Roadha Mihaaru
ވެކްސިން ލިބޭވަރުވާނީ ޖޫން ފަހުކޮޅު: މިނިސްޓަރު

ވެކްސިން ލިބޭވަރުވާނީ ޖޫން ފަހުކޮޅު: މިނިސްޓަރު

26 މެއި 2021

ކޮވިޑް-19 އިން ދިފާއުވާ ވެކްސިނުގެ ޝިޕްމަންޓްތައް އަންނަ މަހު ކުރީކޮޅު ގެނެވޭނެ ކަމަށް އުއްމީދުކުރެވުނަސް އެކަން އަދި ޔަގީން ނުވާ ކަަމަށް ސަރުކާރުން ރޭ ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 އިން ދިފާއުވާ ވެކްސިނުގެ ޝިޕްމަންޓްތައް އަންނަ މަހު ކުރީކޮޅު ގެނެވޭނެ ކަމަށް އުއްމީދުކުރެވުނަސް އެކަން އަދި ޔަގީން ނުވާ ކަަމަށް ސަރުކާރުން ރޭ ބުނެފި އެވެ.

ރައީސް އޮފީހުގައި ރޭ ބޭއްވި މީޑިއާ ބްރީފިންގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ އެސްޓްރަޒެނެކާ ވެކްސިނުގެ ޝިޕްމަންޓްތައް ޖޫންމަަހުގެ ކުރީކޮޅު ލިބޭނެކަަމުގެ އުއްމީދާ އެކު ސަަރުކާރު ކުރިން އޮތީ ވަރަށް ހަމަޖެހިލައިގެން ކަމަށާއި އެހެން ނަމަވެސް މިހާރު އެހާ ޔަގީންކަން ނެތް ކަަމަށެވެ. އެ ޝިޕްމަންޓްތައް ކަސްޓަަމްސް އިން ކްލިއާ ކުރަން މާލޭގެ އެޖެންޓް މިހާރު އޮތީ ވެކްސިން ޝިޕްމަންޓް (ކަސްޓަމްސް އިން) ކްލިއާ ކުރުުމުގެ ކަންތައް ވެސް ބަޔަކާ ހަވާލުކޮށްފައި ކަމަށެވެ.

"އަޅުގަނޑުގެ އުއްމީދަކީ ޖޫންމަހުގެ ތެރޭގައި އެބޭފުޅުން ވިދާޅުވި ގޮތަށް އަޅުގަނޑުމެންނަށް މި ލިބުން. އެންމެ ފުރަތަމައިނުން އޮތީ ޖޫންގެ ކުރީކޮޅުގައި އަޅުގަނޑުމެންނަށް [ވެކްސިން] ލިބޭގޮތަށް، އަަޅުގަނޑުމެން ވަރަށް ކޮމްފަޓަބުލްކޮށް ތިބީ. އެހެން ނަމަވެސް މިހާރު އަޅުގަނޑަކަށް ލަފައެއް ނުކުރެވޭ ޖޫން މަހުގެ ކުރީކޮޅުގައި ލިބޭނެ ކަމަކަށް،" ހެލްތު މިނިސްޓަރު ނަސީމް ރޭ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެހެން ނަމަވެސް ޖޫން މަހުގެ ކުރީކޮޅު ވެކްސިން ޝިޕްމަންޓްތައް ނުލިބުނު ނަމަވެސް އެ މަހުގެ ތެރޭގައި ލިބޭނެކަމުގެ އުއްމީދު ވަރަށް ބޮޑު ކަމަށެެވެ.

އެސްޓްރަޒެނެކާ ސިންގަޕޫރު މެދުވެރިކޮށް ގެންނަން އުޅޭ ހަތް ލައްކަ ޑޯޒްގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ ޑިސެމްބަރުމަހު އެވެ. ރޭގެ ބްރީފިންގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ އެ އޯޑަރުގެ ވެކްސިން ޑޯޒްތައް ރާއްޖެ އަށް ގެންނާނެ ގޮތުގެ ޝެޑިއުލް އެއް ވެސް ކުރިން ލިބިފައިވާ ކަމަށެވެ.

