Roadha Mihaaru
ޓޫރިސްޓުން ފިނޮޅުތަކުގައި، ދޫނިތައް ނުޖެއްސި ބޯމަތީގައި

ޓޫރިސްޓުން ފިނޮޅުތަކުގައި މަޖާ ނަގަން، ދޫނިތައް ނުޖެއްސި ބޯމަތީގައި

23 މާޗް 2021

ސަތޭކައަށް ވުރެ ގިނަ ދޫނި ހިމާޔަތްކުރިކަމުގެ އިއުލާން، އެންވަޔަރަންޓް މިނިސްޓްރީން މިއަދު ނެރުމާ އެކު ރިސޯޓެއްގެ މުވައްޒަފަކު ކިޔައިދިނީ އިއްޔެ އޭނާ ތަޖުރިބާކުރި ހިތްދަތިކަމުގެ ވާހަކަ އެވެ.

މޫސާ ލަތީފް މޫސާ ލަތީފް

ސަތޭކައަށް ވުރެ ގިނަ ދޫނި ހިމާޔަތްކުރިކަމުގެ އިއުލާން، އެންވަޔަރަންޓް މިނިސްޓްރީން މިއަދު ނެރުމާ އެކު ރިސޯޓެއްގެ މުވައްޒަފަކު ކިޔައިދިނީ އިއްޔެ އޭނާ ތަޖުރިބާކުރި ހިތްދަތިކަމުގެ ވާހަކަ އެވެ.

މަހަށް ނުކުމެ އުޅެނިކޮށް އޭނާއަށް ފެންނަނީ ފިނޮޅެއްގައި ޓޫރިސްޓުން މަޖާނަގާ ތަނެވެ. އިރުއޮއްސި، އަނދިރިވެލާ އިރު ރޭގަނޑުގެ ކެއުމަށް އެތަން އޮތީ ތައްޔާރުކޮށްފަ އެވެ. އަލިފާން ޖަހައި، އަލިކޮށްފަ އެވެ. ކައިރީގައި ހުރި އަގުބޮޑު ރިސޯޓްތަކުން އެތައް ސަތޭކަ ޑޮލަރެއް ނަގައިގެން ރޭގަނޑުގެ އެ ހިތްގައިމު ކެއުމަށް ޓޫރިސްޓުންނަށް ފުރުސަތު ދިން އިރު، އެ ފިނޮޅުގައި ރޭކުރަން އައި ދޫނިބައިގަނޑު އޮތީ މަތީގައި އުދުހި އުދިހި އެވެ.

"އައިންމަތީ ދޫނިތައް ދެން ދާނީ ކޮން ތާކަށް؟" ފިނޮޅުތަކަށް ބިސް އަޅައި، ރޭކުރުމުގެ ގުދުރަތީ އާދަ ގެންގުޅޭ، އަދި ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ބައެއް ދޫނިތަކަށް ނިސްބަތްކޮށް، އޭނާ ބުންޏެވެ.

"އަށެއް ނުވައެއް ޖަހަންދެން ވެސް އެ އެއްޗެހި އުޅޭނީ މަތީގައި. ދެން އިއުލާނެއް ނެރެ ދޫނި ހިމާޔަތްކުރިޔަސް ފައިދާއެއް ނުފެނޭ."

އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ނެރުނު އިއުލާންގައި އާންމުކޮށް ފިނޮޅުތަކުގައި ރޭކުރާ ކިރުދޫނި ވެސް ހިމެނެ އެވެ. އެކަމަކު ރިސޯޓްތައް ގިނަ އަތޮޅުތަކުގައި އުފެދިފައި އޮންނަ ހުރިހާ ފިނޮޅެއް ކަހަލަ ގޮތަކަށް މިހާރު ބޭނުންކުރަނީ ޓޫރިސްޓުންނަށް އިތުރު ހިތްހަމަޖެހުމެއް ގެނެސްދޭ ތަންތަނުގެ ގޮތުގަ އެވެ. މަދު މީހުންކޮޅަކާ އެކު މުޅިން އެކަހެރިވެލެވޭނެ ހުދު ފަސްކޮޅެކެވެ. ރޭގަނޑުގެ ހާއްސަ ކެއުންތަކެވެ.

