Roadha Mihaaru
ތިން ވަނަ ޑިވިޝަން ކްލަބްތައް ގޮތްހުސްވެފައި

މުބާރާތް ލަސްވާތީ ތިން ވަނަ ޑިވިޝަން ކްލަބްތައް ގޮތްހުސްވެފައި

24 މާޗް 2021

މިދިޔަ މަހު ތިން ވަނަ ދުވަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުޅިވަރު ހަރަކާތްތައް ހުއްޓާލަން އެންގީ ރަސްމީކޮށް ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން ރާވާހިންގާ މުބާރާތްތައް އިސްތިސްނާނުވާ ގޮތަށެވެ. އޭރު އެންމެ އަވަހަށް ފަށަން ތާވަލުވެފައި އޮތް މުބާރާތް ކަމަށްވާ ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ވެސް ލަސްވެ، ތިން ވަނަ ޑިވިޝަންގެ ޓީމުތަކުގެ ޕްރެކްޓިސް ވެސް ހުއްޓިފައިވާއިރު، ފުޓްބޯޅަ ފަށަން އެޗްޕީއޭ އިން ހުއްދަ ނުދޭތީ އެ ކްލަބްތަކުން ތިބީ މުބާރާތަށް ވާނުވާ ނޭނގި ގޮތްހުސްވެފަ އެވެ.

މިދިޔަ މަހު ތިން ވަނަ ދުވަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުޅިވަރު ހަރަކާތްތައް ހުއްޓާލަން އެންގީ ރަސްމީކޮށް ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން ރާވާހިންގާ މުބާރާތްތައް އިސްތިސްނާނުވާ ގޮތަށެވެ. އޭރު އެންމެ އަވަހަށް ފަށަން ތާވަލުވެފައި އޮތް މުބާރާތް ކަމަށްވާ ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ވެސް ލަސްވެ، ތިން ވަނަ ޑިވިޝަންގެ ޓީމުތަކުގެ ޕްރެކްޓިސް ވެސް ހުއްޓިފައިވާއިރު، ފުޓްބޯޅަ ފަށަން އެޗްޕީއޭ އިން ހުއްދަ ނުދޭތީ އެ ކްލަބްތަކުން ތިބީ މުބާރާތަށް ވާނުވާ ނޭނގި ގޮތްހުސްވެފަ އެވެ.

ކޮވިޑް-19އާ ހެދި މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަން ކުރުކޮށްލަން ޖެހުމުން ތިން ވަނަ ޑިވިޝަން މުބާރާތް ނުބާއްވަ އެވެ. މި އަހަރުގެ ތިން ވަނަ ޑިވިޝަނަކީ މިދިޔަ ދެ އަހަރުގެ މުބާރާތެވެ. މި ފަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް އެކުލަވާލީ އޮތީ ތިން ވަނަ ޑިވިޝަނުން ޕްރޮމޯޓްވާ ޓީމުތައް ހިމަަނައިގެންނެވެ. އެކަމަކު ތިން ވަނަ ޑިވިޝަން ފެއްޓޭނެ ތާރީހެއް ނޭނގޭތީ ފުޓްބޯޅަ ކަލަންޑަރު އެކުލަވާލައި ތަރުތީބެއްގެ ދަށުން ސީޒަން ގެންދަން އެފްއޭއެމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ.

ކްލަބްތަކަށް އޮތް ބޮޑު ދައްޗަކީ މާލީ ގޮތުން ހުރި ގޮންޖެހުންތައް އިންތިހާ އަށް ބޮޑުވުމެވެ. އެ ގޮތުން އާންމު ގޮތެއްގައި ތިން ވަނަ ޑިވިޝަނަށް ބަޖެޓެއް އެކުލަވާލައިގެން ޓީމު ރާވަނީ ދެ މަސް ދުވަހު ހަރަދުކުރާ ގޮތަށެވެ. އެކަމަކު މުބާރާތް ނުފެށި ދިގުލައި ގޮސް އެ ހަރަދުތައް ތިން ހަތަރު މަސް ވަންދެން ކުރަން ޖެހިއްޖެނަމަ އޭގެ ތަކުލީފު ކްލަބްތަކަށް ބޮޑުވެ، މާލީ ގޮތުން ވަރަށް ހާލަތު ދަށަށް ދިއުމުގެ ފުރުސަތު ބޮޑެވެ.

