Roadha Mihaaru
ޓްރައިބިއުނަލްގެ އިދާރީ ދެ ވެރިން ވަޒީފާއިން ވަކިކޮށްފި

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ އިދާރީ ދެ ހިންގުންތެރިން ވަޒީފާއިން ވަކިކޮށްފި

28 މާޗް 2021

މުވައްޒަފުންގެ ޝަކުވާތަކާ ގުޅިގެން ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ކައުންސެލާ ޖެނެރަލް އާލިޔާ ހަނީފާއި ޗީފް އެޑްމިނިސްޓްރޭޓާ އަބްދުލްއަޒީޒް އަހުމަދު މަގާމުން ވަކިކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މުވައްޒަފުންގެ ޝަކުވާތަކާ ގުޅިގެން ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ކައުންސެލާ ޖެނެރަލް އާލިޔާ ހަނީފާއި ޗީފް އެޑްމިނިސްޓްރޭޓާ އަބްދުލްއަޒީޒް އަހުމަދު މަގާމުން ވަކިކޮށްފި އެވެ.

އެ ދެ މީހުން ވަޒީފާއިން ވަކިކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ވަޒީފާއާ ބެހޭ ޓްރައިިބިއުނަލުން ބުނީ އެ ދެ މީހުން ވަޒީފާއިން ވަކި ކުރީ ޑިސިޕްލީން މައްސަލަތަކެއްގެ ސަބަބުން ކަމަށެވެ. އެ އިދާރާގެ ހިންގުމުގެ އެންމެ އިސް ދެ މުވައްޒަފުންނާ ގުޅޭ ގިނަ ޝަކުވާތަކެއް ހުށަހެޅުމާ ގުޅިގެން އެ މައްސަލަ ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރުން ބައްލަވައިފަ އެވެ. އަދި އެ މައްސަލަ ބެއްލެވުމަށްފަހު ހަތް މެންބަރުންގެ އިއްތިފާގުން ނިންމެވީ އެ ދެ މީހުން މަގާމުން ވަކި ކުރާށެވެ.

އާލިޔާ އާއި އަޒީޒް މަގާމުން ވަކި ކުރި އިރު އެ ދެ މީހުން ކައުންސެލް ޖެނެރަލްް ކަމާއި ޗީފް އެޑްމިނިސްޓްރޭޓާގެ މަގާމުގައި އަދި ވީ މަހެއްހާ ދުވަހެވެ. އެހެންކަމުން މަގާމުން ވަކި ކޮށްފައިވަަނީ ޕްރޮބޭޝަން މުއްދަތުގަ އެވެ. މީގެ ކުރިން އާލިޔާ ހުރީ ރަޖިސްޓްރާގެ މަގާމުގަ އެވެ. އަދި އަޒީޒް ހުރީ އެޑްމިނިސްޓްރޭޓާ އެންޑް އެޗްއާރް ޑިރެކްޓަރުގެ މަގާމުގަ އެވެ.

ޗީފް އެޑްމިނިސްޓްރޭޓާގެ މަގާމާއި ކައުންސެލް ޖެނެރަލްގެ މަގާމު އުފައްދައި މުސާރައަށް 37،000ރ. ލިބޭ ގޮތަށް އެ ދެ މަގާމު އުފެއްދީ ވެސް އާލިޔާ އާއި އަޒީޒަށް ޓާގެޓްކޮށްގެން ކަމަށް އެ އިދާރާގެ ބައެއް މުވައްޒަފުން ތުހުމަތު ކުރެ އެވެ. މިގޮތަށް މުވައްޒަފުން ބުނާ އެއް ސަބަބަކީ އެ ދެ މަގާމަށް އިންޓާނަލްކޮށް ހުޅުވައިލި އިރު އެ ދެ މަގާމަށް ޝަރުތު ހަމަވާ އެ އޮފީހުގައި ތިބީ ވެސް އެ ދެ މުވައްޒަފުން ކަމަށްވާތީ އެވެ.