Roadha Mihaaru
ޓްރައިބިއުނަލް މެމްބަރުންގެ މެޓާނިޓީލީވް އިތުރުކޮށްފި

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރުން ވިހެއުމުން ދޭ ޗުއްޓީ ހަ މަސް ދުވަހަށް އިތުރުކޮށްފި

26 އެޕްރީލް 2023

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރުން ވިހެއުމުން ދޭ ޗުއްޓީ އެންމެ ފަހުން ހަ މަސް ދުވަހަށް އިތުރުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރުން ވިހެއުމުން ދޭ ޗުއްޓީ އެންމެ ފަހުން ހަ މަސް ދުވަހަށް އިތުރުކޮށްފި އެވެ.

ޓްރައިބިއުނަލްގެ މެމްބަރުންނަށް ކުރިން ދެމުން އައީ ދެ މަހުގެ ޗުއްޓީއެކެވެ.

އެ އިދާރާގެ މެންބަރުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ އުސޫލަށް ގެނައި އިސްލާހުގައި ވަނީ، ވިހެއުމުން މުސާރައާ އެކު އަންހެން މެމްބަރުންނަށް ލިބޭ ޗުއްޓީ ހަ މަހަށް އިތުރުކޮށްފައިވާ ކަމަށެވެ. އެ އުސޫލު މިއަދު ގެޒެޓުގައި ޝާއިއުކުރުމާއެކު އެއަށް އަމަލުކުރަން ވަނީ ފަށައިފަ އެވެ.

އަންހެން ސިވިލް ސާވެންޓުންނަށް އަންނަނީ މުސާރަ ލިބޭ ގޮތަށް މާޗު، 2019 އިން ފެށިގެން ހަ މަސް ދުވަހުގެ މެޓާނިޓީ ލީވް ދެމުންނެވެ. ނަމަވެސް، ކުންފުނިތަކުގެ ބޯޑާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުން ނިންމާ ގޮތަކަށް، އެ ތަނެއްގައި މެޓާނިޓީ ލީވް ދެވެ އެވެ.

ޓްރައިބިއުނަލް އިން މީގެ ކުރިން އަމަލުކުރަމުން އަންނަ އުސޫލްގައިވާ ގޮތުން މެމްބަރުންނަށް ދެ މަސް ލިބޭއިރު، އިދާރީ މުވައްޒަފުންނަށް ހަ މަސް ދެ އެވެ. މިކަން ބަދަލުކުރަން ގޮވާލި މައްސަލަ ފެންމަތިވީ، މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ޓްރައިބިއުނަލްގެ މެމްބަރު ޝަމްއާ އިބްރާހިމް ވިހެއުމަށްފަހު، ދެ މަސް ދުވަސް ނުވަނީސް އޮފީހަށް ނުކުތުމަށް އެންގެމުންނެވެ.

އޭނާ އޭރު ވިދާޅުވީ ދަރިފުޅުގެ ހާލު ހުރި ގޮތުން އެންމެ ދެ މަހުގެ ޗުއްޓީއަކުން އޭނާ އަށް ނުވާނެތީ އެ މުއްދަތު އިތުރުކޮށްދިނުމަށް އެދިވަޑަގަތަސް، މަސައްކަތް ކުރާތާ ނުވަ އަހަރުވެފައިވާ ޓްރައިބިއުނަލުން އެ ފުރުސަތު ފަހިކޮށްދީން ދެކޮޅު ހެދި ކަމަށެވެ.

އެއާއެކު، ވަޒީފާ އަދާކުރުމުގައި ދިމާވާ މައްސަލަތަކުގައި ހައްގު ހޯދައިދޭން ތިބި އެ ޓްރައިބިއުނަލުން އެ ހައްގު ނުލިބުމަކީ ކަންބޮޑުވުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެއަށް ރައްދު ދީ ޓްރައިބިއުނަލް އިން ބުނެފައި ވަނީ ޝަމްއާއަށް ދެވެން ހުރި ހުރިހާ ލުއިތަކެއް ދިނުމަށް މަސައްކަތް ކޮށްފައި ވާނެ ކަމަށެވެ.

މެޓާނިލިޓީ ލީވްގެ މުއްދަތާ ގުޅޭގޮތުން ޓްރައިބިއުނަލުން އޭރު ބުނި ގޮތުގައި ހުރިހާ އަންހެން މެމްބަރުން ހަ މަސް ދުވަހުގެ މެޓާނިޓީ ލީވެއް ނެގުމުން އިދާރާގެ މަސައްކަތަށް ބުރޫއަރައި އާއްމުންގެ ހައްގުތަކަށް އެކަމުގެ ސަބަބުން ސީދާގޮތެއްގައި އަސަރުކުރާ ކަމަށް މެމްބަރުންނަށް ގަބޫލުކުރެއްވޭ ކަމަށެވެ.

އެހެންވެ، އެ އުސޫލު ފާސްކުރިއިރު މަސައްކަތަށް ބުރޫނާރާނެހެން ޗުއްޓީތައް ނެގުމަށް ހުރިހާ މެމްބަރުން އެއްބަސްވެވަޑައިގެންނެވި ކަމަށް ބުންޏެވެ.

މެމްބަރުންގެ ސުލޫކީ މިންގަނޑުގައި ބުނީ މެންބަރުކަމަށް އައްޔަންކުރާ ތާރީހުން ފެށިގެން ތިން މަސް ދުވަސް ހަމަވުމުން، އަހަރީ ޗުއްޓީގެ ގޮތުގައި ތިން ދުވަސް ލިބޭނެ ކަމަށެވެ. އިތުރު މަސް ދުވަހެއް ހަމަވުމުން، އަހަރީ ޗުއްޓީގެ ގޮތުގައި އިތުރު ތިން ދުވަސް އަދި ހިދުމަތުގެ ފުރަތަމަ 12 މަސް ދުވަސް ހަމަވުމުން، އަހަރީ ޗުއްޓީގެ ގޮތުގައި 30 ދުވަސް ލިބޭނެ ކަމަށް ވެސް ބުންޏެވެ.

ހިދުމަތުގެ ދެވަނަ އަހަރުގެ ތެރޭގައި އަހަރީ ޗުއްޓީގެ ގޮތުގައި ލިބޭނީ، އުސޫލުގައިވާ ގޮތުން ހިދުމަތުގެ ފުރަތަމަ އަހަރުގެ އަހަރީ ޗުއްޓީގެ 30 ދުވަހުގެ ތެރެއިން ބާކީ އޮތް ދުވަސްތަކެވެ. އެ އަހަރުގެ ތެރޭގައި އަހަރީ ޗުއްޓީގައި ބާކީ އޮތް ދުވަސްތައް އެއްކޮށް ނުވަތަ އެކި ފަހަރު މަތިން ބަހާލައިގެން ވެސް ނެގިދާނެ ކަމަށް ބުންޏެވެ.