Roadha Mihaaru
ޖިންސީ އަމަލު ހިންގުވައިގެން ޖަލަށްލި މަންމަ މިނިވަން

ދަރިފުޅު ލައްވައި ޖިންސީ އަމަލެއް ހިންގުވުމުން 18 އަހަރަށް ޖަލަށްލި މަންމަ ހައި ކޯޓުން މިނިވަންކޮށްފިި

24 މާޗް 2021

ދަރިފުޅު ލައްވައި ޖިންސީ އަމަލެއް ހިންގުވުމުގެ ކުށުގައި 18 އަހަރަށް ޖަލަށްލި މަންމައަކަށް ދަށު ކޯޓުގައި ޖަވާބުދާރީވާން ފުރުސަތު ނުދީ އޮތުމުން ހައި ކޯޓުން އޭނާ އިއްޔެ މިނިވަންކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދަރިފުޅު ލައްވައި ޖިންސީ އަމަލެއް ހިންގުވުމުގެ ކުށުގައި 18 އަހަރަށް ޖަލަށްލި މަންމައަކަށް ދަށު ކޯޓުގައި ޖަވާބުދާރީވާން ފުރުސަތު ނުދީ އޮތުމުން ހައި ކޯޓުން އޭނާ އިއްޔެ މިނިވަންކޮށްފި އެވެ.

ހދ. އަތޮޅުގެ ރަށެއްގެ އަންހެނަކު އޭނާގެ 16 އަހަރުގެ އަންހެން ދަރިފުޅުގެ ނުރުހުމުގައި އެކި ފަހަރު މަތިން އެ ކުއްޖާ ލައްވައި އެހެން މީހަކާ އެކު ޖިންސީ އަމަލު ހިންގަން ހިތްވަރު ދީ އެކަމަށް މަގުފަހިކުރި މައްސަލާގައި 18 އަހަރާއި ހަ މަހަށް މަންމަ ޖަލަށް ލާން 2017 ގައި ހުކުމްކުރީ ދެ ކުށެއް ސާބިތުވެގެންނެވެ. އެއީ އިތުބާރު ހިފޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ އެކު ޖިިންސީ އަމަލެއް ހިންގުވުމުގެ ކުށުގައި 18 އަހަރަށް އަދި ޖިންސީ އަމަލެއް ހިންގާކަން އެނގި ހުރެ އެކަން ރިޕޯޓް ނުކުރުމުގެ ކުށުގައި ހަ މަހަށް ޖަލަށް ލުމަށެވެ.

ތަހުގީގު މަރުހަލާގައި އެކަމަށް އިއުތިރާފްވިޔަސް، ޝަރީއަތުގައި އެކަމަށް އިންކާރު ކުރި އެވެ. (އޭނާގެ ނަމާއި ރަށް ހާމަނުކުރީ ކުޑަކުއްޖާގެ މައުލޫމާތު ހާމަވިޔަ ނުދިނުމުގެ ގޮތުންނެވެ.)

އެ މައްސަލަ އެ މީހާގެ ފަރާތުން އިސްތިއުނާފް ކުރުމުން އެ ދެ ހުކުމް ބާތިލްކޮށް، ހައި ކޯޓުން އޭނާ މިނިވަންކުރީ ދަށު ކޯޓުގައި ޖަވާބުދާރީވާން މައްސަލައިގެ ލިޔުންތައް ދީފައި ނުވާތީ އެވެ. ހައި ކޯޓުގެ ހުކުމުގައި ބުނީ ދިފާއުވުމަށްޓަކައި އެކަށީގެންވާ ވަގުތާއި ވަސީލަތްތައް ދޭން ޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބުނާއިރު، މައްސަލައިގެ އެއްވެސް ލިޔުންތަކެއް އެ މީހާއަށް ދަށު ކޯޓުން ނުވަތަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ފޯރުކޮށްދިންކަން އެނގެން ނެތުމުން ދިފާއުވުމަށްޓަކައި އެކަށީގެންވާ ވަގުތާއި ވަސީލަތްތައް އޭނާއަށް ލިބިފައިނުވާ ކަމަށް ބަލަން ޖެހޭ ކަމަށެވެ.