އެކަމަކު ރާއްޖޭގެ ގުދުރަތީ ނިޒާމުގައި ފިނޮޅުތައް ވަރަށް މުހިންމު ބައެއް އަދާކުރެ އެވެ. މަސް އައިނުތަކުން ކައިބޮއި އުޅޭ އެތައް ދޫންޏެއް ބިސް އަޅައި، ރޭކޮށް، އަރާމުކުރުމުގެ މަންޒިލަކީ އެ ފިނޮޅުތަކެވެ. އެހެންކަމުން ފިނޮޅުތައް ހިމާޔަތްނުކޮށް، ބައެއް ދޫނިތައް ހިމާޔަތުގެ ލިސްޓަށް އިތުރުކުރިޔަސް އެއިން ވާނެ ފައިދާއެއް ނޯންނާނެ ކަމަށް، ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ ދިވެހި ބައެއް މުވައްޒަފުން ބުނެ އެވެ.

ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި މުވައްޒަފަކު ބުނި ގޮތުގައި އޭނާ އުޅޭ ރިސޯޓުން ވެސް ވަނީ ކައިރީގައި އޮތް ވަރަށް މުހިންމު ފިނޮޅެއް "މިލްކުކޮށްފަ" އެވެ. އެކަމަކު އެއީ ރަސްމީކޮށް ރިސޯޓަށް ދީފައި އޮންނަ ތަނެއް ނޫނެވެ.

ފައިސާގެ ގޮތުން ބަލާ ނަމަ ޓޫރިސްޓުންގެ އަތުން ބޮޑު އަގު ނަގައިގެން ރިސޯޓުން އާމްދަނީ ހޯދަ އެވެ. ހަމައެއާ އެކު އެތައް ދޫންޏެއްގެ ދިރިހުރުން ގުޅިފައި އޮތް މަންޒިލްގެ އަމާންކަން ނައްތާލަ އެވެ. އޭގެ މާލީ ގެއްލުން އަންދާޒާކުރެވިފައެއް ނުވެ އެވެ.

އަނިޔާވެފައިވާ ކުރަނގިއެއް: މިފަދަ ދޫނިތަކަށް މިހާރަށް ވުރެ ބޮޑު ހިމާޔަތެއް ލިބޭނީ ފިނޮޅުތައް ރައްކާތެރިކޮށްގެން -- ފޮޓޯ: އަހުމަދު އައްޒާމް ނާފިޒްގެ ޓްވިޓާ

އަނިޔާވެފައިވާ ކުރަނގިއެއް: މިފަދަ ދޫނިތަކަށް މިހާރަށް ވުރެ ބޮޑު ހިމާޔަތެއް ލިބޭނީ ފިނޮޅުތައް ރައްކާތެރިކޮށްގެން -- ފޮޓޯ: އަހުމަދު އައްޒާމް ނާފިޒްގެ ޓްވިޓާ

"މިސާލަކަށް 300 ނޫނީ 500 ޑޮލަރު ނަގާފައި ރޭގަނޑު ކެއުމެއް ބާއްވާލީމާ ރިސޯޓަށް ލާރި ލިބޭ. ރިސޯޓަށް ލާރި ލިބެންޏާ ތިމާވެއްޓެއް ވެސް ނޯވޭ. ދޫންޏެއް ވެސް ނޯވޭ،" ހިތްހަމަނުޖެހުމާ އެކު އޭނާ ބުންޏެވެ.

