Roadha Mihaaru
ސްކޫލުތައް ނުހުޅުވާތީ އައިލެންޑާސްއިން އެޗުޕީއޭއަށް

ސްކޫލުތައް ނުހުޅުވާތީ އައިލެންޑާސްގެ ކަންބޮޑުވުންތައް އެޗްޕީއޭއަށް

25 މާޗް 2021

ކޮވިޑު-19އާ ގުޅިގެން މާލޭ ސަރަހައްދުގެ ސްކޫލްތައް ބަންދުކޮށްފައި އޮތް އޮތުން ދިގުލައިގެން ދާތީ، އެކަމުގެ ކަންބޮޑުވުންތަކާ އެކު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އިސް ވެރިންނާ އައިލެންޑާސް އެޑިއުކޭޝަންގެ ސްކޫލުތަކުން އިއްޔެ ބައްދަލުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑު-19އާ ގުޅިގެން މާލޭ ސަރަހައްދުގެ ސްކޫލްތައް ބަންދުކޮށްފައި އޮތް އޮތުން ދިގުލައިގެން ދާތީ، އެކަމުގެ ކަންބޮޑުވުންތަކާ އެކު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އިސް ވެރިންނާ އައިލެންޑާސް އެޑިއުކޭޝަންގެ ސްކޫލުތަކުން އިއްޔެ ބައްދަލުކޮށްފި އެވެ.

ބަލިމަޑުކަމުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގެ ގްރޭޑު 6 އިން ދަށުގެ ކުދިންނަށް އޮންލައިންކޮށް ކިޔަވައިދޭތާ މިހާރު ދޮޅު މަސް ވަނީ އެވެ. އެކަމަކު އެހެން ކަންކަމާ ގުޅޭ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދެމުން ދާތީ ތައުލީމީ ދާއިރާގެ ކަންބޮޑުވުން ބޮޑެވެ.

އައިލެންޑާސްއިން ހިންގާ ފިންލެންޑް އިންޓަނޭޝަނަލް ސްކޫލާއި ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލު އަދި ކެންގަރޫ އިންޓަނޭޝަނަލް ޕްރީ ސްކޫލުގެ އިސް، ވެރިން އެޗުޕީއޭއާ އެކު ބޭއްވި ބައްދަލުވުމުގައި ދަރިވަރުންގެ ކިޔެވުމަށް އިޔާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތައް ލިބެމުންދާކަން ފާހަގަކުރި އެވެ. އަދި ކުރިއަށް އޮތް ދިރާސީ އަހަރު ފެށުމުގައި ދިމާވާނެ ބޮޑެތި މައްސަލަތައް ވެސް އެޗުޕީއޭގެ ސަމާލުކަމަށް ގެނަ އެވެ.

އެ ބައްދަލުވުމުގައި އެޗްޕީއޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ސީނިއަ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގާއި ޑރ. ނަޒްލާ މުސްތަފާ އަދި، ބަލިމަޑުކަމުގެ ހާލަތު ބަދަލުވަމުން ދާ ގޮތް ދިރާސާކުރައްވާ ޑރ. ޝީނާ މޫސާ އެވެ.

އެ ބައްދަލުވުމުގައި އައިލެންޑާސްގެ އެގްޒެކެޓިވް ޑިރެކްޓަރު އަދްލީ ރަޝީދު ވިދާޅުވީ ކިޔަވައިދިނުމާއި ކިޔެވުމަކީ މުޅިން ތަފާތު ދެ ކަމަކަށް ވާތީ ޔޫޓިއުބުން ވީޑިއޯއެއް ދައްކާލައި މައުލޫމާތު ދިނުމަށް ފަހު އެއީ ކިޔަވައިދިނުން ކަމަށް ބުނެވިދާނެ ކަމަށެވެ. އެކަމަކު ފިލާވަޅު ދަސްވި މިންވަރު ބެލޭނީ ދަރިވަރާއި ޓީޗަރު ބައްދަލުވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ނަމަވެސް ޓީޗަރާ، ކުއްޖާ ދުރުގައި ބައިތިއްބައިގެން ދިރާސީ އަހަރެއް މި އޮތް ނިމެނީ. ސަރުކާރުން ވިޔަސް، ބެލެނިވެރިން އަދި ސްކޫލެއްގެ ޕްރިންސިޕަލާއި ޓީޗަރެއް ވިއަސް މިހެން އޮންލައިންލޮށް އެއް އަހަރު ކިޔަވައިދީފައި ކުދިން އަންނަ އަހަރު ދެން ގްރޭޑަށް ލޯ މަރާލާފައި ޕްރޮމޯޓުކުރަން ރަނގަޅުވާނެ ކަމަށް ގަބޫލުކޮށްގެން ނުވާނެ،" އަދްލީ ވިދާޅުވި އެވެ.

