Roadha Mihaaru
ހިޖުރަކުރާ ދޫނިތަކަށް ގޯނާ ނުކުރަން އިންޒާރު ދީފި

މިއީ ދޫނިތައް ހިޖުރަކުރާ ދުވަސްވަރު، ގޯނާކޮށްފި ނަމަ ފިޔަވަޅު އަޅާނަން: އީޕީއޭ

09 އޮކްޓޯބަރ 2021

މި ދުވަސްވަރު ރާއްޖެއަށް ހިޖުރަކުރާ ދޫނިތައް ހިފައި ގޯނާކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ދީފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

މި ދުވަސްވަރު ރާއްޖެއަށް ހިޖުރަކުރާ ދޫނިތައް ހިފައި ގޯނާކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ދީފި އެވެ.

އީޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރުގެ މި ދުވަސްވަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް އެކި ވައްތަރުގެ ދޫނިތައް ހިޖުރަކުރާ ދުވަސްވަރެއް ކަމަށެވެ. އެފަދަ ދޫނިތަކަކީ ހިމާޔަތްކޮށްފައިވާ ދޫނިތަކެއްކަން އީޕީއޭގެ ބަޔާނުގައި ހަނދާންކޮށްދިނެވެ.

ނަމަވެސް، ކޮންމެ އަހަރަކު ވެސް މި ދުވަސްވަރު، އެގޮތަށް ހިޖުރަކުރާ ދޫނިތައް ހިފައި ގޯނާކުރާ ކަމަށާއި އެކަމާ އީޕީއޭ އިން ވަރަށް ކަންބޮޑުވާ ކަމަށް އެ އެޖެންސީއިން ބުންޏެވެ.

ފުޓުބޯޅަ ދަނޑުތަކާއި، ހިއްކާފައިވާ ބިންތަކާއި ހާމައަށް ހުންނަ އެހެން ބިންތަކުގައި މަޅިފައްޗާއި، ދަންތުރަ ފަދަ އާލާތްތައް ބޭނުންކޮށްގެން ދޫނިތައް ހިފާ ކަމުގެ ޝަކުވާ އީޕީއޭއަށް ލިބޭ ކަމަށް އެޖެންސީން ބުންޏެވެ.

އެހެންކަމުން، ހިމާޔަތްކޮށްފައިވާ ދޫނިތައް ހިފައި ގޯނާކޮށް، ކޮށީގައި ބަންދުކޮށްގެން ނުގެންގުޅުމަށް އީޕީއޭ އިން ނަސޭހަތްތެރިވި އެވެ. އަދި ހިމާޔަތްކޮށްފައިވާ ދޫނިތައް ހިފައި ގޯނާކުރާ މީހުންނަށް، ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދާއި ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާ ބެހޭ ގަވައިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ބުންޏެވެ.

މި މޫސުމުގައި ގިނަ އަދަދެއްގެ ދޮންދޫންޏާއި ދޮންދޫނިލޯފިނދު ވެސް ރާއްޖެއަށް ހިޖުރަ ކުރާކަން ފާހަގަކޮށް އީޕީއޭއިން ބުނީ އެ ތަކެއްޗަކީ މަދިރި ކޮންޓްރޯލުކޮށް، މަދިރިން ފެތުރޭ ބަލިތައް މަދުކުރުމުގައި މުހިންމު ސޫފިތަކެއް ކަމަށެވެ. އެހެންވެ އެފަދަ ތަކެތި ނުހިފުމަށް ވެސް އީޕީއޭއިން އެދިފައިވެ އެވެ.