Roadha Mihaaru
ސަންޖޭގެ ދަރިފުޅު ޝަނާޔާގެ ފުރަތަމަ ފިލްމު ޖުލައިގައި

ސަންޖޭ ކަޕޫރްގެ ދަރިފުޅު ޝަނާޔާގެ ފުރަތަމަ ފިލްމު ޖުލައިގައި

24 މާޗް 2021

ބޮލީވުޑްގެ އެކްޓަރު ސަންޖޭ ކަޕޫރްގެ އަންހެން ދަރިފުޅު ޝަނާޔާ ކަޕޫރް މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ބޮލީވުޑަށް ތައާރަފްކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ އެކްޓަރު ސަންޖޭ ކަޕޫރްގެ އަންހެން ދަރިފުޅު ޝަނާޔާ ކަޕޫރް މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ބޮލީވުޑަށް ތައާރަފްކުރަން ނިންމައިފި އެވެ.

މިހާރު ވެސް އިންސްޓަގްރާމްގައި ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ ޝަނާޔާ، 21، ބަތަލާއެއްގެ ގޮތުގައި ނެރޭނީ ކަރަން ޖޯހަރްގެ ދަރުމާއިންނެވެ. އެގޮތުން ދަރުމާ އާއި ކޯންސްޓޯން ގުޅިގެން ދާދި ފަހުން އުފެއްދި ދަރުމާ ކޯންސްޓޯން އެޖެންސީގެ ދަށުން ޝަނާޔާ ލޯންޗްކުރާ ފިލްމު މި އަހަރުގެ ޖުލައިގައި ގެނެސްދޭނެ ކަމަށް ކަރަން ބުންޏެވެ.

އެކަމަކު ޒުވާން ބަތަލާގެ ފުރަތަމަ ފިލްމާ ބެހޭ އެއްވެސް ތަފުސީލެއް އަދި ހާމައެއްނުކުރެ އެވެ. ޝަނާޔާ އެކްޓިން އަށް ނުކުންނަ އިރު އޭނާ ވަނީ މިދިޔަ އަހަރު ގެނެސްދިން، ދެބޭންގެ ދެދަރި ޖާންވީ ކަޕޫރްގެ ފިލްމު "ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް" ގެ އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. އަދި ކަރަންގެ ދަރުމާ އިން ދާދި ފަހުން ގެނެސްދިން ނެޓްފްލިކްސްގެ ވެބް ސީރީޒް "ފެބިއުލަސް ލައިވް" އިން ޝަނާޔާ ފެނިފައިވެ އެވެ.

ބޮލީވުޑްގެ އެކްޓަރުންގެ އަނބިންގެ ލައިފްސްޓައިލް ދައްކުވައިދިން ސީރީޒްގެ އެއް ބައިވެރިޔަކީ ޝަނާޔާގެ މަންމަ މަހީޕް ކަޕޫރެވެ. ފަހަކަށް އައިސް އިންސްޓަގްރާމްގައި ނެށުމުގެ ހުނަރު ވަރަށް ބޮޑަށް ދައްކަމުން އަންނަ ޝަނާޔާ އަކީ ސަންޖޭ އާއި މަހީޕްގެ ދެ ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. ދެން ހުންނަނީ ޖަހާން ކަޕޫރް ކިޔާ ފިރިހެން ކުއްޖެކެވެ.

ޝަނާޔާ އަކީ އެކްޓަރު އަނިލް ކަޕޫރްގެ ހަތަރު ބެއިން ކަމަށްވާ ސަންޖޭ އާއި ބޯނީ އަދި ރީނާ ކަޕޫރްގެ ދަރިންގެ ތެރެއިން ބޮލީވުޑަށް ތަރިންގެ ގޮތުގައި ނުކުންނަ ހަ ވަނަ ފަންނާނެނެވެ. އަނިލްގެ ތިން ކުދިންގެ ތެރެއިން ސޯނަމާއި ހާޝްވަރުދަން ކަޕޫރަކީ ފިލްމީ ތަރިންނެވެ. ބޯނީގެ ދަރިންގެ ތެރެއިން އަރުޖުން ކަޕޫރާއި ޖާންވީ އަކީ ފިލްމީ ތަރިންނެވެ. އަދި ރީނާގެ ދަރިފުޅު މޯހިތު މަރްވާ އަކީ ވެސް އެކްޓަރެކެވެ.

ބޮލީވުޑުން މިހާތަނަށް މާ ބޮޑު ކުރިއެރުމެއް ނުހޯދުނު މޯހިތުގެ އަލަތު ފިލްމަކީ 2014 ގެ "ފަގްލީ" އެވެ.

ޝަނާޔާގެ ފަހުން ދެން ބޮލީވުޑަށް ނުކުންނާނެ ކަމަށް ބެލެވެނީ ބޯނީގެ ހަގު ދަރިފުޅު ޚުޝީ ކަޕޫރެވެ. އޭނާ މި ވަގުތު އެމެރިކާގައި އެކްޓިން ކިޔަވަމުން އަންނަ އިރު، ފިލްމު ކުޅެން ފަށާނެ ކަމަށް ބެލެވެނީ އަންނަ އަހަރު އެވެ.

ޚުޝީ ވެސް ބޮލީވުޑަށް ނެރޭނީ އޭނާގެ ދައްތަ 2018 ގެ "ދަޅަކް" އިން ނެރެދިން ކަރަން އެވެ.