Roadha Mihaaru
ސަސް ބަލިކޮށް އީގަލްސް ފަސް ވަނަ އަށް

ސަސް ބަލިކޮށް އީގަލްސް ފަސް ވަނަ އަށް

26 މާޗް 2021

ކޮވިޑް ކޭސްތައް ގިނަވާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމަށް މެދުކަނޑާލި ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުޅުން މިއަދު ފަންސާސް ދުވަހަށް ފަހު އަލުން ފެށިއިރު، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) 2-1 އިން ބަލިކޮށް ކްލަބް އީގަލްސް ލީގުގެ ފަސް ވަނަ އަށް ޖެހިލައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ކޮވިޑް ކޭސްތައް ގިނަވާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމަށް މެދުކަނޑާލި ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުޅުން މިއަދު ފަންސާސް ދުވަހަށް ފަހު އަލުން ފެށިއިރު، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) 2-1 އިން ބަލިކޮށް ކްލަބް އީގަލްސް ލީގުގެ ފަސް ވަނަ އަށް ޖެހިލައިފި އެވެ.

އީގަލްސް ފަސް ވަނަ އަށް އެރީ ނުވަ މެޗުން 11 ޕޮއިންޓް ހަމަކޮށްގެންނެވެ. ހަތަރު ވަނައިގައި އޮތް ކްލަބް ގްރީން ސްޓްރީޓްސް އަށް ވަނީ އަށް މެޗުން 11 ޕޮއިންޓް ލިބިފަ އެވެ. އެ ޓީމު މިރޭ ކުޅޭ މެޗުގައި ޔުނައިޓެޑް ވިކްޓްރީއާ ބައްދަލުކުރާނެ އެވެ. ކުރިން ފަސް ވަނައިގައި އޮތް ޓީސީ މިހާރު އޮތީ ހަ ވަނައިގަ އެވެ. އެއީ ނުވަ މެޗުން ނުވަ ޕޮއިންޓާ އެކު އެވެ. ސަސް ހަތް ވަނައިގައި އޮތީ ނުވަ މެޗުން އަށް ޕޮއިންޓް ހޯދައިގެންނެވެ.

މި މަހުގެ ޓްރާންސްފާ މާކެޓްގައި އީގަލްސް އާއި ސަސް އިން ވަނީ އާ ކުޅުންތެރިންތަކެއް އެ ޓީމަށް ގެނެސްފަ އެވެ. އީގަލްސް އިން ވަނީ އެ ޓީމުން ގެނައި ކުޅުންތެރިން ތެރެއިން ތިން ކުޅުންތެރިއަކަށް ފުރަތަމަ އެގާރައިން ފުރުސަތު ދީފަ އެވެ. އެއީ ރަޝިއާގެ ފޯވާޑް ވްލަޑިސްލާވް ކޮރްމިޝިން އާއި ލެބަނަންގެ ކީޕަރު މުހައްމަދު ތޯހާ އަދި ގްރީން ސްޓްރީޓްސް އިން ކުރިން ފެނުނު އެލްސައީދު އެވެ.

ސަސް އިން ވަނީ ނެދަލެންޑްސްގެ ކްލަބްތަކަށް ކުޅުނު މޮރޮކޯ ދަރިކޮޅަށް ނިސްބަތްވާ މިޑްފީލްޑަރު މުހައްމަދު އަޖްނާނީ އާއި މާޒިޔާ އިން ލޯން އެއްބަސްވުމެއްގެ ދަށުން ގެނައި އަބްދުﷲ ޖުނައިދު (ޖެންނޭ) އަށް ފުރަތަމަ އެގާރައިން ފުރުސަތު ދީފަ އެވެ.

ލަނޑު ޖެހުމަށް ފަހު އީގަލްސްގެ ވްލަޑިސްލާވް އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ލަނޑު ޖެހުމަށް ފަހު އީގަލްސްގެ ވްލަޑިސްލާވް އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އީގަލްސް އިން ލީޑުނެގީ މެޗުގެ ނުވަ ވަނަ މިނިޓްގައި ވްލަޑިސްލާވް ވައްދާލި ޕެނަލްޓީންނެވެ. މިއީ ސަސް އޭރިއާތެރެއިން އެ ޓީމުގެ ކެޕްޓަން އަބްދުﷲ ހަނީފް (ބެންޖޯ) އީގަލްސްގެ މިސްރު ފޯވާޑް މުހައްމަދު އޮސާމާ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މެޗުގެ 12 ވަނަ މިނިޓްގައި ސަސްގެ ޔޫސުފް ޖުނައިދު ޒާހިރު އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ރަނގަޅަށް ފޮނުވާނުލެވުނުއިރު، އެ ބޯޅައިން އީގަލްސް އިން ވަނީ ކައުންޓަ އެޓޭކެއްގައި ދެ ވަނަ ގޯލެއް ޖަހައިފަ އެވެ. ހަސަން ރާއިފް އަހުމަދު (ހަންނަ) ދިން ބޯޅައަކުން މި ގޯލު ޖެހީ ވްލަޑިސްލާވް އެވެ.

