Roadha Mihaaru
ފްލެޓްގެ ކުލި ކުޑަކޮށްދޭން އެދި މަޖިލީހަށް ޕެޓިޝަނެއް

ހިޔާ ފްލެޓްތަކުގެ ކުލި 5،600ރ. އަށް ކުޑަކޮށްދޭން އެދި މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅަނީ

01 އޯގަސްޓް 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތްކުރި ހިޔާ ފްލެޓްތަކުގެ މަހު ކުލި 5،600ރ. އަށް ކުޑަކޮށްދިނުމަށާއި އިންޓީރިއާ ފިނިޝިން އަށް ހޭދަވާ ގްރޭސް ޕީރިއަޑް 12 މަހަށް އިތުރުކޮށްދިނުމަށް އެދި އެ ފްލެޓްތައް ލިބުނު 2،177 މީހެއްގެ ސޮޔާ އެކު ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅަން ތައްޔާރުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތްކުރި ހިޔާ ފްލެޓްތަކުގެ މަހު ކުލި 5،600ރ. އަށް ކުޑަކޮށްދިނުމަށާއި އިންޓީރިއާ ފިނިޝިން އަށް ހޭދަވާ ގްރޭސް ޕީރިއަޑް 12 މަހަށް އިތުރުކޮށްދިނުމަށް އެދި އެ ފްލެޓްތައް ލިބުނު 2،177 މީހެއްގެ ސޮޔާ އެކު ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅަން ތައްޔާރުވެއްޖެ އެވެ.

ހިޔާ ފްލެޓް ޔޫނިއަނުން ބުނީ ފްލެޓްގެ ކުލި ކުޑަކޮށްދިނުމަށާއި ގްރޭސް ޕީރިއަޑް 12 މަހަށް އިތުރުކޮށް، ޖުމުލަ އަގުން އިންޓީރިއާއަށް ހޭދަވާ އެއް ލައްކަ ރުފިޔާ މާފުކޮށްދިނުމަށް އެދި 2،177 މީހެއްގެ ސޮޔާ އެކު މިދިޔަ ޖޫން މަހުގެ އެއް ވަނަ ދުވަހު ރައީސް އޮފީހާއި ހައުސިން މިނިސްޓްރީ އަދި އެޗްޑީސީ އަށް ހުށަހެޅި ނަމަވެސް އެކަމަށް ހައްލެއް ހޯދައި ދީފައި ނުވާ ކަމަށެވެ.

ފާއިތުވި ދެ މަސް ދުވަހު މަސައްކަތްތަކެއް ކުރެވުނު ނަމަވެސް ސަރުކާރުގެ ވުޒާރާތަކުން މިކަމަށް އެދެވޭ ހައްލެއް ހޯދިފައި ނުވާތީ އެ ކަންބޮޑުވުންތައް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރެޓީ ލީޑަރު އަލީ އާޒިމްއާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ހިޔާ ޔޫނިއަނުން ބުނެ އެވެ.

އެ ޕެޓިޝަނުގައި، ކުލި ކުޑަކުރުމާއި ގްރޭސް ޕީރިއަޑްގެ މުއްދަތު އިތުރުކުރުމުގެ އިތުރަށް އެދުނީ ފްލެޓްގެ ޖުމުލަ އަގުން އިންޓީރިއާ އަށް ހޭދަވާ 100،000ރ. މާފުކޮށްދިނުމަށެވެ.

ޔޫނިއަނުން ބުނިގޮތުގައި، ގާތްގަނޑަކަށް 25،000 އަށް ވުރެ ގިނަ ރައްޔިތުންތަކަކާ ސީދާ ގޮތުން ގުޅިފައިވާ މި މައްސަލަ އަށް ހައްލެއް ލިބުމަށް ޔޫނިއަނުން އެދެ އެވެ.

"ސަރުކާރާއި މަޖިލިސް ގުޅިގެން ކުރެވޭ މަސައްކަތްތަކުން ހާސިލް ނުކުރެވޭނެ އެއްވެސް ކަމަކަށް ޔޫނިއަން އިން އެދިފައި ނުވާނެ އެވެ،: އެ ޖަމާއަތުން ބުންޏެވެ.

ފްލެޓް ލިބުނު މީހުން "ފަހުގެ އާދޭސް" ގެ ނަމުގައި ސޯޝަލް މީޑިއާގައި ކުރިއަށް ގެންދިޔަ ހިމޭން އިހުތިޖާޖުގައި ވެސް ގިނަ ބަޔަކު ތަނުގެ ކުލި ބޮޑުކަން ފާހަގަކުރި އެވެ. ސާވިސް ފީ ހިމެނޭ ގޮތަށް މަހު ކުލީގެ ގޮތުގައި މިހާރު 8،500 ރުފިޔާ ހިޔާގެ ފްލެޓަކަށް ދައްކަން ޖެހޭނެ އެވެ.

ފްލެޓްތައް ލިބުނު މީހުންނާ އެކު އެއްބަސްވުމުގައި ސޮއިކުރަމުން އަންނައިރު އެއީ "ފިނިޝިން" ނެތް ފްލެޓްތަކެކެވެ. މިހެންވެ ފްލެޓްގެ މަަސައްކަތް ނިންމަން ތިން މަސް ސަރުކާރުން ދޭން ނިންމިއިރު މި ތިން މަހަށް އެއްވެސް ފީއެއް ނުނަގާނެ އެވެ.

ފްލެޓް ލިބޭ މީހުންގެ އަމިއްލަ އަށް ފިނިޝިން އަށް ހަރަދު ކުރަން ޖެހޭއިރު އެކަމަށް ވެސް މަދުވެގެން އެއް ލައްކައެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވެ އެވެ.