ތިން ވަނަ ޑިވިޝަނުގައި މި ފަހަރު 15 ޓީމު ވާދަކުރާއިރު، އޭގެ ތެރެއިން ހަތަރު ކްލަބަކުން ވަނީ އިއްޔެ ގަލޮޅު ދަނޑުގެ މީޑިއާ ރޫމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޓީމުތަކަށް ކުރިމަތިވެފައިވާ ހާލަތު ކިޔައިދީފަ އެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވީ ކްލަބް ވަން އެންޑް އޮންލީ އޮޕޮޗިއުނިޓީ، ލޮރެންޒޯ ސްޕޯޓްސް ކްލަބް، އެލްޓީ ސްޕޯޓްސް ކްލަބް އަދި ޓެންޓް ސްޕޯޓްސް ކްލަބް އެވެ.

އިއްޔެ ތިން ވަނަ ޑިވިޝަން ކްލަބްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިއްޔެ ތިން ވަނަ ޑިވިޝަން ކްލަބްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކްލަބް ވަން އެންޑް އޮންލީ އޮޕޮޗިއުނިޓީ އިން ބުނީ އެ ޓީމުން ތިން ވަނަ ޑިވިޝަނަށް ތައްޔާރުވީ ރަނގަޅު މުސާރައެއް ދީގެން ބިދޭސީ ހަތަރު ކުޅުންތެރިން ވެސް ގެނެސް އަދި އޭގެ އިތުރުން ފެންވަރު ރަނގަޅު ދިވެހި ކުޅުންތެރިންތަކެއް ވެސް ޓީމު ހިމަނައިގެން ކަމަށެވެ. އެކަމަކު މިހާރު މުބާރާތަށް ވާނެގޮތެއް ނޭނގި މިހެން ތިބެން ޖެހި ދެ މަސް ދުވަހަށް ބަޖެޓް ކޮށްގެން ތައްޔާރުވަމުން އައި މުބާރާތް ހަ މަސް ދުވަހަށް ދިގު ދެމިގެން ގޮސްދާނެ ކަމުގެ ބިރު ބޮޑުވެ، މާލީ ގޮތުން ދަތިހާލަތަކަށް ގޮސްދާނެތީ ކަންބޮޑުވާކަމަށް އެ ކްލަބުން ބުންޏެވެ.

"މުބާރާތް ދިގުދެމިގެންދާ ކޮންމެ ދުވަހަކީ އަޅުގަނޑުމެންގެ އަތުން އެތައް ބައެއްގެ ހައްގުތަކެއް މި ގެއްލިގެންދަނީ. ހަމައެކަނި ކްލަބްތަކެއް ނޫން ކްލަބްތަކަށް ކުޅޭ ޕްލޭޔަރުންގެ ހައްގުތަކެއް މި ގެއްލިގެންދަނީ. އެހެންވީމަ އެފްއޭއެމުން އަޅުގަނޑުމެންނަށް މި ދޭ އެއްބާރުލުމުގެ އިތުރުން އެބަ ބޭނުންވޭ ސަރުކާރުގެ ބޮޑު އެއްބާރުލުމެއް. މިއީ ޒުވާނުންގެ ހައްގުތަކެއް މި ގެއްލެނީ. އެ ގޮތަށް ދާއިރު ކަމާބެހޭ އެއްވެސް ބަޔަކު މި އަށް އަޅާނުލާތަން މި ފެނިގެންދަނީ އަސްލު،" ކްލަބް ވަން އެންޑް އޮންލީ އޮޕޮޗިއުނިޓީ އިން ބުންޏެވެ.

ދާދި ފަހުން ނިމުނު ރާއްޖޭގެ ޓްރާންސްފާ މާކެޓްގައި ފުރަތަމަ ޑިވިޝަނުގެ ބައެއް ކްލަބްތަކުން ވަން އެންޑް އޮންލީ އޮޕޮޗިއުނިޓީ އަށް ކުޅޭ ބިދޭސީ ކުޅުންތެރިންނަށް ހުށަހެޅުންތަކެއް ލިބުނު ކަމަށާއި އެކަމަކު އޭގެ އަށް ނޫނެކޭ ބުނީ މާދަމާ ވެސް ތިން ވަނަ ޑިވިޝަން މުބާރާތް ފެށޭނެ ކަމުގެ އުއްމީދުގަ އެވެ.

"ކްލަބްތަކަށް ކޮށްދޭ ކަމެއްގެ ގޮތުގައި ނޫން ދެކެންވީ ޒުވާނުންގެ ކޮމިއުނިޓީ އަށް ކޮށްދޭ ކަމެއްގެ ގޮތުގައި ދެކެންވީ އެންމެން ވެސް. އެއީ ތިން ވަނަ ޑިވިޝަން ޓީމުތަކުގައި މުޅިން ކަހަލަ ގޮތަކަށް މި ތިބީ ޒުވާނުން،" ކްލަބް ވަން އެންޑް އޮންލީ އޮޕޮޗިއުނިޓީ އިން ބުންޏެވެ.