ސަސްގެ ބިދޭސީ ކުޅުންތެރިޔާ މުހައްމަދުގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު، އޭނާ ތަނަވަސްކޮށްދޭ ފުރުސަތުތަކުގެ ބޭނުން ފުރަތަމަ ހާފުގައި އެ ޓީމަށް ނުހިފުނެވެ. ޒުވާން މިޑްފީލްޑަރު ހައިޝަމް ރަޝީދު އަށް ލިބުނު ދެ ފުރުސަތެއްގައި އެންމެ ރަނގަޅަށް ފޮނުވާނުލެވުނެވެ.

ދެ ވަނަ ހާފްގައި ލަނޑު ޖަހާނެ ފުރަތަމަ ހުސް ފުރުސަތު ލިބުނީ ސަސް އަށެވެ. ހިލޭ ޖެހުމަކުން މުހައްމަދު ނަގައިދިން ބޯޅަ ބެންޖޯ ބޮލުން ފޮނުވާލިއިރު ކީޕަރު ތޯހާ ވަނީ އެ ބޯޅަ ހުއްޓުވައިފަ އެވެ. އީގަލްސްގެ ފުރަތަމަ ފުރުސަތުތައް ލިބުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މުހައްމަދު ނާއިމް އަށެވެ. އޭނާ އަށް ލިބުނު ދެ ފުރުސަތު ވެސް ގެއްލުނީ ފޮނުވާލުން ލަސްކޮށްލުމުންނެވެ.

ސަސް އިން ވަނީ މެޗުގެ ފަހު 30 މިނިޓަށް އާދަމް އިޝާމް (ސަން) އާއި ސްވިޑަން ފޯވާޑް ޝްކޮޑްރަން މަހޯލީ ކުޅެން އަރުވައިފަ އެވެ. އޭގެ ފަހުން ކޯނަރަކުން އޭރިއާތެރަށް ހުރަސްވި ބޯޅަ މަހޯލީ ބޮލުން ފޮނުވާލި ނަމަވެސް ދިޔައީ އަރިމަތިން ބޭރުންނެވެ. މެޗުގެ 82 ވަނަ މިނިޓްގައި ސަސް އިން ލަނޑެއް ޖެހުމާ ގާތަށް ޖެހިލި އެވެ. އޭރިއާބޭރުން ލިބުނު ހިލޭ ޖެހުމަކުން މުހައްމަދު ފޮނުވާލި ބޯޅަ އަމާޒުވީ ހުރަސްދަނޑިއަށެވެ. އޭގެ ހަތަރު މިނިޓް ފަހުން ސަސްގެ ގޯލު ޖެހީ މަހޯލީ އެވެ. މި ފަހަރު ޓްރާންސްފާގައި ސަސް އިން ގެނައި މަހޯލީ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ. އިތުރު ގޯލެއް ޖަހައި އެއްވަރުކުރަން ސަސް އިން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

ލީގުގެ ފުރަތަމަ ބުރުގައި ސަސް އިން ވަނީ 1-0 އިން އީގަލްސް ބަލިކޮށްފަ އެވެ. އޭރު އީގަލްސް ކޯޗަކަށް ހުރީ މިހާރު ސަސްއާ ހަވާލުވެ ހުރި ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އެވެ. މޯހަން ބުނީ އެހާ ދުވަސްކޮށްފައި މެޗަށް ނުކުންނައިރު އުނދަގޫތަކެއް ހުންނާނެ ކަމަށާއި އެ ޓީމު ބަލިވީ މެޗުގެ ކުރީކޮޅުގައި ހެދުނު ގޯސްތަކަކުން ވަން ގޯލުތަކެއްގެ ސަބަބުން ކަމަށެވެ.

