Roadha Mihaaru
ކުއާޓާގެ ފަހު ޖާގަތައް ޗެލްސީ އާއި ބަޔާން އަށް

ކުއާޓާގެ ފަހު ޖާގަތައް ޗެލްސީ އާއި ބަޔާން އަށް

18 މާޗް 2021

ލަންޑަން (މާޗް 18) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގެ މެޗުތަކުން ރޭ މޮޅުވެ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކާއި ޗެލްސީން ކުއާޓާ ފައިނަލުގެ ފަހު ޖާގަތައް ކަށަވަރުކޮށްފި އެވެ.

ލަންޑަން (މާޗް 18) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގެ މެޗުތަކުން ރޭ މޮޅުވެ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކާއި ޗެލްސީން ކުއާޓާ ފައިނަލުގެ ފަހު ޖާގަތައް ކަށަވަރުކޮށްފި އެވެ.

ޗެލްސީން ވަނީ ރޭ އަމިއްލަ ދަނޑުގައި ކުޅުނު ދެ ވަނަ ލެގުން 2-0 އިން ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ހަތް އަހަރު ތެރޭ ފުރަތަމަ ފަހަރަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. އެގްރިގޭޓަށް ބަލާއިރު އެތުލެޓިކޯގެ މައްޗަށް ޗެލްސީން ކުރިހޯދީ 3-0 އިންނެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ދެ ވަނަ ލެގުން ރޭ ބަޔާން މޮޅުވީ 2-1 އިންނެވެ. މުބާރާތުގެ ތާރީހުގައި ބަޔާނުން 31 ވަނަ ފަހަރަށް ކުއާޓާގެ ފުރުސަތު ހޯދީ އެގްރިގޭޓަށް ބަލާއިރު 6-2 އިން ލާޒިއޯގެ މައްޗަށް ކުރިހޯދައިގެންނެވެ. ބަޔާނާއި ޗެލްސީގެ އިތުރުން ކުއާޓާގެ ޖާގަތައް ކަށަވަރުކޮށްފައިވަނީ ބޮރޫޝިއާ ޑޯޓްމަންޑް، ޕީއެސްޖީ، ލިވަޕޫލް، ޕޯޓޯ، ރެއާލް އަދި ސިޓީ އެވެ. ކުއާޓާ ފައިނަލްގެ ގުރުއަތުލުން އޮންނާނީ މާދަމާ އެވެ.

ޗެލްސީ ދަނޑުގައި ރޭ ކުޅުނު މެޗުގެ ކުރީކޮޅުގައި އެތުލެޓިކޯގެ ޔަނިކް ކަރާސްކޯ އަށް ޗެލްސީގެ ކެޕްޓަން ސެޒާ އަޒްޕިލިކުއޭޓާ ފައުލުކުރިކަމަށް ބުނެ ޕެނަލްޓީއެއް ހޯދަން އެތުލެޓިކޯ ކުޅުންތެރިންނާއި ބެންޗުން އެޕީލްކުރި އެވެ. އެކަމަކު މެޗުގެ ރެފްރީ އިޓަލީގެ ޑަނިއޭލޭ އޮސާޓޯ ނިންމީ ފައުލެއް ނޫން ކަމަށެވެ.

ކައުންޓަ އެޓޭކުގައި ޗެލްސީ އަށް ލީޑުނަގައިދިނީ މެޗުގެ 34 ވަނަ މިނިޓްގައި ހަކީމް ޒިޔެޗް އެވެ. މިއީ ޓިމޯ ވާނާ ތަނަވަސްކޮށްދިން ފުރުސަތަކުން ޒިޔެޗް ޖެހި ގޯލެކެވެ. ދެ ވަނަ ހާފްގައި ބަދަލުތަކެއް ގެނެސްގެން އެތުލެޓިކޯ އިން މެޗުގެ ތެރެއަށް ވަންނަން މަސައްކަތްކުރި ނަމަވެސް އެކަން ކުރެވޭ ގޮތެއްނުވި އެވެ. އެތުލެޓިކޯ އަށް މައްސަލަ ދިމާވީ މެޗުގެ 83 ވަނަ މިނިޓްގައި އެ ޓީމުގެ ސްޓެފަން ސަވިޗަށް ރަތް ކާޑު ދެއްކުމުންނެވެ. ކުރިން މެންޗެސްޓާ ސިޓީ އަށް ކުޅުނު ސަވިޗަށް ރަތް ކާޑު ދެއްކީ ބޯޅަ ނެތިސް ޗެލްސީގެ އެންޓޯނިއޯ ރުޑިގާ އަށް ހަމަލާ ދިނުމުންނެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެ އެތުލެޓިކޯގެ ޔާއޯ ފެލިކްސް ވަނީ ލަނޑެއް ޖެހުމާ ގާތަށް ޖެހިލައިފަ އެވެ. އޭނާ ޖެހި ބޯޅަ ޗެލްސީގެ ކީޕަރު އެޑޮއާޑް މެންޑީ ވަނީ މަތަކޮށްފަ އެވެ. ޗެލްސީގެ ދެ ވަނަ ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެމަސަން ޕަލްމިއޭރީ އެވެ. އޭގެ ކުރިން ޗެލްސީ އަށް ދެ ވަނަ ލަނޑެއް ޖަހައިދޭން ކަލުމް ހަޑްސަން-އޮޑޯއި އާއި ކްރިސްޓިއަން ޕުލިސިޗަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.

ޗެލްސީގެ ކޯޗުކަމާ ތޯމަސް ޓުޗެލް ހަވާލުވި ފަހުން އެ ޓީމު ކުޅުނު 13 މެޗުން ވެސް ބަލިވެފައިނުވެ އެވެ. ޗެލްސީ އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ކުޅުނީ 2014 ވަނަ އަހަރު ހޯސޭ މޮރީނިއޯގެ ކޯޗުކަމުގަ އެވެ.

ބަޔާނުން ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ލީޑުނެގީ 33 ވަނަ މިނިޓްގައި ރޮބަޓް ލެވަންޑޯސްކީ ކާމިޔާބުކުރި ޕެނަލްޓީންނެވެ. މިއީ އޭރިއާތެރެއިން ބަޔާންގެ ލެއޯން ގޮރެޓްޒްކާ އަށް ލާޒިއޯގެ ފްރަންސެސްކޯ އަސެއަރްބީ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އެރިކް މެކްސިމް ޗޮޕޫ-މޯޓީން ޖެހި ގޯލުން ބަޔާނުން މެޗުގެ 73 ވަނަ މިނިޓްގައި ލީޑުފުޅާކޮށްފައިވަނިކޮށް އޭގެ ނުވަ މިނިޓް ފަހުން ލާޒިއޯގެ ހަމައެކަނި ގޯލު ޖެހީ މާކޯ ޕަރޯލޯ އެވެ.

ބަޔާންގެ ކޯޗު ހަންސީ ފްލިކް ބުނީ ކުއާޓާ ފައިނަލުގައި ވަކި ޓީމަކާ ޖެހުމަކީ ރަނގަޅު ކަމެކޭ ބުނަން ފަސޭހަނުވާނެ ކަމަށާއި ކޮންމެ ޓީމެއް ވެސް ބަޔާނަށް ޗެލެންޖިން ވާނެ ކަމަށެވެ.