Roadha Mihaaru
ގައިދީންނަށް ހާއްސަ އެޕެއް އެފްބީން ޓެސްޓްކުރަނީ

ގައިދީންނަށް ހާއްސަ އެޕެއް ފޭސްބުކުން ޓެސްޓްކުރަން ފަށައިފި

27 މާޗް 2021

އެކިއެކި ކުށްތަކާ ގުޅިގެން ޖަލު ހުކުމް ތަންފީޒުކުރާ މީހުންނަށް ހާއްސަކޮށްގެން ފޭސްބުކުން އެޕެއް ޓެސްޓްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެކިއެކި ކުށްތަކާ ގުޅިގެން ޖަލު ހުކުމް ތަންފީޒުކުރާ މީހުންނަށް ހާއްސަކޮށްގެން ފޭސްބުކުން އެޕެއް ޓެސްޓްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ވާހަކަ އެންމެ ފުރަތަމަ ތިލަކުރި ބްލޫމްބާގުން ބުނީ މާކް ޒުކަބާގްގެ އެފްބީން ގައިދީންނަށް ހާއްސަކޮށްގެން ޓެސްޓްކުރާ އެޕްގެ ނަމަކީ "ރީ-އެންޓްރީ" ކަމަށެވެ. އަދި އޭގެ ވާހަކަ ސިއްރުކޮށްގެން އުޅެނިކޮށް އެކްސިޑެންޓަކުން އިންސްޓަގްރާމް ފީޑްސްގެ އެންމެ ކުރީގައި އުޅޭ މީހުންގެ މެދުގައި އެކަން ހިއްސާކުރެވިގެން ދިޔައީ އެވެ.

ބްލޫމްބާގުން ބުނިގޮތުގައި ފޭސްބުކްގެ ބައެއްގެ ގޮތުގައި ޓެސްޓްކުރާ "ރީ-އެންޓްރީ"ގެ މައިގަނޑު ބޭނުމަކީ ޖަލު ހުކުމް ތަންފީޒުކޮށް އެނބުރި މުޖަތައުމަށް އަންނަ އިރު، އެކަމަށް ތައްޔާރުވާން މަގުފަހިކޮށް ދިނުމެވެ. އެގޮތުން މުޖުތަމައު ބަލައިގަންނަ، ބޭނުންތެރި ބަޔަކަށް އެ މީހުން ވާން އެޕުން އެތައް ގޮތަކުން އެހީވެދޭނެ އެވެ.

މިކަމާ ބެހޭ ގޮތުން ފޭސްބުކުން ރަސްމީކޮށް އަދި އެއްވެސް ތަފުސީލެއް ނުދިން ނަމަވެސް ގައިދީންގެ ހާއްސަ އެޕެއް ޓެސްޓްކުރަމުން އަންނަކަން ކަށަވަރުކޮށް ދީފައިވެ އެވެ.

"މިއީ ހަމަ މުޖުތަމައަށް ބޭނުންތެރި ހިދުމަތެއް ދިނުމުގެ ގޮތުން ކުރާ ކަމެއް. އަޅުގަނޑުމެންގެ އަމާޒެއް މާޖިނަލައިޒްޑް ކޮމިއުނިޓީއަކަށް ހިދުމަތް ކުރުމަކީ،" ފޭސްބުކްގެ ތަރުޖަމާނަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި "ރީ-އެންޓްރީ" މި ވަގުތު ޓެސްޓްކުރަމުން އަންނަނީ "އިންޓާނަލް" ކޮށެވެ. އެކަމަކު އެ ޓެސްޓްތަކަށް ފަހު، އެޕް "އެކްސްޓާނަލް" ކުރާނެ ކަމަށް ވިދާޅުވި އެވެ.

"މީގެ ތަފުސީލީ މައުލޫމާތު ފަހުން އަހަރެމެން ހިއްސާކުރާނަން،" ތަރުޖަމާނު ވިދާޅުވި އެވެ.