ލޮރެންޒޯ ސްޕޯޓްސް ކްލަބުން ބުނީ ތިން ވަނަ ޑިވިޝަންގެ ގިނަ ކްލަބްތަކެކޭ އެއްގޮތަށް އެ ޓީމުން ވެސް މުޅި ރާއްޖޭގެ އެކި ހިސާބުތަކުން ކުޅުންތެރިން މާލެ ގެނެސްގެން އެކޮމަޑޭޝަން ހަމަޖައްސައިދީގެން އެތައް ހަރަދެއް ކުރަމުންދަނީ މުބާރާތް ފެށޭތޯ ކަމަށާއި މިހެން މުބާރާތް ފެށޭނެ ދުވަހެއް ނޭނގި ގިނަ ހަރަދުތަކެއް ކުރަން ޖެހުމަކީ މާލީ ގޮތުން ބަލާއިރު ވަރަށް ދަތިކަމެއް ކަމަށެވެ.

"އަޅުގަނޑުމެން އެކަންޏެއް ނޫން މި ހުރިހާ ހަރަދެއް މި ކުރަނީ. ތިން ވަނަ ޑިވިޝަންގެ ހުރިހާ ކްލަބެއް ވެސް މި ހަރަދުކުރޭ. އަޅުގަނޑުމެންގެ އެދުމަކީ ގައިޑްލައިނެއްގެ ދަށުން ޕްރެކްޓިސް ވެސް ފަށައި މި ކުރިއަށްގެންދިއުން އަދި މުބާރާތް ފެށުން،" ލޮރެންޒޯ އިން ބުންޏެވެ.

ޓެންޓް ސްޕޯޓްސް ކްލަބުން ބުނީ ނޮވެމްބަރު މަހު 15 އިން ފެށިގެން ރާއްޖޭގެ އެކި ރަށްރަށުން އަށް ކުޅުންތެރިން ގެނެސްގެން ޕްރެކްޓިސް ކުރަން ފަށާފައިވާ ކަމަށާއި މުބާރާތް ފެށެން އެހާ ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް މި ގޮތަށް ހުއްޓާލައިގެން ހުންނަން ޖެހުމުން ވަރަށް ބޮޑު ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

"ގާތްގަނޑަކަށް އަށް ވަރަކަށް ޕްލޭޔަރުން ރަށްރަށުން ގެނެސްގެން ތަނެއްގައި ކުއްޔަށް ބަހައްޓައިގެން. އެއީ ތިން ވަނަ ޑިވިޝަން ޓީމުތަކަށް ވަރަށް ބޮޑު ހަރަދެއް. ދެން އަމިއްލަ އަށް ހަރަދުކުރާ ޓީމުތައް ވީމަ އެ ކަންބޮޑުވުން އިންނާނެ،" ޓެންޓް ސްޕޯޓްސް ކްލަބުން ބުންޏެވެ.

އެލްޓީ ސްޕޯޓްސް ކްލަބުން ބުނީ އެ ކްލަބްގެ އެދުމަކީ ވީހާވެސް އަވަހަކަށް ތިން ވަނަ ޑިވިޝަން ފައްޓައިދިނުން ކަމަށެވެ.

ލީގުގެ ކުޅުން ފަށަން މިހާތަނަށް ކުރި މަސައްކަތުގައި ކުރިއެރުމެއް ލިބިފައިނުވާތީ ކަމާ ބެހޭ ފަރާތްތަކުން ފުޓްބޯޅަ ކުޅުންތެރިންގެ ހައްގު ހޯދައިދިނުމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ގޮވާލައްވައިފަ އެވެ. އަދި ފުރަތަމަ ޑިވިޝަނެކޭ އެއްގޮތަށް ތިން ވަނަ ޑިވިޝަން ވެސް އަވަހަށް ފައްޓަން ބޭނުންވާ ކަމަށާއި ފުޓްބޯޅަ ނުފެށި ލަސްވާ ކޮންމެ ދުވަހަކީ މި ޓީމުތަކަށް ވެސް މާލީ ގޮތުން ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށާއި ފުޓްބޯޅައިގެ ތަރުތީބަށް ބަލާއިރު، މުބާރާތްތައް ހުއްޓާލައިގެން ތިބުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ބައްސާމް ފާހަގަކުރެއްވި އެވެ.