"މި ހާލަތުގައި މި ހުރިހާ ކުދިން މަތީ ގްރޭޑަށް ޕްރޮމޯޓުކުރުމުން ރާއްޖޭގެ ތައުލީމީ ދާއިރާއަށް ދިމާވާނީ އިއާދަނުކުރެވޭ ބޮޑު މައްސަލައެއް. އެއީ ޖީލެއްގެ ދަރިވަރުންނަށް ދަސްވެފައިވާ މިންވަރު އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި މަތީ ގްރޭޑުގެ ކަރިކިއުލަމް ކަވާކުރަން ސްކޫލުތަކުން ދުއްވައި ގަންނަ މައްސަލަ."

ފިންލެންޑު ސްކޫލުގެ ޕްރިންސިޕަލް ޑރ. އެއްޔާ ވެލާނެ ވަނީ ދުނިޔޭގެ އެހެން ގައުމުތަކާ ހިލާފަށް، ރާއްޖޭގައި ދަށް ގްރޭޑުތަކަށް ސްކޫލު ބަންދުކޮށް މަތީ ގްރޭޑުތަކުގެ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދޭތީ އެކަމާ ސުވާލުކުރައްވައިފަ އެވެ.

އެ ސުވާލަށް އެޗްޕީއޭއިން ދިން ޖަވާބަކީ ދަށް ގްރޭޑުތަކަށް ބަންދުކުރަން ނިންމީ ކުޑަކުދިންގެ ހަރަކާތްތައް މަދުކުރުން ކަމަށްވެ އެވެ. އެއީ ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް އަމަލުކުރަން އެ ކުދިންނަށް އުނދަގޫވާތީކަން ވެސް އެޗުޕީއޭގެ ތަޖުރިބާކާރުން ފާހަގަކުރެއްވި ކަމަށްވެ އެވެ.

ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެހެން ޕްރިންސިޕަލުން ވަނީ ސްކޫލުތައް ހުޅުވުން މުހިއްމު އަނެއް ސަބަބަކީ 2-12 އަހަރާ ދެމެދުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިން މި ވަގުތު ގޭގައި ބަންދުވެފައި ތިބުމެވެ.

އައިލެންޑާސްގެ ސްކޫލްތަކުގެ ބައެއް ވެރިން ވިދާޅުވި ގޮތުގައި މި އަހަރު ސްކޫލަށް ހާޒިރުވި އެއް މަހު އެނގުނީ ޓީޗަރުންގެ ބަސްއަހައިގެން ބޮޑެތި މީހުންނަށް ވުރެ ވެސް ރަނގަޅަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ދަރިވަރުން އެޅި ކަމެވެ.

ބިލަބޮންގް ސްކޫލުގެ ވައިސް ޕްރިންސިޕަލް މައުރޫފާ ވިދާޅުވީ ސްކްރީނަކީ ކިޔަވައިދޭން ރަނގަޅު މީޑިއަމެއް ނޫން ކަމަށެވެ.

"ސްކްރީން ކުރިމަތީ އެ ކުދިން ބޭތިއްބުމަކީ އެ ކުދިންނަށް ގެއްލުން ވެސް ވެދާނެ ކަމެއް...ހާއްސަ އެހީއަށް ބޭނުންވާ ކުދިން ފުރަތަމަ އައިޑެންޓިފައިވާނީ ވެސް ޅަ އުމުރުތަކުގައި ސްކޫލު ތެރެއިން،" އޭނާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ އެހާ ދިގު މުއްދަތަކަށް އޮންލައިން ކްލާސްތައް ބާއްވަން ޖެހުމުން ކިޔަވާ އުމުރުގެ ތުއްތު ކުދިންނަށް ނަފްސާނީ އަދި އިޖުތިމާއީ ގޮތުން ލިބޭ ގެއްލުންތަކާ މެދު އެޗުޕީއޭއިން ވެސް ވިސްނާ ކަމަށެވެ. އަދި އެޗްޕީއޭގެ ޓެކްނިކަލް ޓީމުން ދެނީ ލަފަޔާއި އިރުޝާދު ކަމަށާއި ނިންމުންތައް ނިންމަނީ ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން ކަމަށް ވެސް، އޭނާ ވިދާޅުވި އެވެ.