Roadha Mihaaru
"ހައްގަށް ހަނިކަން އަންނަ ވާހަކަދެއްކުން ގަބޫލެއްނުކުރަން"

ހައްގެއް ހަނިވާ ގޮތަށް ވާހަކަދެއްކުމަކީ ގަބޫލުކުރާ ކަމެއް ނޫން: އެމްޑީޕީ

25 މާޗް 2021

ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހާލަތްތަކާ ހިލާފަށް އެއްވެސް ހައްގަކަށް ހަނިކަން އަންނަ ގޮތަށް ވާހަކަދެއްކުމަކީ އެ ޕާޓީން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހާލަތްތަކާ ހިލާފަށް އެއްވެސް ހައްގަކަށް ހަނިކަން އަންނަ ގޮތަށް ވާހަކަދެއްކުމަކީ އެ ޕާޓީން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

ސިވިލް ސާވިސްގެ ގާނޫނަށް ބަދަލު ގެންނަން މަޖިލީހަށް ހުށަހެޅި ބިލެއްގެ ބަހުސްގައި، ސިވިލް ސާވެންޓުންނާ ގުޅުވައިގެން ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސަލީމް މިދިޔަ އަންގާރަ ދުވަހު ދެއްކެވި ވާހަކަތަކާ ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވެ އެވެ. އެއާއެކު، އޭނާ ވަނީ އެކަމަށް މައާފަށް އެދިވަޑައިގެންފަ އެވެ.

ސަލީމް ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފަކަށް "ބޭނުންހާ އެއްޗެއް ނުލިޔެވޭނެ، ބޭނުންހާ ވާހަކައެއް ނުދެއްކޭނެ" ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ސިވިލް ސާވިސްގެ ވަޒީފާއަކަށް ދާ މީހާ އެ ވަޒީފާއަށް އެ ދަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ދޫކޮށްލަން އެއްބަސްވެގެންނެވެ. އެއީ "މޫނެއް ނެތް" އަދި "އަޑެއް ނެތް" ބައެއް ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

"އޭނާއަކީ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ކަށްވަޅަށް ދާންދެން އަނގަމަޑުންލައިގެން ހުންނަން ޖެހޭ މީހެއް،" ސަލީލް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން، އެމްޑީޕީން ސިލްސިލާކޮށް ބާއްވާ "ރަށްވެހި ފަތިސް" ކެމްޕެއިންގެ ޕްރެސް ބްރީފިންގައި، އެ ކެމްޕެއިންގެ ތަރުޖަމާނު މުހައްމަދު ސައިފު ފާތިހު ވިދާޅުވީ އެމްޑީޕީއަކީ ރައްޔިތުންނަށް ހައްގުތައް ހޯދައިދިނުމުގެ ވަކާލާތުކޮށް އަދި މިނިވަން މުއައްސަސާތައް ތައާރަފްކޮށް ކޮންމެ ގޮތެއްގެ މީހުން ވަޒީފާއިން ވަކިކުރުމާ ދެކޮޅަށް ނިކުތް ޕާޓީއެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ހުށަހެޅުމާ އެއްކޮށް ސިވިލް ސާވިސް ކޮމިޝަނެއް އެ ވަނީ އުފެދިފައި. އަޅުގަނޑުމެންގެ ހުށަހެޅުމާ އެއްކޮށް ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ސީދާ ގާނޫނު އަސާސީގައި ލިޔެވި، ބަޔާންވެ އެ ހައްގުތައް އެ ވަނީ ކަށަވަރުކުރެވިފައި،" ސައިފު ވިދާޅުވި އެވެ.

އެމްޑީޕީ އަދި ރަށްވެހި ފަތިސް ކެމްޕެއިންގެ ސްޓޭންޑަކީ ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ހިފެހެއްޓެން ވާނީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައިކަން އޭނާ ފާހަގަކުރެއްވި އެވެ.

"އެއަށްވުރެ އިތުރަށް އެއްވެސް ހައްގަކަށް ބިރުވެރިކަން އަންނަ ގޮތަށް، އެއްވެސް ހައްގަކަށް އުނިކަން އަންނަގޮތަށް، އެއްވެސް ހައްގަކަށް ހަނިކަން އަންނަ ގޮތަށް އެއްވެސް ވާހަކައެއް ދެއްކުމަކީ އަދި އެއްވެސް އަމަލެއް ކުރުމަކީ ޕާޓީން ގަބޫލުކުރާނެ ކަމެއް ނޫން. އެ މަގަށް އަމަލެއް ނުކުރާނެ އަދި ނުވެސް ކުރާނެ،"

އޭނާ ވިދާޅުވީ މީގެ ކުރިން ސިވިލް ސާވެންޓުން އަދި ދައުލަތުގެ އެހެން މުއައްސަސާތަކުގެ މުވައްޒަފުން ޕާޓީ ޖަލްސާއަށް ހާޒިރުކުރުމާއި ކެމްޕެއިންކުރަން މަޖުބޫރު ކުރި ނަމަވެސް އެމްޑީޕިން އެގޮތަށް ކަންތައްތަކެއް ނުކުރާނެ ކަމަށެވެ.

"އަދިވެސް ތަކުރާރުކޮށްލާނަން. އެ ބާވަތުގެ އަމަލެއް، އެ ބާވަތުގެ ކަމެއް އަޅުގަނޑުމެން ނުކުރާނަން. އަޅުގަނޑުމެންނަކީ އިރާދަކުރެއްވިއްޔާ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމުގައި ސާބިތު ކަމާއެކު ދެގޮތެއް ނުވެ ދެމިތިބޭނެ ޕާޓީއެއް."

އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އަނަސް އަބްދުއްސައްތާރު ވިދާޅުވީ ހިޔާލު ފާޅުކުރުމާއި ތިމާ އެދޭ ފިކުރާއި ވިސްނުމުގެ ވަކާލާތަށް ހުރަސް އެޅުމަކީ އެ ޕާޓީގެ ގޮތެއް ނޫން ކަމަށެވެ.

"އެ މަގަށް މި ޕާޓީއެއް، ރަށްވެހި ފަތިސް ކެމްޕެއިނެއް، އަޅުގަނޑެއް ދުވަހެއްގައި ވެސް އަމަލުނުކުރާނަން،" ޕާޓީގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރެއްވި އަނަސް ވިދާޅުވި އެވެ.