Roadha Mihaaru
ސީރަމްއިން ގަންނަ 100،000 ޑޯޒް ވެކްސިން ގެނެސްފި

ސީރަމް އިންސްޓިޓިއުޓުން ގަންނަ ވެކްސިންގެ 100،000 ޑޯޒް ރާއްޖެ ގެނެސްފި

29 މާޗް 2021

އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން ގަންނަ ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް މިއަދު ރާއްޖެ ގެނެސްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން ގަންނަ ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް މިއަދު ރާއްޖެ ގެނެސްފި އެވެ.

ސީރަމް އިންސިޓިޓިއުޓް އޮފް އިންޑިއާ އަދި ސީރަމް އިންސްޓިޓިއުޓް ލައިފް ސައިންސް އާއެކު ރާއްޖެއިން ވަނީ ކޮވިޑް ވެކްސިން ގަންނަން މިދިޔަ އަންގާރަ ދުވަހު ސޮއިކޮށްފަ އެވެ. މިއީ، އެ އެއްބަސްވުމުގެ ދަށުން ގެނައި ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ކުރިން ބުނީ ސީރަމް އިންސްޓިޓިއުޓުން ގަންނަނީ 300،000 ޑޯޒް ކަމަށެވެ.

ރާއްޖެ އަށް ވެކްސިން ފޮނުވައިދީފައި މިވަނީ، ކޮވިޑްގެ ވެކްސިން އެކްސްޕޯޓްކުރުން މި ވަގުތަށް އިންޑިއާއިން މެދުކަނޑާލައި ވަނިކޮށެވެ. ދެން އެންމެ އަވަހަށް ވެސް އެ ގައުމުގެ ވެކްސިންތައް އެކްސްޕޯޓްކުރެވޭނީ އެޕްރީލްގެ ފަހުން ކަމަށް، ހެލްތު މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ، ބީބީސީން ބުނެފައި ވެ އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވީ އެއްވެސް ދައްޗަކާ ނުލައި ރާއްޖެ އަށް ވެކްސިންގެ 100،000 ޑޯޒް ލިބޭނެކަމުގެ ޔަގީންކަން އިންޑިއާއިން ދީފައިވާ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިންގެ ޕްރޮގްރާމް ފުރަތަމަ ފެށީ ވެސް އިންޑިއާ އިން ހަދިޔާކުރި 100،000 ޑޯޒް ކޮވިޝީލްޑް ވެކްސިނުންނެވެ. އޭގެ ފަހުން އެ ގައުމުން އިތުރު 100،000 ޑޯޒް ދީފައި ވެ އެވެ. ޗައިނާ އިން ވެސް ވަނީ ވެކްސިންގެ 200،000 ޑޯޒް ހަދިޔާކުރަން ނިންމައިފަ އެވެ.

ކޮވިޝީލްޑްގެ އިތުރުން ފައިޒާ އަދި ސައިނޯފާމް ވެކްސިނަށް ރާއްޖެއިން ހުއްދަދީފައި ވެ އެވެ. އެކަމަކު މި ވަގުތު ޖަހަމުން އަންނަނީ ހަމައެކަނި ޗައިނާގެ ސައިނޯފާމް ވެކްސިނެވެ. މިހާތަނަށް 232،175 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ވެ އެވެ.