ހިމާޔަތްކޮށްފައި ހުންނަ ޖަނަވާރު ނުވަތަ ދޫނިތަކަށް ގެއްލުމެއް ދީފި ނަމަ އާންމު މީހާ ބޮޑު އަދަދުން ޖޫރިމަނާކުރެ އެވެ. އެކަމަކު ރޭގަނޑު ޓޫރިސްޓުން ގެންގޮސްގެން ފިނޮޅުތައް ހިސޯރުކުރާ އިރު ސަރުކާރަށް އެޅޭނެ ފިޔަވަޅެއް ނޯވެ އެވެ. ދޫނިތަކަށް ބިމަށް ނުޖެއްސި، ބޯމަތީގައި އުދުހި އުޅުމަކީ ވެސް، އެއަށް ގެއްލުން ދިނުމެވެ.

ކުރިން ވާހަކަ ދެއްކި މުވައްޒަފު ބުނި ގޮތުގައި ރިިސޯޓްތައް ހިމެނޭ ސަރަހައްދުތަކުގައި އޮންނަ ފިނޮޅު ފަދަ ގުދުރަތީ ވަސީލަތްތައް "ޑޮލަރަށް ގުރުބާންކުރުމުން" ސަލާމަތްކުރަން އެބަ ޖެހެ އެވެ. ދޫނިތައް ބިސް އަޅައި، އަދި ރޭކުރަން ޖައްސާ ތަންތަން ނަމަ، މިހާރަށް ވުރެ ބޮޑަށް ބަލަން ޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.

"ރިސޯޓްތަކަށް ލާރި ލިބުނީމާ، ތެދެއް ސަރުކާރަށް ވެސް ލާރި ލިބޭ. ލާރި ލިބެންޏާ ދެން ވަރިހަމަ ފިނޮޅުތައް ހަލާކުކޮށްލިޔަސް. އެހެންވެގެން ނުވާނެ. ޑޮލަރަށް ހުރިހާ އެއްޗެއް ނުދެވޭނެ،" އޭނާ ބުންޏެވެ.

ހިމާޔަތްކުރާ ދޫނީގެ ލިސްޓް ދިގުކުރުމަކީ، ބައެއް ތަޖުރިބާކާރުންގެ ނަޒަރުގައި، ތިމާވެށީގެ މިނިސްޓްރީގެ ޒިންމާ ނިމޭ ހިސާބެއް ނޫނެވެ. އެއަށް ވުރެ ބޮޑަށް އެ ދޫނިތައް ހިމާޔަތްކުރަން އަމަލީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ވެސް ކުރިއަށް ގެންދަން ޖެހޭނެ ކަމަށް، އެ މީހުން ބުނެ އެވެ.

ރާއްޖޭގެ އާދަޔާ ހިލާފު ތިމާވެށީގައި ހިމެނޭ ފިނޮޅު ފަދަ ގުދުރަތީ މުހިންމު ބައިތައް އޭގެ އަސްލު ގޮތުގައި ދެމެހެއްޓޭނެ ނިޒާމް، ގިނަވަމުން އަންނަ ރިސޯޓްތަކާ އެކު، މި އޮތީ އަލުން މުރާޖާކޮށް، ބަދަލު ގެންނަން ޖެހިފަ އެވެ. ކައިރީގައި އޮންނަ ކޮންމެ ފިނޮޅަކީ ފައިސާ ހޯދުމުގެ ވަސީލަތަކަށް ހެދުމުގެ ފަސޭހަ ގޮތް ރިސޯޓްތަކަށް ދީގެން ނުވާނެ ކަމަށް، ގުދުރަތީ މުއްސަނދިކަން ހިމާޔަތްކުރަން ލޯބިކުރާ މީހުން ބުނެ އެވެ.

"އެ ދޫނިތައް ހިމާޔަތްކުރަން ޖެހޭނެ. އެ ފިނޮޅަކީ ރިސޯޓާ ބެހޭ ތަނެއް ނޫން،" އިއްޔެ އުދުހެމުން ދިޔަ ދޫނިތައް ފެނުނު މީހާ ބުންޏެވެ.

"ފިނޮޅުތައް ހިމާޔަތްނުކުރެވެންޏާ ދޫނިތަކެއް ހިމާޔަތްކުރުމުގެ ބޭނުމެއް ނެތް."