Roadha Mihaaru
ޖިރޫޑްގެ މޮޅު ގޯލުން ޗެލްސީން އެތުލެޓިކޯ ބަލިކޮށްފި

ޖިރޫޑްގެ މޮޅު ގޯލުން ޗެލްސީން އެތުލެޓިކޯ ބަލިކޮށްފި

24 ފެބުރުއަރީ 2021

ބުކަރެސްޓް، ރުމޭނިއާ (ފެބްރުއަރީ 24) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ އޮލިވިއޭ ޖިރޫޑް ޖެހި މޮޅު ގޯލުން ޗެލްސީން 1-0 އިން އެތުލެޓިކޯ މެޑްރިޑް ބަލިކޮށްފި އެވެ.

ބުކަރެސްޓް، ރުމޭނިއާ (ފެބްރުއަރީ 24) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ އޮލިވިއޭ ޖިރޫޑް ޖެހި މޮޅު ގޯލުން ޗެލްސީން 1-0 އިން އެތުލެޓިކޯ މެޑްރިޑް ބަލިކޮށްފި އެވެ.

ސްޕެއިން ސަރުކާރުން ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އިންގްލެންޑްގެ މީހުންނަށް މި ވަގުތު ސްޕެއިނަށް އެތެރެވެވެން ނެތުމުން އެތުލެޓިކޯގެ ހޯމް މެޗު ރޭ ކުޅުނީ ރުމޭނިއާގެ ނެޝަނަލް އެރީނާގަ އެވެ.

ރޭގެ މެޗު ފަށައިގެން އެތުލެޓިކޯ އިން ކޮންމެވެސް ވަރަކަށް ޗެލްސީގެ ފަހަތަށް ޕްރެޝަރު ބޮޑު ކުރި ނަމަވެސް ފަހުން ބޯޅަ ހިފަހައްޓައިގެން ކުޅެ ފުރަތަމަ ހާފުގައި ވެސް ޗެލްސީން ނުރައްކާތެރި ހަމަލާތަކެއް އުފެއްދި އެވެ. އެ ގޮތުން އޭރިއާތެރެއިން ޓިމޯ ވާނާ ޖެހި ބޯޅައެއް އެތުލެޓިކޯ ކީޕަރު ޔެން އޮބްލަކް ވަނީ މަތަކޮށްފަ އެވެ.

މެޗުގެ ހަމައެކަނި ގޯލު 68 ވަނަ މިނިޓްގައި ޖިރޫޑް ކާމިޔާބުކުރީ އޯވަހެޑްކިކަކުންނެވެ. ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު މި ގޯލު ބަަލައިގަންނަން ނިންމީ ޖިރޫޑް އޮފްސައިޑްގައި ހުރި ނަމަވެސް އޭނާ އަށް ބޯޅަ ލިބުނީ އެތުލެޓިކޯގެ ޑިފެންޑަރު މާރިއޯ ހާމޯސޯ ފައިގައި ޖެހިފައި ކަމަށްވާތީ އެވެ.

"ގޯލާ ބެހޭގޮތުން ވަކި އެއްޗެއް ބުނާކަށް ނޭނގެ. އަހަރެން ވަރަށް ޖަހާހިތްވޭ އޯވަހެޑްކިކު. އަހަރެން އެ ބޯޅަ ޖަހަން އެރީ ގޯލެއް ޖެހުމުގެ ބޭނުމުގައި. އޮފްސައިޑް ތޯ ބެލުމެއް ނޫން އެ ވަގުތު މުހިއްމުވީ. ނަސީބު ވެސް ރަނގަޅުކޮށް ދިމާވީ،" ރޭގެ މެޗަށް ފަހު އުމުރުން 34 އަހަރުގެ ޖިރޫޑް ބުންޏެވެ.

ޗެލްސީން އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ވާދަކުރީ 2013-2014 ވަނަ އަހަރުގެ ސީޒަނުގަ އެވެ. ޗެލްސީ ދަނޑުގައި މާޗް 17 ވަނަ ދުވަހު އެތުލެޓިކޯއާ ދެކޮޅަށް ކުޅޭ މެޗު އެއްވަރުކޮށްލައިގެން ވެސް އެ ޓީމަށް ކުއާޓާ ފައިނަލުގެ ޖާގަ ހޯދޭނެ އެވެ. ޗެލްސީގެ ކޯޗުކަމާ ތޯމަސް ޓުޗެލް ހަވާލުވި ފަހުން އެ ޓީމު ކުޅުނު އަށް މެޗުން ވެސް ބަލިވެފައިނުވެ އެވެ.

ލަނޑު ޖެހުމަށް ފަހު މުސިއާލާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު މުސިއާލާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް މި ފަހަރުގެ މުބާރާތުގެ ނޮކައުޓްގެ ފުރަތަމަ މެޗުގައި ރޭ ވަނީ ރަށުންބޭރުގައި ލާޒިއޯ އަތުން 4-1 އިން މޮޅުވެފަ އެވެ. މި ނަތީޖާއާ އެކު ބަޔާން ވަނީ ކުއާޓާ ފައިނަލާ ފިޔަވަޅަކާ ގާތަށް ޖެހިލައިފަ އެވެ.

މިދިޔަ 21 އަހަރު ތެރޭ ޗެމްޕިއަންސް ލީގު ނޮކައުޓް ބުރުގައި ލާޒިއޯ ނުކުތް ފުރަތަމަ މެޗުގައި ރޭ އެ ޓީމު ކޮޅަށް ބަޔާނުން ވަނީ ފުރަތަމަ ހާފުގައި ތިން ގޯލު ޖަހައިފަ އެވެ. ބަޔާންގެ ގޯލުތައް ޖެހީ ރޮބަޓް ލެވަންޑޯސްކީ އާއި ޖަމާލް މުސިއާލާ އަދި ލެރޯއި ސާނޭ އެވެ. ދެ ވަނަ ހާފް ފެށިގެން ދެ ވަނަ މިނިޓްގައި ލާޒިއޯގެ ފްރާންސެސްކޯ އަސޭއަބީ އަތުން ބައިކޮޅަށް ވަން ގޯލަކުން ބަޔާން އިތުރަށް ލީޑުފުޅާކުރި އެވެ. ލާޒިއޯގެ ހަމައެކަނި ގޯލު ޖެހީ ޔަކީން ކޮރޭއާ އެވެ.

މި މެޗުގައި ބަޔާންގެ ދެ ވަނަ ގޯލު ޖެހި އުމުރުން 17 އަހަރުގެ މުސިއާލާ އަކީ މި މުބާރާތުގައި ލަނޑު ޖެހި އިނގިރޭސި އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. އަދި އޭނާ އަކީ އެ ރެކޯޑް ގާއިމްކުރި ބަޔާންގެ އެންމެ ޒުވާން ކުޅުންތެރިޔާ ވެސް މެ އެވެ.