ހުކުމުގައި ބުނި ގޮތުގައި ލިޔުންތައް ނުލިބޭ ކަމުގެ ޝަކުވާ ދަށު ކޯޓުގައި އެ މީހާގެ ފަރާތުން ކޮށްފައި ނެތަސް، ހައި ކޯޓުގައި އެ މައްސަލަ ފާހަގަކުރުމުން އެކަން އިސްތިއުނާފީ މަރުހަލާގައި ބެލުމަކީ އިސްތިއުނާފީ އުސޫލުތަކާ ޚިލާފް ކަމެއް ނޫނެވެ. އަދި ލިޔުންތައް ދިނުމަކީ ޝަރީއަތް ހިންގުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ އަސާސީ އިޖްރާއީ ކަމެއް ކަމަށް ހުކުމުގައިވެ އެވެ.

މީގެ އިތުރުން ދަށު ކޯޓުން އެ މައްސަލަ ނިންމިއިރު، އެ މީހާގެ ބައެއް ބަޔާންތަކުގައި ސޮއިކުރުވާފައި ނެތުން ފަދަ ބައެއް މައްސަލަތައް ވެސް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

އެ މީހާ 18 އަހަރަށް ޖަލަށް ލާން ކުރި ހުކުމް ހައި ކޯޓުން ބާތިލްކުރީ އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ. އެ ހުކުމް ބާތިލްކުރަން ރައުޔު ނެރުއްވީ ފަނޑިޔާރު މުހައްމަދު ފައިސަލް އާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.

އެ ބެންޗުގައި ދެން ހިމެނިވަޑައިގަތް ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްގެ ރައުޔަކީ 18 އަހަރުގެ ޖަލު ހުކުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. ފަނޑިޔާރު ރައޫފްގެ ރައުޔުގައި ބުނީ ލިޔުންތައް ނުލިބޭ ކަމަށް ބުނެ އެ މީހާގެ ފަރާތުން ދަށު ކޯޓުގައި ޝަކުވާއެއް ކޮށްފައި ނެތް ކަމަށާއި އަދި ދައުލަތުން ހުށަހެޅި ހެކިންނާ އެ މީހާ ކޯޓުގައި އަމިއްލައަށް ސުވާލުތައް ކުރިއިރު ވެސް، އެކަށީގެންވާ ވަސީލަތްތައް ނުލިބޭ ކަމަށް ބުނެ ޝަކުވާއެއް ކޮށްފައި ނެތް ކަމަށެވެ.

މީގެ އިތުރުން އެ މައްސަލަ ދަށު ކޯޓުގައި ހިނގީ ޖިިނާއީ އިޖްރާއާތުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ކަމަށް ވާތީ މައްސަލައިގެ ލިޔުންތައް ދައުވާ ލިބޭ މީހާއަށް ދޭން ލާޒިމްކުރާ އުސޫލެއް އޭރު ނެތް ކަމަށް ވެސް ފަނޑިޔާރު ރައޫފްގެ ރައުޔުގައިވެ އެވެ. އަދި މިހާރު ލިޔުންތައް ދިނުމަށް ފަހު ޖަވާބުދާރީވުމުގެ ފުރުސަތު ދިނަސް، ހެކި ލިބިފައިވާ ގޮތުން ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް އަންނާނެ ކަމަށް ގަބޫލުނުކުރެވޭކަން ވެސް ފަނޑިޔާރު ރައޫފް ފާހަގަކުރެއްވި އެވެ.

އެކަމަކު ޖިންސީ އަމަލެއް ހިނގާކަން އެނގި ހުރެ އެކަން ރިޕޯޓް ނުކުރުމުގެ ކުށުގައި އެ މީހާއަށް އިއްވި ހަ މަހުގެ ޖަލު ހުކުމް ބާތިލްކުރީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެ ހުކުމް ބާތިލްކުރީ ލިޔުންތައް ނުލިބުމުގެ އިތުރުން ތަހުގީގު ނުކުރާ ކުށެއްގެ މައްޗަށް ދައުވާ ކޮށްފައި ވާތީ އެވެ.