ސިންގަޕޫރުން ގެންނާނެ ކަމަށް ބުނާ 700،000 ޑޯޒް ވެކްސިނުގެ އެއްބަސްވުމާ ބެހޭ މާ ގިނަ ތަފްސީލުތަކެއް އަދި ހާމަކޮށްފައެެއް ނުވެ އެވެ. އެގޮތުން އެ ވެކްސިން ޑޯޒްތައް ގަންނަނީ ކޮން އަގަކަށް ކަމާއި ރާއްޖެ އަށް ފޮނުވައި ނިންމަން އެއްބަސްވީ ކިހާ ދުވަހެއްގެ ތެރޭގައި ކަމެއް ވެސް ނުބުނެ އެވެ.

ރަޝިޔާ ވެކްސިން ގެންނަން ސޮއިކުރާ މަރުހަލާގައި

ރޭގެ ބްރީފިންގައި ނަސީމް ވިދާޅުވީ ރަޝިޔާގައި އުފައްދާފައިވާ ސްޕަޓްނިކް ވެކްސިން ގެނައުމަށް ޓަކައި އެ ގައުމާ އެކު ސޮއިކުރަން އުޅޭ އެއްބަސްވުމުގެ ދެލިކޮޕީ އެޓާނީ ޖެނެރަލްގެ އޮފީހުން ދިރާސާކޮށް، ކޮށްފައިވާ ކޮމެންޓްތައް މިހާރު އެ ގައުމަށް ފޮނުވާފައިވާ ކަަމަށެވެ.

އެ އެއްބަސްވުމުގެ (ދެލިކޮޕީ) އާއި މެދުގައި ހުރި ޝަކުވާތައް، އެ ފަރާތަަށް ގަބޫލުކުރެވޭ ވަރަށް މިހާރު ހުށަހަޅާފައިވާ ކަމަށާއި އެކަމަކު އެ ޝަކުވާތަކަށް ވާނީ ކިހިނެއް ކަން އަދި އެނގިވަޑައިނުގަންނަވާ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަސީމް އެ ވިދާޅުވީ ބެލެވޭ ގޮތުގައި އެއްބަސްވުމުގެ ދެލިކޮޕީގައި ހުރި ޓާމްތަކާ ދޭތެރޭގައި ރާއްޖެ އިން ކުރާ ޝަކުވާތަކެއްގެ ވާހަކަ އެވެ. އެކަމަކު އޭގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

"ދެން އެ ފަރާތުން އެ ގަ ބޫލުފުޅުކުރައްވާ މިންވަރަށް އަޅުގަނޑުމެންނަށް އެކަންތަކާ ދޭތެރޭގައި ޝަކުވާ އުފުލިއްޖެ އަަޅުގަނޑުމެންނަށް މިހާރު. އެހެން ނަމަވެސް އަޅުގަނޑަކަށް ނޭނގޭ އެކަންތައް ކިހިނެއް ކަމެއް ވާނީ،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ނެގޯސިއޭޝަންތައް އަދިވެސް ކުރިއަށްދާ ކަމަށާއި ވަރަށް އަވަހަށް އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށެވެ. އެއްބަސްވުމުގައި ސޮއިކުރާތާ ހަތަރު ވަރަކަށް ހަފްތާގެ ތެރޭގައި ރަޝިޔާއިން ރާއްޖެ އަށް ވެކްސިން ފޯރުކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ،

ރޭގެ ބްރީފިންގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ވެކްސިން ލިބުން މުޅި ދުނިޔޭގައި ވެސް ވަރަށް ދަތި ކަމަށާއި އަދިވެސް ގިނައީ ކޮވިޑްގެ ވެކްސިނުގެ އެންމެ ޑޯޒެއް ވެސް ނުލިބޭ ގައުމުތައް ކަމަށެވެ. އެކަމަކު ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 69 ޕަސެންޓަށް ވެކްސިނުގެ ފުރަތަމަ ޑޯޒް ދީފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.