނުކޮށް ތިބޭ ޑޮކްޓަރުން ތިބޭނީ. މިސާލަކަށް ރަށަކަށް ފޮނުވާލާ ޑޮކްޓަރުން ފޮނުވާލައިފިއްޔާ އެ މީހުންނަށް އެނގެން ޖެހޭނެ އެއީ އެ މީހުން އައްޔަންކޮށްފައި ތިބޭ ބައެއްކަން. އެ މީހުން އުނދަގޫވާނެ އެހެން ތަނަކަށް ބަދަލުކުރަން. އެ ގޮތަށް ކަންތައް ގެންދިޔައީމާ ރަނގަޅުވާނެ،" ނަސީމް ވިދާޅުވި އެވެ.

"ވަކި ތަނަކަށް އައްޔަން ވެގެން ނުވާނެ. އަޅުގަނޑުމެންނަށް ފްލެކްސިބިލިޓީ އޮންނަން ޖެހޭނެ އެއްތަނުން އަނެއް ތަނަކަށް [ޑޮކްޓަރުން] ޓްރާންސްފާ ކުރަން."

ނަސީމް ވިދާޅުވިގޮތުގައި ކުޑަ ރަށަކަށް އަންހެނުން ބަލިތަކުގެ ހާއްސަ ތިން ޑޮކްޓަރުން ބޭނުމެއް ނުވާނެ އެވެ. އެތަނުން އެކަކު އެހެން ތަނަކަށް ބަދަލުކުރަން ބޭނުންވާ ނަމަ، އެ ޑޮކްޓަރު ޕޫލަށް ވަންނަ ނަމަ ފަސޭހަވާނެ ކަމަށް ވިދާޅުވި އެވެ.