ސަސްގެ ހޮކޭ (ކ) ކައިރިން އީގަލްސްގެ ހަންނަ (ވ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަސްގެ ހޮކޭ (ކ) ކައިރިން އީގަލްސްގެ ހަންނަ (ވ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ފެއްޓުން އަޅުގަނޑުމެންގެ ވަރަށް ދަށްކޮށް ދިޔައީ. ފުރަތަމަ 15 ނޫނީ 20 މިނިޓް ގާތްގަނޑަކަށް މުޅިން ހެން އީގަލްސް ކުޅުނީ. އަޅުގަނޑަށް ހީވަނީ ކުޅުންތެރިން ތަންކޮޅެއް ބިރުން ތިބި ކަހަލަ ގޮތަކަށް ފެނިގެންދިޔައީ. ދެން 2-0 ގެ ފަހުން ނިކުމެ ކުޅެން ފެށީ. ފުރަތަމަ ގޯލަކީ މިސްޓޭކެއް ވަރަށް ބޮޑު. ނެގުނު ނުބައި ޑިޒިޝަނެއް. ދެ ވަނަ ގޯލުގައި އަޅުގަނޑުމެން 1-1 ހަދަން ލިބުނު ޗާންސެއް މިސްކުރެވިގެން އެ އައި ބޯޅަ ވަނީ. އޭގެ ވެސް މިސްޓޭކެއް ހެދުނީ. ތަންކޮޅެއް ފަރުވާކުޑަ ކަހަލަ ގޮތަކަށް ނޫނީ ބިރުގަނެފައޭ ދެންނެވޭނީ،" މޯހަން ބުންޏެވެ.

އޭނާ ބުނީ ކުރިއަށް ހުރި މެޗުތަކުގައި ޓީމުގެ ދިވެހި ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިން އެކުވެގެން ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ކަމުގެ އުއްމީދު ބޮޑުކަމަށެެވެ.

މިއީ އީގަލްސްގެ ކޯޗުކަމާ މުހައްމަދު ޝާޒްލީ (ޝާޒް) ހަވާލުވި ފަހުން އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. ޝާޒް އީގަލްސްއާ ހަވާލުވިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި މިދިޔަ މަހު ތިން ވަަނަ ދުވަހު ސަސްއާ ދެކޮޅަށް އީގަލްސް ކުޅެން އޮތް މެޗު އޮތީ ފުރަތަމަ ޝެޑިއުލްކޮށްފަ އެވެ. އެކަމަކު އެޗްޕީއޭގެ އެންގުމަށް ލީގު މެދުކަނޑާލުމުން ދެ މަހެއްހާ ދުވަސް ފަހުން މިއަދު މި މެޗު ކުޅުނުއިރު، ދެ ޓީމަށް ވެސް މި އޮތީ ޓްރާންސްފާ މާކެޓާ އެކު ގިނަ ބަދަލުތަކެއް އައިސްފަ އެވެ. އީގަލްސް މި މެޗުން މޮޅުކޮށްދިން ދެ ގޯލު ޖެހި އަދި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ފޯވާޑް ވްލަޑިސްލާވް އަކީ ވެސް ޓްރާންސްފާގައި އީގަލްސްއާ ކުޅުނު ކުޅުންތެރިއެކެވެ.

ޝާޒް ބުނީ ޓީމު ދަސްކުރަން ވަގުތު ކޮޅެއް ލިބުމަކީ އެޑްވާންޓޭޖެއްގެ ގޮތުގައި ބެލިދާނެ ކަމަށާއި އެކަމަކު މެޗެއް ނުކުޅެ ހުރުމުން އޭގެ ދަތިތަކެއް ވެސް ދިމާވި ކަމަށެވެ. ޖުމްލަކޮށް ބަލާއިރު ކުޅުން ރަނގަޅުވެފައި ތިން ޕޮއިންޓާ އެކު ފެށުމަކީ ލިބުނު ހިތްހަމަޖެހުމެއް ކަމަށް ޝާޒް ބުންޏެވެ.

"އެހާ ދުވަސް ލިބުނީމަ ހަގީގަތުގައި ޓީމާ އެކު މަސައްކަތްކޮށްލަން ލިބުމުން އެއީ އެޑްވާންޓޭޖެއް. ދެން އެހެން ނަމަވެސް ފުޓްބޯޅައިގައި އެންމެ އުނދަގޫ ކަމަކަށް މީނީ އަނެއް ޓީމު ނޭގުން. ދެން އަނެއްކާ ވެސް ފުރަތަމަ މި ނުކުންނަން ޖެހުނީ ކުރީގެ ސަސްއާ ދެކޮޅަކަށް ނޫން ބޭރު ކުޅުންތެރިންނާ އެކު ދިވެހި ކުޅުންތެރިންނާ އެކު ޗޭންޖްވެފައި ހުރީ. އެކަމަކު އީގަލްސްއާ އެކު ކުރެވުނު މަސައްކަތުގައި ޓެކްޓިކްސް އަށް މަސައްކަތްކޮށް ކުޅުންތެރިން ކުރި މަސައްކަތާ މެދު ހިތްހަމަޖެހޭ،" ޝާޒް ބުންޏެވެ.

ޝާޒް ބުނީ އުއްމީދަކީ ކުރިއަށް ހުރި މެޗުތަކުގައި އީގަލްސް އިން މި އަށް ވުރެ ރަނގަޅު ކުޅުމެއް ދެއްކުން ކަމަށެވެ.